މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރު ހިދުމަތްދޭން ގިނަ ކުންފުނިތަކުން ޝައުގުވެރިކަން އެބަހުރި ކަމަށެވެ. ނަމަވެސް މިކަމަށް ނެރުނު ބިޑް ޑޮކިއުމެންޓުގައި ހުރި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރާތީ ލަސްވަނީ އެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ކުރިން ބުނި ތާރީހަށް ނުފެށި ލަސްވެއްޖެ އެވެ. ސަބަބެއްގެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިންވެސްޓަރުންނަށް ފަހިވާ ގޮތަށް ޝައުގުވެރިކަން ފާޅު ކުރުމުގެ އުސޫލަށް ބަދަލު ތަކެއް ގެންނަން ޖެހުމެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވީ މި އަހަރުގެ މާރިޗު މަހު ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ބަޔަކާ ހަވާލު ކުރެވޭނެ ކަމަށެވެ. އެކަމަށްޓަކައި އިއުލާނު ކުރުމުން 32 ކުންފުންޏަކުން ޝައުގުވެރިކަން ފާޅު ކުރިކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެޕްޓަން އަމީން ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޓައިމްލައިންތަކެއް ހަދައިގެން ކަމަށާއި އަދި އެކަމަށް ޝައުގުވެރިކަންވެސް ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް ދިމާވި މައްސަލައަކީ މި ހިދުމަތް ފަށަން ޝައުގުވެރިކަން ފާޅުކުރަން އިއުލާނުކުރި ބިޑުގައި ފޮރިން އިންވެސްޓްމަންޓްތަކާ ނުގުޅޭ ކަންތައްތަކެއް ހުރުމެވެ.
"އެބަހުރި މި އާރުއެފްޕީ [ބިޑިން] އަށް ގެންނަން ޖެހޭ ބަދަލުތަކެއް. މިއީ ވަރަށް އޯޕަން ބިޑިން ސިސްޓަމެއްގައި ގެންދާކަމެއް. އެހެންވީމަ ޑަންލާފަ [ކުއްލިއަކަށް] އާރުއެޕްޕީއެއް ބަދަލެއް ނުކުރެވޭނެ. ޝައުގުވެރިކަން ވެސް އެބަހުރި އެކަމަކު ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާތީ ލަސްތަކެއް ވެގެންދަނީ،" އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި މީގެ 13 އަހަރު ކުރީން ވެސް ހެލްކޮޕްޓަރުގެ ހިދުމަތް ދިނެވެ. ހަމިންބާޑް އައިލެންޑް އެއާވޭސް ކުންފުނިން ދެމުން ދިޔަ އެ ހިދުމަތް ހުއްޓާލަން ޖެހުނީ ހެލްކޮޕްޓަރު ވެއްޓުމުގެ ދެ ހާދިސާއެއް ހިނގާ ގިނަ ބަޔަކު މަރުވުމާއި ގުޅިގެންނެވެ.
ރާއްޖޭގައި ދުއްވަނީ އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރެއް އޮޕަރޭޝަންގައި އެބަ އޮތެވެ. ކުރިން ބަލި މީހުން އުފުލަން ބޭނުންކުރީ މި އުޅަނދެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ހެލްކޮޕްޓަރުގެ ބަދަލުގައި އެއާ އެމްބިއުލާންސް ފަށައި ބަލި މީހުން އުފުލަމުންނެވެ.