އަމީނީމަގު ސްޓެލްކޯ ކައިރީގައި ބިއްލޫރިން ހަދާފައިވާ މި ފުރިހަމަ އިމާރާތަކީ ސްޓެލްކޯއިން ކުރިން ހިންގި ފިހާރައިގެ ހިދުމަތްތައް ބަދަލު ކުރި ތަނެވެ. މިތަން ފުރިހަމަ ކުރަމުން ދަނީ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތް ދިނުމަށް ފައްކާ ކުރުމަށެވެ.
ކަރަންޓުގެ ހިދުމަތުގައި ސްޓެލްކޯ އަށް ވުރެ ތަޖުރިބާހުރި ބަޔަކު ރާއްޖެއަކު ނެތްކަން ޔަގީނެވެ. މިކަމުގައި މި ސަރަހައްދުގެ ގައުމުތަކަށް ބެލިޔަސް 75 އަހަރުގެ ދިގު ތަޖުރިބާގައި ސްޓެލްކޯ ފުނި ޖަހާފައި ނަގާލެވޭނެ އެވެ. އެކަމަކު މިހާތަނަށް އެ ކުންފުނީގެ ހިދުމަތުގެ ވަށައިގެންވާ ވިޔަފާރިއާ ގުޅުންހުރި ތަކެތި ފޯރުކޮށް ދިނުމުގައި ކަސްޓަމަރުންނަށް ކުރެވުނު އިހުސާސް ތަފާތެވެ. އެ ކުންފުނީގެ ކަރަންޓު ސާމާނު ކުރިން ފޯރުކޮށް ދެމުން ގެންގޮސްފައިވަނީ ފިހާރައެއްގެ ސްޓައިލަށް ސްޓެލްކޯ އިން ހިންގަމުން ގެންދިޔަ "ސޭލް ސެންޓަރު" ންނެވެ. އެކަމަކު އެތަން ބަދަލުކޮށް ޒަމާނީ ފޮރޮޅުމަކަށް އަންނަން ވެއްޖެކަމުގެ އިހުސާސް މިހާރުގެ އެމްޑީ ހުސެއިން ފަހުމީގެ ޒައާމަތުގައި ކުރެވުމާއެކު ސްޓެލްކޯ މުވައްޒަފުން އަމިއްލަ މަސައްކަތުން ސޭލް ސެންޓަރުގެ ބަދަލުގައި ޒަމާނީ ރީތި ބިނާއެއް ތަަރައްގީ ކުރި އެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ތަހުޒީބު ގައުމުތަކުގައި ހުންނަ ގޮތަށް ތަފާތު ރީތި ފަރުމާ އަކަށް ހުޅުވި ސްޓެލްކޯގެ ބިޒްނަސް ސެންޓަރު ފުރިހަމަ ކުރަމުން އެ ގެންނަނީ އެ ކުންފުނިން އަންނަން އޮތް ހިދުމަތުގެ އިންގިލާބުގެ ފެށުމުގެ ގޮތުގަ އެވެ.
ސޭލް ސެންޓަރުން ބިޒްނަސް ސެންޓަރަކަށް ސްޓެލްކޯ ބަދަލުކޮށްލުމުގައި އެންމެ ފުރަތަމަ އިސްކަން ދިނީ އާންމު ވިޔަފާރިއާ ދުރުވުމުގެ ފަލްސަފާ އިސް ކުރުމެވެ. އެގޮތުން ކުރިން ސޭލް ސެންޓަރު ހިންގިއިރު އެތަނުގައި ހުންނާނެ އާންމު ބާޒާރުގައި ހުންނަ ސާމާނު ދޫކޮށް ބިޒްނަސް ސެންޓަރު ހާއްސަކޮށްފައިވަނީ ކަރަންޓު ލުމާ ބެހޭ ސާމާނަށެވެ. މިތަނުން ޕެނަލް ބޯޑްތަކާއި ކަރަންޓު ވައިރިންގެއިން ފެށިގެން ތަފާތު ފަންނީ އެތައް އާލާތެއް މިވަގުތުވެސް ޑިސްޕެލޭކޮށްފައިވެ އެވެ. އަދި ކައިރި މުސްތަގުބަލެއްގައި މި ލިސްޓު ދިގުވެގެންވެސް ދާނެ އެވެ.
ސްޓެލްކޯގެ ސޭލްސް ސެންޓަރު ކުރިން ކަސްޓަމަރުންނަށް ކުރެވުނު "އޭތި މީތި" ވިއްކާ ފިހާރައެއްގެ އިހުސާސުން ދުރުކޮށް، އާ ބިޒްނަސް ސެންޓަރުގެ ކޮންސެޕްޓް ނެރެފައިވަނީ ކަސްޓަމަރުންނަށް ޒަމާނީ ހިދުމަތެއް ދެވޭނެ ގޮތަށެވެ. މިއީ ދުނިޔޭގައި މި ބާވަތުގެ ވަން ސްޓޮޕް ސެންޓަރުތައް ހުންނަ ކޮންސެޕްޓަށް އެ ކުންފުނީ މުވައްޒަފުން ފަރުމާކުރި ތަނެކެވެ. މި ތަނަށް ކަސްޓަމަރުން ވަންނަ ހިސާބުން ހިދުމަތް ދިނުމާ ހަވާލުވާނެ މުވައްޒަފުން މުސްތަގުބަލުގައި ތިބޭނެ އެވެ. އޭރުން މިތަން ވެެގެންދާނީ ހިދުމަތްދޭ "ބިޒްނަސް ލައުންޖް" އަކަށެވެ.
"މުސްތަގުބަލްގައި މިތަނަށް ކަސްޓަމަރު ވަދެލާއިރު ކުރެވޭ އިހުސާސް ވެސް ތަފާތުވާނެ. އެ މަގަށް މިދަނީ ލައުންޖެއްގެ ފީލްވާނީ. މިތަނަށް ވަދެލާފަ ކޮފީ ބޯލައިގެން ހިދުމަތް ހޯދައިގެންދާ ފަދަ ކޮންސެޕްޓެއް މި ގެންނަނީ. މުދަލަށް އޯޑަރު ޖަހާލުމުން ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ،" ސްޓެލްކޯގެ އޮފިޝަލެއް ވިދާޅުވި އެވެ.
އެ ކުންފުނިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކުރިން ހިންގި ސޭލް ސެންޓަރާ ހިލާފަށް ފިހާރައިގެ ގޮތް ކަނޑުވާލައި ތަފާތު ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމެވެ. މިތަން މުޅިން ފައްކާވާއިރު އެކަން ފެންނަން ހުންނާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"ކަސްޓަމަރުންނަށް ޔަގީންކަން ދޭން ބޭނުންވަނީ ހިދުމަތުގެ ގޮތުން ވެސް މުދަލުގެ ކޮލިޓީގެ ގޮތުން ވެސް ސްޓެލްކޯ މޮޅުވާނެކަން. މިއީ އަޅުގަނޑުމެންގެ ފަލްސަފާ،" އޮފިޝަލް ވިދާޅުވި އެވެ.
ބިޒްނަސް ސެންޓަރުގެ ހިދުމަތް ފައްކާ ކުރަމުންދާއިރު މި ވަގުތު ވެސް ވައިބާ މެދުވެރިކޮށް އޯޑަރުތައް ނަގައި ދޯންޏާ ހަމައަށް އެ ކުންފުނީގެ މުވައްޒަފުން ދަނީ ފޯރުކޮށް ދެމުންނެވެ. މުސްތަގުބަލުގައި އެ ކުންފުނީގެ ވައިބާ އިން ދޭ ހިދުމަތް ޒަމާނީ ވެބްސައިޓެއް މެދުވެރިކޮށް އޮންލައި "ޝޮޕިން" ތަޖުރިބާ އަށް ބަދަލުކޮށްލާނެ އެވެ.
ސްޓެލްކޯ އިން މިހާރު ހިންގާ ބިޒްނަސް ސެންޓަރު ކައިރި މުސްތަގުބަލުގައި މި ބަދަލު ފެންނާނެ އެވެ. އެކަމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ބަދަލު ނިމޭއިރު ކުރިން ހިންގި "ފިހާރަ" އިހުސާސް އަށް ވުރެ ބޮޑަށް ވާނީ ލައުންޖެއްގެ އިހުސާސް އެވެ. އެ ތަނަކުން ސްޓެލްކޯގެ ކަރަންޓު ލުމާ ބެހޭ ހުރިހާ އަލާތެއް ލިބޭނެ އެވެ. މިހާރުވެސް އެތަނަށް ވަދެލުމުން ލައުންޖެއްގެ އިހުސާސްވެ އެވެ.