ސައޫދީ ފަންޑަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވާ ފަރާތެވެ. އެންމެ ބޮޑު އެހީއެއް ދީފައިވަނީ މައި އެއާޕޯޓް ތަރައްގީ ކުރުމަށެވެ.
ދިވެހި ދައުލަތުން އަރުވާ އެންމެ މަތީ އިއްޒަތް ކަމަށްވާ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ސައޫދީ ގައުމީ ފަންޑް، ސައޫދީ ފަންޑް ފޯ ޑިވްލޮޕްމަންޓުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މުރުޝިދު އަށް އަރުވައިފި އެވެ.
ރައީސް އޮފީހުގައި ދިވެހި ސިފައިންގެ ހެވިކަމާއެކު ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ދައުލަތުން އަރުވާ އެންމެ މަތީ އިއްޒަތް ކަމަށްވާ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ސައޫދީ ފަންޑުގެ ސީއީއޯއަށް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަަރުވަނީ ރާއްޖެއަށް އެކި އެކި ހިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށެވެ. މިގޮތުން ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މީގެ ކުރިން ރާއްޖޭގެ ގިނަ ފަރާތްތަކުގެ އިތުރުން ބޭރުގެ ގިނަ އިޒަތްތެރިންނަށްވެސް އަރުވާފައިވެ އެވެ. ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ނިސްބަތްވެ ވަޑައިގަންނަވަނީ ސުލްތާން މުހައްމަދު ސަމްސުއްދީންއަށެވެ. ސަމްސުއްދީން ރަދުން ވަނީ މީލާދީން 1893 އަދި 1903-1934 އަކަށް ރާއްޖޭގައި ރަސްކަން ކުރައްވާފަ އެވެ. އެ ރަސްގެފާނުގެ ރަސްކަމުގައި އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާދީ ލިޔަން ފެއްޓެވުމެވެ. މި ގާނޫނު އަސާސީ ދިވެހިން ބަލައިގަތީވެސް މި ރަދުންގެ ރަސްކަމުގައި 1932 ވަނަ އަހަރު އެވެ.
ސައޫދީ ފަންޑަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވާ އެއް ފަރާތެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްގީ ކުރަން ދީފައިވާ ލޯނުތަކެވެ. ވީއައިއޭގެ ތަރައްގީގެ އެގޮތުން 1978، 1981، 1992، 1999 އަދި 2016 ވަނަ އަހަރު އެއާޕޯޓު ތަރައްގީ ކުރުމަށް އެހީތެރިކަން ދީފައިވެ އެވެ. މިދިޔަ އަހަރުގެ މޭ މަހު އެ ފަންޑުގެ އިސްވެރިޔާ މަރުޝަދު ރާއްޖެއަށް ކުރެއްވި ދަތުރުގައި ވަނީ އާ ޓާމިނަލް ނިންމަން އޭރު އިތުރަށް ބޭނުންވި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއްގައި ސޮއިކުރައްވައިފަ އެވެ.
ސައޫދީ ފަންޑުން ރާއްޖޭގެ މުހިއްމު 16 މަޝްރޫއުއަކަށް 470 މިލިއަން ޑޮލަރ (7.2 ބިލިއަން ރުފިޔާ) ގެ އެހީ މިހާތަނަށް ދީފައިވެ އެވެ.