"އެއީ ވަރަށް ރަނގަޅު، ޖާއިޒު ވާހަކައެއް އެކުދިން ދެއްކީ. އެއީ ބްލެކު މާކެޓުގައި ޑޮލަރު ހޯދަން ޖެހެންޏާ 15.42 ރުފިޔާއަށް ވުރެ އިތުރަށް ހޭދަވާ ކޮންމެ ލާރިއަކީ ކުއްޖާ އަށް ލިބޭނެ ގެއްލުމެއް،" ރައީސް ވިދާޅުވި އެވެ.
ސްޓޫޑެންޓް ލޯން ސްކީމުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުން ޑޮލަރު ލިބޭ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންމެ ހަފްތާއަކު އެމަނިކުފާނު ގެނެސްދެއްވާ "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިމަހުގެ ކުރީކޮޅު އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅުގައި، އެގައުމުގައި ކިޔަވާ ކުދިންނާ ބައްދަލުކުރެއްވުމުން ޑޮލަރު ލިބުމަށް ހުރި ދަތިތައް ހިއްސާ ކުރި ކަމަށެވެ.
"އިނގިރޭސިވިލާތުގަ ބައްދަލުވި ކިޔަވާކުދިންގެ ތެރެއިން ލޯނުގަ ކިޔަވާ ކުދިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލޯނަށް މި ދޫކުރާ ފައިސާ ދޫކުރަނީ ރުފިޔާއިން، ރުފިޔާއިން ދޫކުރާ ފައިސާ ޑޮލަރަށް ކޮންވާޓް ކުރުމުގަ، ޑޮލަރު ހޯދުމުގަ ދިމާވާ ދަތިތަކުގެ ތެރެއިން އެ ގެއްލޭ ފައިސާ، އޭގެ ސަބަބުން ލިބޭ ގެއްލުމުގެ ވާހަކަ ދެއްކި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސްޓޫޑެންޓް ލޯނު ސްކީމުގައި 1650 އެއްހާ ކުދިން އެކި ގައުމުތަކުގައި ކިޔަވަމުންދާއިރު، އެހެން ގައުމުތަކުގެ ދަރިވަރުންނަށް ވެސް މި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
"އެއީ ވަރަށް ރަނގަޅު، ޖާއިޒު ވާހަކައެއް އެކުދިން ދެއްކީ. އެއީ ބްލެކު މާކެޓުގައި ޑޮލަރު ހޯދަން ޖެހެންޏާ 15.42 ރުފިޔާއަށް ވުރެ އިތުރަށް ހޭދަވާ ކޮންމެ ލާރިއަކީ ކުއްޖާ އަށް ލިބޭނެ ގެއްލުމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަން ހައްލު ކުރުމަށް މިހާރު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ދަންނަވާފައިވާނެ ކަމަށެވެ. އެ ބަދަލު ގެނައުމުގެ ކަންކަން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ މަޝްވަރާ ކުރައްވައިގެން މިނިސްޓަރު މަސައްކަތް ކުރައްވަމުން ގެންދަވާކަން ވެސް ފާހަގަކުރެއްވި އެވެ.
"އެކުދިންގެ މި ކަންބޮޑުވުމަށް ހައްލު ގެނެސްދޭނަން އިރާދަކުރެއްވިއްޔާ. އެއީ ރާއްޖޭގެ ޑޮލަރު މާކެޓަށް ނުރަނގަޅު އަސަރު ނުކުރާގޮތަށް. އެ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބެންޏާ ލިބެންވާނީ އެ ކިޔަވާ ގައުމުގައި ބޭނުން ކުރަން ދެއްތޯ؟ އެގޮތަށް އެކަން ހަމަޖެހިގެންދާ ގޮތަށް ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވާ ދަތިތައް އިރާދަކުރެއްވިއްޔާ ހައްލު ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.