މި ނިންމުމާއެކު ވަޤުފު ފަންޑު ތަރައްގީކޮށް އެ ފަންޑު މެދުވެރިކޮށް އާއްމުންނަށް މަންފާ ލިބޭނެ ގިނަ ކަންތައްތަކެއް ކުރުންވެސް ހިމެނެ އެވެ.
އިސްލާމީ ވަޤުފް ފަންޑު ތަރައްގީކުރުމާ ގުޅޭ މުހިންމު ނިންމުންތަކުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ މިއަދު ސޮއިކުރައްވައިިފި އެވެ.
ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވަޢުދަކީ ވަޤުފު ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމުގެ ވަޢުދެވެ. އެއީ އިސްލާމީ ޚިދުމަތްތަކަށް ހޭދަކުރަން ބޭނުންވާ ފައިސާ ހޯދުމަށެވެ.
އިސްލާމީ ވަޤުފު ފަންޑު ތަރައްގީކުރުމަށް ވުޒާރާއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިއަދު މި ވުޒާރާ އިން ވަނީ މުހިންމު ނިންމުންތަކެއް ނިންމާފަ އެވެ.
މި ނިންމުންތަކުގެ ތެރޭގައި އިސްލާމިކް ވަޤުފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުމާއި ދާރުލްއީމާން ބިލްޑިންގް އަކީ އިސްލާމީ ވަޤުފު ފަންޑުގެ އެސެޓެއްކަމުގައި ރަސްމީކޮށް ކަނޑައެޅުމާއި އެތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ހާއްސަކޮށް ވަޤުފުކުރެވިފައިވާ އެއްޗަކަން ކަނޑައެޅުމާއި އަލަށް އިމާރާތްކުރާ ދާރުއްސަލާމް ބިލްޑިންގާއި ދާރުލްއަރްޤަމް ބިލްޑިންގުން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަޤުފު ފަންޑަށް ކަނޑައެޅުމާއި ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުގައި 15 މިލިއަން ރުފިޔާގެ (ކޭޝް ވަޤްފު) އުފެއްދިކަމުގެ ވަސީޤާގައި ސޮއި ކުރުމެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 'ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑު' އާއި ރާއްޖޭގެ ޒަކާތު ހައުސްގެ 'ޒަކާތު ފަންޑު' އާ ގުޅިގެން 'ދާރުއްސަލާމް' އާއި 'ދާރުލް އަރްޤަމް' ތަރައްޤީކުރުމަށް ނިންމުމުގެ ވަޘީޤާގައި ސޮއި ކުރުންވެސް ހިމެނެ އެވެ. މި މަޝްރޫޢުތަށް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކް އިން ވަނީ 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފަ އެވެ. ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.