ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅުވައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އިހްސާން ވިދާޅުވީ، އޭޓީއެމް ބަހައްޓާތީ ފާޑުކިޔާ ފަރާތްތަކަށް ކޭޝްލެސް އާއި ޕޭޕާލެސް އާ ދެމެދު އޮތް ފަރަގު އޮޅިގެން އުޅޭ ކަމަށެވެ.
ސަރުކާރުން ދޭ ހިދުމަތްތަކާއެކު ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާ ފުށުއަރާގޮތަށް ރަށްރަށުގައި ބީއެމްއެލް އޭޓީއެމްތައް ބަހައްޓަމުންދާ ކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުންތަކަށް، ހޯމްލޭންޑް އަދި ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިއަދު ރައްދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅުވައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އިހްސާން ވިދާޅުވީ، އޭޓީއެމް ބަހައްޓާތީ ފާޑުކިޔާ ފަރާތްތަކަށް ކޭޝްލެސް އާއި ޕޭޕާލެސް އާ ދެމެދު އޮތް ފަރަގު އޮޅިގެން އުޅޭ ކަމަށެވެ.
މިގޮތުން، ރާއްޖޭގެ އިގުތިސާދު ކޭޝްލެސް ކުރުމަކީ މަރުކަޒީ ބޭންކުގެ މަނިޓަރީ ސިޔާސަތުގެ ތެރެއިން ކުރާ ކަމަކަށްވާއިރު، މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ހުރީ އެ މިސްރާބަށް ކަމަށެވެ.
ނަމަވެސް، އެ ކަން ހަގީގަތަކަށް ހެދުމަށް ހޭދަވާ މުއްދަތުގައި، ދިވެހި ރައްޔިތުން ބޭންކިން ހިދުމަތް ފަދަ މުހިންމު އަސާސީ ހިދުމަތަކުން މަހުރޫމްކޮށްފައި ބޭތިއްބުމަށް މި ސަރުކާރުން ބޭނުންނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ލާރި ކޮޅު ހިފައިގެން ލޯންޗަށް އަރައިގެން ނުވަތަ ދޯންޏަށް އަރައިގެން ކައިރީގަ އޮންނަ ރަށަކަށް އޭޓީއެމް ބޭނުންކުރަން ދިޔުމުގެ ބަދަލުގައި ރަށުން އެކަން ކުރެވުނީމާ ރައްޔިތުންނަށް ލިބިދޭ ފައިދާތަކެއް އެބަހުރި،" އިހްސާން ވިދާޅުވި އެވެ.
މިފަދަ އަސާސީ ހިދުމަތްތަކަކީ ކުރީގެ ސަރުކާރުތަކުން ކޮށްފަ އޮންނަންޖެހޭނެ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.