ރައީސްގެ ދަތުރުފުޅުގައި ބަޖެޓުން ހަރަދު ކޮށްފައިވަނީ 153،689 ރުފިޔާ އެވެ.
ރައިސް އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ ޓިކެޓު ފިޔަވައި ހުރިހާ ހަރަދުތަކެއް ކޮށްފައިވަނީ ސްޕޮންސަރުންގެ ފަރާތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ޓޫރިޒަމް އިސްތިހާރު ކުރަން ސޮއިކުރި އެންމެ މަޝްހޫރު ކްލަބް ކަމަށްވާ ލިވަޕޫލްއާއެކު އެމްއެމްޕީއާރުސީން ހެދި އެއްބަސްވުމާއެކު ރާއްޖޭގެ އިސްތިހާރުތައް ދައްކަން ފެށި ފުރަތަމަ މެޗުގައި ބައްލަވައިލުމަށް ޔޫކޭއަށް ކުރެއްވި ދަތުރުފުޅުގެ ތަފުސީލް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. މި ހިސާބުތަކުން ދައްކާ ގޮތުން ދަތުރަށް ބަޖެޓުން ހަރަދުކޮށްފައިވަނީ ޔޫކޭ ދަތުރުފުޅަށް ހަރަދުވީ އެންމެ 153،689 ރުފިޔާ އެވެ. މިއާއެކު ގިނަ ބަޔަކު ވަނީ އެހާ ކުޑަ އަދަދެއް ހަރަވި ގޮތާމެދު ސުވާލު އުފައްދާފަ އެވެ.
އެހެންވެ އެ ސުވާލަށް ޖަވާބު ދެއްވަމުން ޕީއެސްއެމްއާއި ގައުމީ ޓީވީން ގެނެސްދޭ ރައްޔިތުންނާ އެކު" ޕޮޑްކާސްޓު" ގައި ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވި ގޮތުގައި މި ދަތުރުގައި އެ މަނިކުފާނުގެ ޓިކެޓު ފިޔަވައި ހުރިހާ ހަރަދުތަކެއް ކޮށްފައިވަނީ ޕްރައިމެޓް ސެކްޓަރުގެ އެހީތެރިކަމާއެކުގަ އެވެ.
"އަޅުގަނޑުގެ ޓިކެޓުގެ އިތުރުން ހުރިހާ މީހުންގެ ހަރަދުތައް ކުރީ ސްޕޮންސަރުން. މިއި ކުރިންވެސް ރޭވިފައި އޮތް ގޮތް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ މި ދަތުރުފުޅު ކުރައްވަން ޖެހޭ ސަބަބުތަކެއްވެސް ވިދާޅުވެ ދެއްވާފަ އެވެ.
"މި ދަތުރަކީ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ދަތުރެއް. އިނގިރޭސިވިލާތަކީ ރާއްޖޭގެ އެންމެ މުހިންމު އެއް ޓޫރިޒަމް މާކެޓް. ޕްރިމިއަ ލީގްއަކީ އެންމެ ގިނަ މީހުން ބަލާ އެއް ލީގް. ރާއްޖޭން މި އެގްރީމެންޓަކަށް އައީ ޗެމްޕިއަންކަން ލިބުން އެންމެ ގާތް [ލިވަޕޫލް]އާއެކު. މި ހުރިހާ ގޮތަކުން ވެސް ސެންސް މޭޖްކުރެ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ލިވަޕޫލްގެ ރަސްމީ ދަނޑަށް ވަޑައިގަތުމުގެ އިތުރުން އެ ކްލަބުގެ ބައެއް އިސްވެރިންނާ ވެސް ބައްދަލު ކުރެއްވި އެވެ. މިގޮތުން އެ ކްލަބުގެ ކުރީގެ ކުޅުންތެރިޔާ އަދި އެމްބެސެޑަރު ކެނީ ޑަލްގްލިޝްގެ އިތުރުން އެ ކްލަބުގެ ޗީފް ކޮމާޝަލް އޮފިސަރު ބެން ލެޓީ ވެސް ބައްދަލު ކުރެއްވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފެށި ފުޓުބޯޅަ މެޗު ބައްލަވާލެއްވި އެވެ. އަދި އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވި އެވެ. އަދި، އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ ކަންކަން އޮޅުންފިލުއްވާފަ އެވެ. އަދި، މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދެއްވުމުގައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފަ އެވެ.
ލިވަޕޫލް އެފްސީއާ އެކު ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން، މިދިޔަ މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއް ވެސް ފަށާފަ އެވެ. މިއީ ތިން މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ. އަދި މި އެއްބަސްވުމަކީ ތިން އަހަރުގެ އެއްބަސްވުމެކެވެ.