މި ލޯނުން ހުޅުމާލޭގައި 400 ފްލެޓު އަޅާނެ އެވެ. މި ފަންޑުން ހުޅުމާލެ ތަރައްގީއަށްވެސް ގިނަ އެހީތަކެއް ދީފައިވެ އެވެ.
ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް (ސައުދީ ފަންޑު) ގެ އެހީގައި ހިންގާ އެފޯޑަބަލް ހައުސިން ޕްރޮޖެކްޓް އިނީޝިއޭޓް ހިންގަން 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.
ސައުދީ ފަންޑުގެ 25 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގާ "400 އެފޯޑަބަލް ހައުސިން ސްކީމް ޕްރޮޖެކްޓް" އިނީޝިއޭޓް ކުރުމަށް މިއަދު ހުޅުމާލޭގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ސުލްތާން ބިން އަބްދުއްރަޙްމާން އަލް-މަރްޝަދު އާއި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވަޑައިގަތެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެ އެވެ.
ސައުދީ ފަންޑުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގިނަ މަޝްރޫއުތަކަށްވެސް އެހީތެރިކަން ދީފައިވެ އެވެ. އެންމެ ފާހަގަކޮށްވެނީ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލާ ބްރިޖުތައް ތަރައްގީ ކުރަން ދީފައިވާ އެހީތެރިކަމެވެ.
ސައުދީ ފަންޑަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވާ އެއް ފަރާތެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްގީ ކުރަން ދީފައިވާ ލޯނުތަކެވެ. ވީއައިއޭގެ ތަރައްގީގެ އެގޮތުން 1978، 1981، 1992، 1999 އަދި 2016 ވަނަ އަހަރު އެއާޕޯޓު ތަރައްގީ ކުރުމަށް އެހީތެރިކަން ދީފައިވެ އެވެ. މިދިޔަ އަހަރުގެ މޭ މަހު އެ ފަންޑުގެ އިސްވެރިޔާ މަރުޝަދު ރާއްޖެއަށް ކުރެއްވި ދަތުރުގައި ވަނީ އާ ޓާމިނަލް ނިންމަން އޭރު އިތުރަށް ބޭނުންވި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއްގައި ސޮއިކުރައްވައިފަ އެވެ.
ސައޫދީ ފަންޑުން ރާއްޖޭގެ މުހިއްމު 16 މަޝްރޫއުއަކަށް 470 މިލިއަން ޑޮލަރ (7.2 ބިލިއަން ރުފިޔާ) ގެ އެހީ މިހާތަނަށް ދީފައިވެ އެވެ.