ތުރުކީން ބުނީ މި މަނަވަރު ރާއްޖެ ގެންނަނީ ޑޮކް ލޭންޑިން ބޯޓެއް މެދުވެރިކޮށް ކަނޑު މަގުން ކަމަށެވެ. އެ މަނަވަރު ރާއްޖެ ގެނައުމުގެ ކުރިން އިސްތަންބޫލުގައި ހުންނަ ނޭވަލް ޝިޕްޔާޑް ކޮމާންޑުގައި މަރާމާތު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން، މިސައިލު ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ މަނަވަރެއް ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާކަން ތުރުކީގެ އަސްކަރިއްޔާ އިން ހާމަކޮށްފި އެވެ.
ތުރުކީގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ހަދިޔާ ކުރަނީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން (ޕީ-343) މަރުކާގެ މަނަވަރެކެވެ. މި މަނަވަރު އެންމެ ލަސްވެގެން ޖުލައި މަހު ރާއްޖެ އަންނާނެ އެވެ.
ތުރުކީން ބުނީ މި މަނަވަރު ރާއްޖެ ގެންނަނީ ޑޮކް ލޭންޑިން ބޯޓެއް މެދުވެރިކޮށް ކަނޑު މަގުން ކަމަށެވެ. އެ މަނަވަރު ރާއްޖެ ގެނައުމުގެ ކުރިން އިސްތަންބޫލުގައި ހުންނަ ނޭވަލް ޝިޕްޔާޑް ކޮމާންޑުގައި މަރާމާތު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ބޯޓު ރާއްޖެ ގެނައުމަށްފަހު އެކްޓިވޭޓް ކުރުމަށް ތުރުކީގެ ނޭވީ ޓީމެއް ރާއްޖެ އައުމަށް ވެސް ހަމަޖެހިފަ އެވެ. އެއަށްފަހު، މަނަވަރު ބޭނުން ކުރާނޭ ގޮތުގެ ދެ ހަފްތާގެ ތަމްރީނެއް ދިވެހި ސިފައިންގެ ތެރެއިން ބޯޓު އޮޕަރޭޓް ކުރަން ހާއްސަކޮށްފައިވާ ކްރޫއަށް ދިނުމަށް ވަނީ ނިންމާފަ އެވެ.
އަދި، މި މަނަވަރު އޮޕަރޭޓް ކުރުމަށް ދިވެހި ސިފައިންނަށް ދޭންޖެހޭ އެހެނިހެން ތަމްރީނުތައް ވެސް މިހާރު ވަނީ ތުރުކީގައި ފަށައިފަ އެވެ. މިމަހުގެ ހަތްވަނަ ދުވަހު މި ތަމްރީނު ޕްރޮގްރާމު ފަށާފައިވާއިރު، ނިންމާލާނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ތުރުކީ އަށެވެ. އެ ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވި އެވެ. އެ ދަތުރުފުޅަށްފަހު އެ ގައުމުން ގެނައި ޑްރޯންތަކެއް މިހާރު ދަނީ ބޭނުން ކުރަމުންނެވެ.