މި އަހަރުގެ މިހާތަނަށް އަތޮޅު ތެރޭގައި އެކަނި ދުވާލެއްގެ މައްޗަށް 41 މިލިއަން ރުފިޔާގެ މުއާމަލާތް ކުރިއެވެ.
ޑިޖިޓަލް ކަރަންސީ އާއި ވާޗުއަލް ކަރަންސީ އަށް ދުނިޔެ އެނބުރެމުން ދާއިރު ބައެއް މީހުންގެ ނަޒަރުގައި އޭޓީއެމްއަކީ މިހާރު ބޭނުން އެއްޗެއް ނޫނެވެ. އެކަމަކު ރާއްޖޭގައި އޭޓީއެމް ވިއުގަ ފުޅާވަމުންދާއިރު ތަފާސް ހިސާބުތަކުން ފެންނަން އޮތް ހަގީގަތަކީ އޭޓީއެމްގެ ބޭނުންތެރިކަން އެންމެ ތަންފުކެއް ވެސް ކުޑައެއް ނުވެ އެވެ. އެކަން އެނގެނީ އޭޓީއެމް ބެހެއްޓި ރަށްރަށުގައި ކުރިން އުޅެން ޖެހުނު ހާލާގައި އެންމެފަހުން އޭޓީއެމް ބެހެއްޓި ރަށްރަށުގެ ތަޖުރިބާއިންނެވެ. މިކަމަށް ބާރުދެނީ ތަފާސް ހިސާބުތަކުން ފެންނަ އޮތް ހަގީގަތެވެ.
އޭޓީއެމް ދާދިފަހުން ބެހެއްޓި ވ. ކެޔޮދޫ ރައްޔިތުންގެ ނަޒަރުގައި އޭޓީއެމްގެ ސަބަބުން އެ ރަަށަށް ބޮޑު ފަސޭހައެއް ލިބިގެން ދެ އެވެ. ކުރިން އެރަށު މީހުން ކައިރީގައި އޮތް ފުލިދޫގައި ހުންނަ އޭޓީއެމް އިން 500ރ. ނަގަން 200ރ. ހަރަދުކޮށްފައި ޑިންގީ ދަތުރެއް ކުރަން ޖެހެ އެވެ. މި ތަކުލީފުން ފިލުވައި ދިނީ މި ފަސޭހަ ހިދުމަތެވެ.
ދެން އޮތީ ބީއެމްއެލްގެ ތަފާސް ހިސާބު ތަކުން ފެންނަން އޮތް މަންޒަރެވެ ؛ ގައުމީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެފަހުން އޭޓީއެމް ބެހެއްޓި ދ. އަތޮޅުގައި މި އަހަރުގެ ފެބްރުއަރީ 25 އިން މިމަހުގެ ނުވަ ވަނަ ދުވަހަށް އެ އަތޮޅުގައި އެކަނި 13،000 މުއާމަލާތްވަނީ ކޮށްފަ އެވެ. މިދިޔަ ދޮޅު މަސް ތެރޭ ކުރި މުއާމަލާތްތަކުގެ އަގު 47 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި މި މުއްދަތުގައި އޭޓީއެމް ޖަމާ 10.2 މިލިއަން ރުފިޔާއަށް އަަރަ އެވެ.
ހއ. އަތޮޅުގައި ބެހެއްޓި އޭޓީއެމްތަކުން 16 ދުވަސް ތެރޭ 21،600 މުއާމަލާތް ކޮށްފައިވާއިރު މި ސަރަހައްދުގައި ކުރި މުއާމަލާތްތަކުގެ އަގު 50 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ހއ. އަތޮޅުގެ އޭޓީއެމްތަކަށް 15 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.
ބީއެމްއެލްގެ ހިސާބުތައް ދައްކާ ގޮތުގައި މި މުއްދަތުގައި އަތޮޅު ތެރޭގައި ދުވާލެއްގެ މައްޗަށް 15،000 މުއާމަލާތް ކުރެ އެވެ. އަދި މި މުއާމަލާތްތަކުގެ އަގު 41 މިލިއަން ރުފިޔާއަށް އަރަ އެވެ. މި މުއްދަތުގައި ދުވާލެއްގެ މައްޗަށް 12.3 މިލިއަން ރުފިޔާ ޖަމާކުރެ އެވެ.