"ހަމަ ވަރަށް ރަގަޅު ވާނެ، ނަމާދު ކުރާނެ، އަހުލާގު ރަގަޅުވާނެ. ދުވަހަކުވެސް ގޯސްކަމެއް މިހާތަނަށް ކޮށްފައެއް ނެތް އަދި ނުވެސް ކުރާނެކަން ޔަގީން،" ދަރިންގެ އަހުލާގާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވި އެވެ.
އާއިލާ އާއި ދަރިންނާ ގުޅުވައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާތީ ވަރަށް ބޮޑަށް ހިތްދަތިވާ ކަމަށާއި އެކަންކަމަށް ވަރަށް ބޮޑަށް ކެތްތެރިވެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ގެނެސްދޭން ފެށި 'ދެނޯ' ޕޮޑްކާސްޓުގައި ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނަޒާ ނަސީމްއާ ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒާ ގުޅުވައި ދައްކާ ވާހަކަތައް ދޮގުކުރައްވާފަ އެވެ.
ރާއްޖޭގައި ވޭޕް މަނާ ކުރީ އުމައިރު ވޭޕް ބޭނުންކުރައްވަން ފެއްޓެވުމުން ކަމަށް ފަތުރަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ނުސީދާ ގޮތަކަށް ނަޒާ ސުވާލު ކުރުމުން ރައީސް ވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ އާއިލާއާ ބެހޭ ގޮތުން އެކިއެކި ދޮގު ވާހަކަތައް ފަތުރާތީ ވަރަށް ބޮޑަށް ކެތްތެރިވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނަކީ ވެސް އިންސާނެއް ކަމަށެވެ. ދަރިންނާއި އާއިލާދެކެ ވަރަށް ބޮޑަށް ލޯބިވެވަޑައިގަންނަވާ ކަމަށާއި އެއީ ވަރަށް ރަގަޅު ކުދިންތަކެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
"ހަމަ ވަރަށް ރަގަޅު ވާނެ، ނަމާދު ކުރާނެ، އަހުލާގު ރަގަޅުވާނެ. ދުވަހަކުވެސް ގޯސްކަމެއް މިހާތަނަށް ކޮށްފައެއް ނެތް އަދި ނުވެސް ކުރާނެކަން ޔަގީން،" ދަރިންގެ އަހުލާގާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދޮގު އިލްޒާމްތައް އެޅުވުމާއި އަބުރު ނަގާލުން ފަދަ ކަންކަމުން އާއިލާތައް ސަލާމަތް ކުރުމަށް، ގައުމުގެ ހައްގުގައި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. ނަމަވެސް ވިދާޅުވީ "ޕާސަނަލީ ވަރަށް ކެތްތެރިވަން،" ކަމަށެވެ.
"އަބަދުވެސް ވަރަށް ބޮޑަށް އިސްކުރަން ކެތްތެރިކަން ކަންތައްތަކުގަ. ޕޭޝަންސް ޓެސްޓް ކުރޭ ޓު ދަ ލިމިޓް. ވެރީ ހާޑް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ވޭޕް މަނާކުރަން ނިންމެވި ބައެއް ސަބަބުތައް ވެސް ވިދާޅުވެދެއްވާފަ އެވެ. އެގޮތުން އެއް ކަމަކަށް ފާހަގަކުރެއްވީ އެމަނިކުފާނަކީ އަބަދުވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާ ވަރަށް ދެކޮޅު ބޭފުޅެއް ކަމެވެ. އަދި އެމަނިކުފާނަކީ އަމިއްލަފުޅަށް ވެސް ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ކުރެއްވި ބޭފުޅެއް ނޫން ކަމަށާއި، އެކަމުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވޭޕް ތައާރަފް ވެގެން އައީ ސިނގިރޭޓަށްވުރެ މާފަހުން ކަމަށާއި، ވަރަށް ކުޑަކުދިން ވެސް އޭގެ ބޭނުން ކުރާކަން ސަމާލުކަމަށް އަންނަން ފެށި ކަމަށެވެ. ވޭޕް މެދުވެރިކޮށް އެނގުމުގައި އަދި ނޭންގި ވެސް މަސްތުވާތަކެތި ބޭނުން ކުރެވޭ ކަމަށާއި ސްކޫލު ކުދިން ވެސް އޭތީގެ ބޭނުން ކުރަމުންދާ ކަމަށެވެ.
"ޕޭރެންޓުން އެބަހުރި އަޅުގަނޑަށް މެސެޖުކޮށްފަ ކުދިކުދި ތުއްތު ކުދިން، 8،9 އިޔާސް ވަރުގެ ކުދިން ޓިއުޝަނަށް ދާއިރު ކައިރީ ޖެހިގެން އިންނަ ކުއްޖާ ދަބަހުން ވޭޕް ފެނިގެން ޓީޗަރު ބުންޏޭ ކިޔާފަ. މިގޮތަށް ގޮސް މާ ބޮޑަށް ސޮސައިޓީގެ ތެރެއަށް [ވޭޕް] ދާންފެށީ،" ރައީސް ވިދާޅުވި އެވެ.
އެކަން ހުއްޓުވަން ސްކޫލްތަކުންނާ އެކި ކަހަލަ ޖަމިއްޔާތަކުން ޕެޓިޝަންތައް ވެސް ލިބެން ފެށި ކަމަށާއި، އެހެންވެ ކެބިނެޓްގައި ކުރުމަށްފަހު އެއްކޮށް "ބޭން" ކުރަން ނިންމީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުން ކުރުމުގެ އިތުރުން ގެންގުޅުމަކީ ވެސް ގާނޫނީ ކުށެކެވެ.