މަސްޖިދުއްނަބަވީގެ އިމާމު، ރައީސް ޑރ. މުއިއްޒު އާ ބައްދަލުކުރައްވައިފި

މި ވަގުތު ރާއްޖެއަށް ވަޑައިގެން އުޅުއްވާ، މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހް ޑޮކްޓަރ ސަލާހުލް ބުދައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހް ޑރ. ސަލާހުލް ބުދައިރު، ރައީސް ޑރ. މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތް. --ފޮޓޯ: ރައީސް އޮފީސް

މި ވަގުތު ރާއްޖެއަށް ވަޑައިގެން އުޅުއްވާ، މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހް ޑޮކްޓަރ ސަލާހުލް ބުދައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސައުދީ އަރަބިއްޔާ އާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ޑރ. ބުދައިރުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ޑރ. ބުދައިރުގެ މި ދަތުރުފުޅަކީ، ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމަކު ރާއްޖެއަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކުރައްވައިފަ އެވެ.

ޑރ. ބުދައިރު ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަމަށް ވިދާޅުވެ، އެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. 

މި ބައްދަލުކުރެއްވުމުގައި ޑރ. ބުދައިރު ވަނީ، ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލްސައޫދު އާއި އެ ގައުމުގެ ވަލީއަހުދު ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒު އަލްސައޫދު ގެ ހެޔޮ އެދުންތައް ރައީސަށް އަރިސްކުރައްވާފަ އެވެ. 

މީގެއިތުރުން، ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގައި، ހާއްސަކޮށް އިސްލާމީ ތައުލީމު ފުޅާކުރުމުގައި، ސައުދީގެ ދައުރުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އަދި ހައްޖާއި އުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، ހައްޖާއި އުމްރާވެރިންނަށް ސައުދީ ސަރުކާރުން ފޯރުކޮށްދެމުންދާ މެހެމާންދާރީއަށް ރައީސް ހާއްސަ ޝުކުރެއް ދެންނެވި އެވެ.

ޑރ. ބުދައިރު ރާއްޖެއަށް އިއްޔެ ފެއްޓެވި މި ދަތުރުފުޅުގައި، ރައީސްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައިވެ އެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

އަދި، ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށް ވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މާދަމާ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި އިޝާ ނަމާދު ކުރައްވާނީ ވެސް ޑރ. ސަލާހުލް ބުދައިރެވެ. އިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް ވެސް ދެއްވާނެ އެވެ. އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް އެ މަނިކުފާނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.