ޕާޓީ އުވާލި އިރު ވެސް އެޕާޓީގައި 3.9 މިލިއަނުގެ ދަރަނި އޮތެވެ. ޑީއާރުޕީ ކުރީން ހިންގެވި ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ހުރިހާ ދަރަންޏަކީ ރައީސް މައުމޫންގެ ޒައާމަތުގައި އުފެއްދި ދަރަންޏެވެ.
މިހާރު އުވާލާފައިވާ ޑީއާރުޕީން އެމްޓީސީސީއަށް ދައްކަން ޖެހޭ ދަރަންޏަކަށް އެޕާޓީގެ ކުރީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޒިންމާ ކުރުވަން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކުންފުނިން އަނބުރާ ގެންގޮސްފި އެވެ.
ޑީއާރުޕީން އެމްޓީސީސީއަށް 1.1 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފައި ވަނީ 2010 ވަނަ އަހަރު ތެރޭގަ އެވެ. ހުކުމާ އެއްގޮތަށް އެ ޕާޓީން އެ ފައިސާ ދައްކާފައި ނުވާތީ، އެމްޓީސީސީން ވަނީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އެ ކުންފުނިން ދައުވާ ކޮށްފައި ވަނީ މައުމޫން އެ ދަރަންޏަށް ޒިންމާނަގަން ޖެހޭ ގޮތަށެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމާފައި ވަނީ މައުމޫން އެފައިސާއަށް ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ. އެހެންވެ، އެމްޓީސީސީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ.
އެ މައްސަލަ އެމްޓީސީސީ އިން އަނބުރާ ގެންދިޔަކަން އެނގުނީ އިއްޔެ ހައިކޯޓުން ކޮށްފައިވާ ހުކުމުންނެވެ. އެ ހުކުމުގައި ބުނެފައި ވަނީ އިތުރު އަޑުއެހުމަކާ ނުލައި އެ މައްސަލަ ގެންދަން ބޭނުންވާ ކަމަށް އެމްޓީސީސީން އެދިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބާތިލު ކުރާ ކަމަށް ހައިކޯޓުގެ އެ ނިންމުމުގައިވެ އެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ރައީސް މައުމޫންގެ ފަރާތްޕުޅުން އިޖުރާއީ ނުކުތާއެއް ނަންގަވައި، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް ހައިކޯޓުން ކުރިން ވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފަ އެވެ.
އެހެންވެ، ހައިކޯޓުގެ އެ ނިންމުން މައުމޫންގެ ފަރާތްޕުޅުން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތް ނަމަވެސް އެކަމާ ގޮތެއް ނިންމާފައެއް ނުވެ އެވެ.
މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޕާޓީ، ޑީއާރުޕީ އުވާލާފައި ވަނީ ގާނޫނުގައި ލާޒިމް ކުރާ އަދަދަށް މެންބަރުން ނެތުމުންނެވެ. ޕާޓީ އުވާލާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
ޕާޓީ އުވާލި އިރު ވެސް އެޕާޓީގައި 3.9 މިލިއަނުގެ ދަރަނި އޮތެވެ. ޑީއާރުޕީ ކުރީން ހިންގެވި ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ހުރިހާ ދަރަންޏަކީ ރައީސް މައުމޫންގެ ޒައާމަތުގައި އުފެއްދި ދަރަންޏެވެ.
ޑީއާރުޕީ ދެބައިވެ މައުމޫނާއި ތަސްމީންގެ ގުޅުން ގޯސްވުމުން މައުމޫން ވަނީ ޕީޕީއެމްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފަ އެވެ. ދުވަސްކޮޅެއް ފަހުން ތަސްމީންވެސް ވަނީ ޑީއާރުޕީ ދޫކޮށްލައްވާ ޕާޓީގައި ތިއްބެވި ބައެއް ބޭފުޅުންނާއެކު އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އަނބިކަނބަލުން ވިސާމް އަލީ އާއި ކޮއްކޮ މުހައްމަދު ނާޝިޒް އާއި ނާޝިޒްގެ އަނބިކަނބަލުން ރޮޒައިނާ އާދަމް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުރީގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަ ވައެވެ.
ދެން ޑީއާރުޕީއާ ހަވާލުވެވަޑައިގެންނެވީ ކާނަލް މުހައްމަދު ނަޝީދެވެ. ނަޝީދު ހަވާލުވެވަޑައިގެންނެވިއިރު 34 މިލިއަނުގެ ދަރަނި އޮތެވެ. ނަޝީދުގެ ލީޑާޝިޕްގައި ވަނީ 30 މިިލިއަންގެ ދަރަނި އަދާކޮށްފަ އެވެ. ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު، ޑީއާރުޕީގެ ލީޑަރު ކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޕާޓީގެ ދަރަނި ހުރީ 3.9 މިިލިއަން ރުފިޔާގަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ކޯޓް މަރުހަލާ ނުނިމޭ މައްސަލަތަކާއި ގުޅުންހުރި ދަރަންޏެވެ. އެންމެ ބޮޑު އަދަދަކުން ދަރާ އޮތީ އެމްޓީސީސީއަށެވެ.