ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން އަންނަ މަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުން ފެށިގެން މި އޮންލައިން ފޯމް ފުރުމަށް ހަމަޖެހިފައިވަނީ ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައި ކަމަށެވެ.
ނަމަވެސް، މި ބަދަލުގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އަދި، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ އެންޓްރީ ވިސާގައި ތައިލެންޑަށް ދަތުރު ކުރެވޭނެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން ތައިލެންޑަށް ދަތުރުކުރާއިރު، ރާއްޖޭން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ރާއްޖޭން ބޭރުގައި އުޅޭއިރު، އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް މިނިސްޓްރީން އެދިފައިވެ އެވެ.