އިމިގްރޭޝަނުން ދަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލާފައިވެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން، ރާއްޖޭން ފުރައިގެން ދިޔުމުގެ ކުރިން، ސައްހަ ވާކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެ އެވެ.
އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން، ރާއްޖޭން ބޭރަށް ދަތުރުކުރާ އިރު ޕާސްޕޯޓުގައި ސައްހަ ވާކް ވިސާއެއް އޮތްކަން ޔަގީންކުރުން މުހިންމު ކަމަށެވެ.
ސައްހަ ވާކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް އިމިގްރޭޝަނުން އެދިފައިވާއިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ހާއްސަ އޮޕަރޭޝަނެއް ހޯމްލޭންޑް މިނިސްޓްރީ އާއި، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ދަނީ ހިންގަމުންނެވެ.
އަދި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ވިޔަފާރި ކުރުމާއި، އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލައިފަ އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހައްސަ އިސްކަމެއް ދީގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.