ސިނގިރޭޓު މަނާ ކުރަނީ 2007 އިން ފެށިގެން އުފަންވި ކުދިންނަށް

މި ބައްދަލުވުމާ ގުޅޭ މައުލޫމާތު ދެމުން ރައީސް އޮފީހުން ބުނީ ގާނޫނަށް އިސްލާހު ގެނެސް، ތަސްދީގުކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރަން ފެށުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުން --

ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ތައާރަފް ކުރާ "ޖެނެރޭޝަން ބޭން" ގެންނާނީ ޖުނެވަރީ 01، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައި އަދި އުފަންވަމުންދާ ކުދިންނަށް ކަމަށް ކެބިނެޓުން ނިންމައިފި އެވެ.

ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް، "ޖެނެރޭޝަނަލް ބޭން" ތައާރަފުކުރުމާ ގުޅޭ ގޮތުން ކެބިނެޓުގައި މިއަދު ކުރިއަށް ގެންދެވި މަޝްވަރާއަށްފަހު ނިންމާފައި ވަނީ 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުން އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ވާނެ ކަމަށެވެ. 

މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

މި ބައްދަލުވުމާ ގުޅޭ މައުލޫމާތު ދެމުން ރައީސް އޮފީހުން ބުނީ ގާނޫނަށް އިސްލާހު ގެނެސް، ތަސްދީގުކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރަން ފެށުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. ނޮވެންބަރު 01، 2025 ގައި މި ގާނޫނު ތަންފީޒުކުރަން ފެށުމަށް ވެސް ކެބިނެޓުން ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން، ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކެބިނެޓް ބައްދަލުވުމުގެ ކުރިން ރައީސް މިއަދު ހެނދުނު އާންމުކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރުގެ ހެލްތު ސްޓެޓިސްތިކް ސާވޭ އިން ދައްކާ ގޮތުގައި، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.

ރާއްޖޭގައި އެކިއެކި ބަލިތައް ޖެހިގެން މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު 84 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި، 2021 ވަނަ އަހަރު ހެދި ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ ސަބަބުތަކާ ގުޅޭ ސާވޭއިން ދައްކާ ގޮތުގައި 15 އަހަރާއި 29 އަހަރާ ދެމެދުގެ 21.8 ޕަސެންޓް ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ޒުވާނުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިއީ މި ކުޑަކުޑަ މިޖުތަމައުއަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ޒުވާނުންނާ އަދި ޖުމްލަކޮށް މުޅި އާބާދީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މިޖެހޭ ގައިންގަޔަށް ނާރާ ބަލިތައް، އޭގެ ތެރޭގައި ކެންސަރު ބައްޔާ، ހިތުގެ ބައްޔާ މިހެން ގޮސް އެކިކަހަލަ ބަލިތައް، މި ބަލިތަކުން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން، ސަރުކާރުން އެންމެންނާ ގުޅިގެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.