އެޗްޑީސީ އިން ވަނީ މުދާ ޖެޓީ ސަރަހައްދުގައި ހުރި އުޅަނދުތައް މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ނަގަން އިލްތިމާސްކޮށްފަ އެވެ.
ހުޅުމާލެ މުދާ ޖެޓީ ތަރައްގީ ކުރަން ފަށަން ތައްޔާރުވާތީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީ އަންގައިފި އެވެ.
ހުޅުމާލެ ބަލަހައްޓާ ކުންފުނި، އެޗްޑީސީ އިން ބުނީ ހުޅުމާލެ ޖެޓީ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއެއް ފަށަން އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށާ އެހެންކަމުން އެ މަސައްކަތް ކުރާ ދުވަސްވަރު އެ ސަރަހައްދުގައި އަޅާފައި ހުންނަ އުޅަނދު ފަހަރަށް ލިބިދާނެ ގެއްލުމަކުން މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގާ ކަމަށެވެ.
އެ ކުންފުނިން ބުނީ މި މުއްދަތުގައި އުޅަނދުތައް ނުނަގައިފިނަމަ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށެވެ. މިފަދަ ކަންކަމަށް އާއްމު ރައްޔިތުންނާއި ވިޔަފާރިތަކުންދޭ އެއްބާރުލުން އެ ކުންފުނިން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.
ހުޅުމާލެ މުދާ ޖެޓީ ސަރަހައްދަކީ ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ބޭނުންވާ މުދާ ބާލަން ބޭނުންކުރާ ޖެޓީއެކެވެ.