އެސްޓީއޯއިން ކާށި ހޯލްސޭލެއް ނުކުރެ އެވެ. ކުރާ ކަމަކީ މާކެޓުގެ ޑިމާންޑް ބަލައި ވިޔަފާރިވެރިންނަަށް ކާށި އެތެރެކޮށް ދިނުމެވެ. މިއީ މިދިޔަ އަހަރު ފިޔާގެ އަގު ހިފަހައްޓަންވެސް ބޭނުންކުރި އުކުޅެކެވެ.
ބާޒާރުން ކާށި ހުސްވެ އަގުތައް މަތިވެފައިވާތީ ބާޒާރު ހަމައަކަށް އަޅުވަން އެސްޓީއޯ އިން ވިޔަފާރިވެރިންނަށް ކާށި އެތެރެކޮށްދޭން ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ ބާޒާރުގައި ކާށީގެ ބޮޑު ޝޯޓޭޖެއް އުޅޭތީ އެސްޓީއޯ މެދުވެރިވެ ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ކާށީގެ ސަޕްލައި ޝޯޓޭޖް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ކުންފުނިން ވަނީ ކާށީގެ ސްޓޮކް ހޯއްދެވުމަށް ޝައުޤުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުއްވުމުގެ އިތުރުން 7291124 އަށް ވައިބާ މެސެޖް ކޮށްގެން ވެސް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި އުސޫލަކީ އެސްޓީއޯއިން މިދިޔަ އަހަރުގެ ރޯދަ މަހުވެސް ގެންގުޅުނު އުސޫލެވެ. މިދިޔަ އަހަރު އިންޑިއާއިން ފިޔާގެ އިމްޕޯޓް ހުއްޓާލުމާއެކު އެސްޓީއޯއިން ވަނީ ވިޔަފާރިވެރިންނަށް ބޭނުންވާ ފިޔާ އެތެރެކޮށް ދީފަ އެވެ.
އެސްޓީއޯ އިން ބުނީ މި އަހަރުގެ ރަމަޟާން މަހަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެސްޓީއޯއިން ވެފައިވާ ހާއްސަ ތައްޔާރީތަކުގެ ދަށުން ބާޒާރުގެ އާންމު ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުންދާ ކަމަށެވެ. އެގޮތުން މިހާރު ބާޒާރުގައި ކާށީގެ އަގު ވަނީ ބޮޑުތަނުން މައްޗަށް ގޮސް، ކާއްޓެއްގެ އަގު ހުރީ 40 އާއި 60 ރުފިޔާއާ ދެމެދު އުފުލިފައިވުމާއެކު އާންމުންގެ ކަންބޮޑުވުން ބޮޑުވެފައިވާ ކަމަށެވެ.
މިކަމަށް ހައްލު ހޯދަން އެސްޓީއޯ އިން ވަނީ ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން ވެސް ފަށާފައެވެ. އަދި އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައް ވެސް އަންނަނީ ބާޒާރަށް ނެރެމުންނެވެ. މީގެ އިތުރުން ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހޯލްސޭލަރުންނަށް ހުޅުވާލެވިފަ އެވެ.
"މިކަމުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މި ވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުމެވެ،" އެސްޓީއޯއިން ބުނެފައިވެ އެވެ.
އެސްޓީއޯ އިން ބުނީ ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެ އެވެ. އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ އެވެ. މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާ އިން އަދި ޝިޕްމަންޓް އައުމުންނެވެ.
"މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުމެވެ،" އެސްޓީއޯއިން ބުނެފައިވެ އެވެ.
އެސްޓީއޯ އިން މީގެ ކުރިން ވެސް ވަނީ މިފަދަ ދަތި ހާލަތްތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ. މިގޮތުން 2023-2024 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ދިމާވި ފިޔާގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވެދިނުން ފާހަގަކުރެވެ އެވެ. މިހާރުގެ އަމާޒަކީ ހޯލްސޭލަރުންނަށް ފަސޭހަކަމާއެކު ކާށި އެތެރެކޮށްދީ އެކަށީގެންވާ އަގެއްގައި އާންމު ރައްޔިތުންނަށް ކާށި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.