ފެބްރުއަރި މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.27 ޕަސެންޓުގަ އެވެ. މަހުގެ އަގުތަކަށް އައި ބަދަލު ހިމަނައިގެން ބަލާނަމަ ޖުމްލަ އިންފްލޭޝަން 0.43 ޕަަސެންޓުގައި ހުރި ކަމަށް ދައްކަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި އިންފްލޭޝަން 0.27 ޕަސެންޓުގައި ހުރިއިރު އެ މަހު އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ މަހުގެ އަގުތަކެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި ފެބްރުއަރި މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.27 ޕަސެންޓުގަ އެވެ. މަހުގެ އަގުތަކަށް އައި ބަދަލު ހިމަނައިގެން ބަލާނަމަ ޖުމްލަ އިންފްލޭޝަން 0.43 ޕަަސެންޓުގައި ހުރި ކަމަށް ދައްކަ އެވެ.
ހިދުމަތާއި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލު ދައްކާ ގޮތުން އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ތަރުކާރީގެ ބާވަތްތަކުންނެވެ. މިބައިގެ އަގުތައް -4.68% ވެއްޓިފައިވެ އެވެ. އަދި މަހުގެ އަގުތައް 2.70% ޕަސެންޓް ދަށްވެ ވައިގެ ޓިކެޓުގެ އަގުތައް ވެސް -2.10% ދަށްވެފައި ވާކަމަށް ދައްކަ އެވެ. މީގެ އިތުރުން ގޭގައި ބޭނުންކުރާ އިލެކްޓްރިކް އައިޓަމްސްތަކުގެ އަގުތައްވެސް -1.02% ދަށްވެފައިވެ އެވެ.
އަގުތަކަށް އައިސްފައިވާ ބަދަލުތައް ވަކިން ބަލާނަމަ މާލޭގައި އަގުތައް ހުރީ 0.22 ޕަސެންޓުގަ އެވެ. އަދި ރަށްރަށުގައި އަގުތައް 0.36 ޕަސެންޓުގައި ހުރި ކަމަށް ދައްކަ އެވެ.
ސަރުކާރުން ވަނީ ތަކެތީގެ އަގުތައް ހިފަހައްޓަން ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. މިގޮތުން އާއްމު 180 ބާވަތެއްގެ އަގު ލިސްޓެއް ހަދައި ސަރުކާރުން އަގުތަކަށް އަންނަ ބަދަލު ގާތުން ބަލަން ވަނީ ނިންމާފަ އެވެ. އަދި ތަކެތީ އަގު ހިފަހައްޓަން އެކި ސަރަހައްދުތަކުގައި ގުދަންތައް ގާއިމުކުރަން ވަނީ ނިންމާފަ އެވެ.