ނ. ހޮޅުދޫއިން ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭގޮތުން އުފެދިފައިވާ ޝައްކުތަކަށް އަދިވެސް ޖަވާބު ނުލިބޭތީ، އޭނާގެ ހަށިގަނޑު ނަގައިގެން އޮޓޮޕްސީއެއް ހެދުމަށް އާއިލާގެ ފަރާތުން ކަމާބެހޭ އިދާރާތަކުގައި އެދިއްޖެ އެވެ.
ސެޕްޓެމްބަރު 10، 2024 ވަނަ ދުވަހު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ހުރި ގުދަނުގެ ދޮރު ކައިރީންނެވެ. އަދި އޭނާގެ ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު ހަށިގަނޑު ކައިރީގައި ވަޅިއެއް އޮތެވެ.
ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީ ނުހަދާ ވަޅުލުމުން ހޮޅުދޫ މީހުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭގެފަހުން، ފުލުހުން ވަނީ ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފަ އެވެ.
އެ މައްސަލާގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ޕްރޮސެކިޔުޓާ ޖެނެރަލް އައްބާސް ޝަރީފަށް ޒަކިއްޔާގެ އާއިލާގެ ބަޔަކު ފޮނުވި ސިޓީގައި ބުނީ ޓްރެޑިޝަނަލް އޮޓޮޕްސީއެއް ނުވަތަ ވާޗުއަލް އޮޓޮޕްސީއެއް ހެދިޔަސް އިންސާނަކު އޭނާގެ ކަރުގައި ވާއަތް ފަރާތުގައި އަމިއްލަ އަށް ތިން ފަހަރު ވަޅި އަޅައި، ކަނާއަތް ފަރާތުގައި ދެ ފަހަރު ވަޅި އަޅައިގެން އަމިއްލަ އަށް މަރުވެދާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.
އެހެންކަމުން، މި މައްސަލައިގެ ހަގީގަތް ބެލުމަށްޓަކައި އަދި މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފުލުހުންގެ ފަރާތުން ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށް ބުނާނަމަ އެ ރިޕޯޓަށް ބެލުމަށްފަހު އަލުން އެކަން ދެނެގަތުމުގެ މަސައްކަތް ކުރަން ބޭނުންވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
"އަދި، މައްޔިޔާ ވަޅުލުމަށްފަހުވެސް ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓްޕްސީ ހެދުމަކީ ދުނިޔޭގައި ކުރާ ކަމެކެވެ. ރާއްޖޭގައިވެސް އާ ކަމެއްނޫނެވެ. ވީމާ، ހަށިގަނޑު އަލުން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމާއި ގުޅޭގޮތުންނާއި އެ އިޖުރާއަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އަޅުގަނޑުމެން ބޭނުންވެ އެވެ."
މީގެއިތުރުން، މިކަމުގައި އިންސާފު ގާއިމްކޮށް ދިނުމަށާއި، އަދި މި މައްސަލާގައި ފުލުހުންގެ އަމަލުކޮށްފައިވާ ގޮތުން މި ތަހުގީގުގައި ފުލުހުން ޝާމިލުވުމަކީ މަސްލަހަތު ފުށޫއަރާ ކަމަކަށްވާތީ، ފުލުހުން މި ތަހުގީގުން އެކަހެރިވެ، މުޅި ތަހުގީގު ހިއުމަން ރައިޓްސް ކޮމިޝަނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދޭން އާއިލާއިން ވަނީ އެދިފަ އެވެ.
ވަކި ގޮތަކަށް ތަހުގީގު ނިމިފައި ނުވާ ކަމެއްގައި އަދި އެ މައްސަލާގައި ރަށު ތެރޭގައި ނުތަނަވަސްކަން ވެސް އޮއްވައި، ވާޗުއަލް އޮޓޮޕްސީ ހަދާފައިވާ ކަމާއި ނަފްސާނީ ބަލި ހުރުމުން، އަމިއްލަ އަށް މަރުވީ ކަމަށް ދޭހަވާ މޭރުމުން ޚަބަރު ފެތުރިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމީހުން ބުންޏެެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށެވެ. އަދި ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއަށް އެދުވަހު ހެނދުނު 9:53 ހާއިރު ކުނި ނަގަން ވަތް މީހަކަށެވެ. މަރުވެފައި އޮއްވާ ފެނުނީ އެގޭގައި ހުންނަ ގުދަނެއްގެ ދޮރު ކައިރިންނެވެ. އެ ގުދަނަކީ ބޭރުން ވެސް ވަދެވޭ ގޮތަށް ދޮރެއް ލާފައި ހުންނަ ގުދަނެކެވެ. އެގޭގެ ކުނި ބަހައްޓަނީ އެ ގުދަނުގަ އެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކަށް ބަލާއިރު ކުނި ނަގަން ވަތް މީހާ ފިޔަވައި އޭގެ ކުރިން އެގޭތެރެއަށް އެއްވެސް މީހަކު ވަދެފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.