ހުއްދަ ދިން ގޮތާ ހިލާފަށް ފުލުހުންނަށް ކާންދިނުމުގެ އެއްބަސްވުމެއް ހެދި މައްސަލައެއް

ނާޒިމް ވިދާޅުވި ގޮތުގައި، މި ކަން ކޮށްފައިވަނީ ޖެހިގެން އަންނަ ވެރިކަމުގައި އެހެން ބަޔަކާ އެކީ މި އެއްބަސްވުން ހަދާފާނެތީ ކަމަށް ބެލެވޭ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމެއް --

ފިނޭންސް މިނިސްޓްރީން ހުއްދަ ދިން މުއްދަތަށް ވުރެ އިތުރަށް، ފުލުހުންގެ ކެއިންބުއިމުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއް ހެދި މައްސަލައެއް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފެންމަތިކޮށްފި އެވެ.

ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ގުޅޭ މައްސަލަތަކެއް މާލިއްޔަތު ކޮމިޓީން ބަލަމުން އަންނަ އިރު، ފުލުހުންގެ ކެއިންބުއިމާ ގުޅޭ އެއްބަސްވުމުގެ މައްސަލަ، ކޮމިޓީގެ ސަމާލުކަމަށް ގެންނެވީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ފުލުހުންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމުގެ ކަންކަން ޕޮލްކޯ މެެދުވެރިކޮށް ކުރަން ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑުން ހުއްދަ ދިނީ ފަސް އަހަރަށް އެއްބަސްވުމެއް ހެދުމަށެވެ.

ނަމަވެސް، ޕޮލްކޯއިން އެތަނުގެ އެތެރޭގައި ހަދާފައިވާ ޕޮލްކެޓް ކިޔާ އެހެން ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ 10 އަހަރު ދުވަހަށް އެއްބަސްވުމެއް ހަދާފައި ކަމަށް ނާޒިމް ހާމަކުރެއްވި އެވެ.

"2018ގައި ފިނޭންސުން ހުއްދަ މި ދެނީ ފަސް އަހަރަށް ޕޮލްކޯއަށް ކާންދިނުމުގެ ހިދުމަތް ދިނުމުގެ ކަންކަން ކުރަން. އެކަމަކު ފަސް އަހަރަށް ދެއްވި ހުއްދައިގެ ދަށުން 10 އަހަރު ދުވަހަށް އެގްރިމަންޓް ކުރަން ފުލުހުންގެ އޮފިސަރަކު ލިޔުއްވާފައި އޮތް ލިޔުއްވުމެއް މިއީ. ފިނޭންސުން ފަސް އަހަރަށް ހުއްދަ ދެއްވީމާ އޮފިސަރު މިއޮތީ 10 އަހަރު ދުވަހަށް އެގްރިމަންޓް ކުރައްވާށޭ ލިޔުއްވާފައި،" އޭނާ ވިދާޅުވި އެވެ.

"މިހިރީ އެއްވެސް ޖެހިލުމެއް ނެތިކޮށްލާފައި ހުރި ކަންކަން،"

ނާޒިމް ވިދާޅުވި ގޮތުގައި، މި ކަން ކޮށްފައިވަނީ ޖެހިގެން އަންނަ ވެރިކަމުގައި އެހެން ބަޔަކާ އެކީ މި އެއްބަސްވުން ހަދާފާނެތީ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަންކަމުގައި، ސީނީއާ އޮފިސަރެއް އެންގިޔަސް، "ޔެސް ސާ"ގެ އުސޫލުން ކަންކަން ނުކުރެވޭނެ ކަމަށެވެ. 

ޕޮލްކޯ އާ ގުޅޭ މައްސަލަތައް މާލިއްޔަތު ކޮމިޓީން ބަލަން ފެށީ، ހުޅުމާލޭގައި ފުލުހުންނަށް ހާއްސަ ފްލެޓްތަކާ ގުޅޭ އެތައް މައްސަލައެއް ފެންމަތިވުމުންނެވެ.

"ބްލޫސް ހައުސިން" ނަމުގައި ޕޮލްކޯއިން ހިންގި މަޝްރޫއުއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. އޮޑިޓް ރިޕޯޓް ގައި ބުނީ އެ ފައިސާ އިން 355 މިލިއަނުގެ ގެއްލުން ވެފައިވާ ކަމަށެވެ.

ފްލެޓުތަކުގެ މައްސަލަ އޭސީސީން ވެސް މިހާރު ދަނީ ބަލަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.