މިއަދު އަވަހާރަވި، މަޑުލު މުހައްމަދު ވަހީދު، ބައި ގަރުނަށް ވުރެ ދިގު މުއްދަތަކު ގައުމަށް އެ ކޮށްދެއްވި އަގުހުރި ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އުމުރުފުޅުން 77 އަހަރުގައި މަޑުލު ވަހީދު އަވަހާރަވީ، ގިނަ ދުވަސްތަކެއް އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރައީސް ޑރ. މުއިއްޒު ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު ވަހީދު އަވަހާރަވި ހަބަރު އެއްސެވީ، ހިތާމައާ އެކު ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މަޑުލު ވަހީދަކީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ހިދުމަތްތެރިއެކެވެ.
އެއާ އެކު އެ މަނިކުފާނު ވަނީ، މަޑުލު ވަހީދުގެ ހިދުމަތުގެ ދިގު ތާރީހުގައި ކޮށްދެއްވި މުހިންމު ބައެއް މަސައްކަތްތަކާއި، ލިބިވަޑައިގެންނެވި އިނާމުތަކާއި ޝަރަފުތައް އެ ޕޯސްޓުގައި ހިއްސާކުރައްވައިފަ އެވެ.
މިގޮތުން، މަޑުލު ވަހީދުގެ ދިވެހިބަހާއި ލިޔުންތެރިކަމާއި، ތަރުޖަމާކުރުމުގެ ކުޅަދާނަކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި މަޑުލު ވަހީދަށް ލިޔުންތެރިކަމަށް ހިދުމަތްކުރުމުގެ ރޮނގުން 1985ވަނަ އަހަަރު އާންމު ހިދުމަތަށް ހިތްވަރު ދިނުމުގެ އިނާމާއި، ލިޔުމުގެ ރޮނގުން 1997ވަނަ އަހަރު އާންމު ހިދުމަތަށް ހިތްވަރު ދިނުމުގެ އިނާމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ބައި ގަރުނަށް ވުރެ ދިގު މުއްދަތަކު ގައުމަށް އެ ކޮށްދެއްވި އަގުހުރި ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ އެވެ،" ރައީސް ވިދާޅުވި އެވެ.