މީލާދީ އަހަރެއްގެ ދިގުމިނަކީ 365 ދުވަހާއި ދުވަހެއްގެ ހަތަރުބައިކުޅަ އެއްބައި ކަމަށްވާއިރު، ހިޖުރީ އަހަރެއްގެ ދިގުމިނަކީ އެވްރެޖު ގޮތެއްގައި 354 ދުވަހެވެ.
އަޅުގަނޑުމެން ދިވެހިންގެ ކާބަފައިން، محمد صلّى الله عليه وسلّم މާތް ނަބިއްޔާގެ މަތިވެރި ހިދާޔަތު ޤަބޫލުކުރެއްވިތާ މިހާރު ހިޖުރީގޮތުން 898 އަހަރު ވެއްޖެއެވެ. މި ވޭތުވެދިޔަ ގާތްގަނޑަކަށް 900 އަހަރު ދުވަހުގެ ތެރޭގައި، ކޮންމެ އަހަރެއްވެސް ފެށެނީ މުޙައްރަމް މަހުގެ 1 ވަނަ ދުވަހު ކަމަށް، އަޅުގަނޑުމެން ދިވެހިން މިއައީ ޤަބޫލު ކުރަމުންނެވެ.
އެއީ، ވަރަށް ބޮޑު ޙަޤީޤަތެކެވެ. މީލާދީ އަހަރެއްގެ ދިގުމިނަކީ 365 ދުވަހާއި ދުވަހެއްގެ ހަތަރުބައިކުޅަ އެއްބައި ކަމަށްވާއިރު، ހިޖުރީ އަހަރެއްގެ ދިގުމިނަކީ އެވްރެޖު ގޮތެއްގައި 354 ދުވަހެވެ. މިގޮތުން މީލާދީ އަހަރު ފެށޭ ދުވަހާއި ހިޖުރީ އަހަރު ފެށޭ ދުވަހަކީ، އެއްވެސް އަހަރަކު އެއްދުވަސް ކަމުގައި ވުމަކީ ވަރަށް ނާދިރު ކަމެކެވެ.
މިފަހަރުވެސް މި ދިމާވާގޮތަކީ، މީލާދީ 2025 ވަނަ އަހަރުގެ ޖަނަވަނީ މަހުގެ 1 ވަނަ ދުވަހަކީ ހިޖުރީ 1446 ވަނަ އަހަރުގެ ރަޖަބު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވުމެވެ. އަހަރުގެ ފެށުން ކޮންމެ ގޮތަކަށް ދިމާވި ނަމަވެސް، އަޅުގަނޑުމެން މުސްލިމުން އަހަރު ފަށައިގަންނަނީ ގަދަ ކީރިތިވަންތަ މާތް الله ގެ އިސްމުފުޅުގެ ބަރަކާތުންނެވެ.
އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި އުޑުތަކާއި ބިން އުފައްދަވައި، ކާއިނާތު ޚަލްޤު ކުރެއްވީ ގަދަ ކީރިތިވަންތަ الله سبحانه وتعالـى އެވެ. އެހެންކަމުން، ކޮންމެ ކަމެއްގެވެސް ފެށުން ވާން ވާނީ މާތް الله ގެ މަތިވެރި އިސްމުފުޅުންނެވެ. މިގޮތުން، الله سبحانه وتعالـىގެ މަތިވެރި އިސްމުފުޅުން މިފެށޭ މީލާދީ އާ އަހަރަށް (އާދެ! 2025 ވަނަ އަހަރަށް) މަރްޙަބާ ކިޔަމެވެ. އަދި މިފެށުނު މީލާދީ އާ އަހަރަކީ ޢާލަމްތަކަށް މާތް الله ގެ ތަނަވަސް ރަޙްމަތްފުޅު ފެތުރިގެންދާ، އުފާފާގަތިކަމާއި، ކުރިއެރުމާއި، ތަރައްޤީގެ އަހަރެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަމެވެ.
ޙަޤީޤަތުގައި، ދުނިޔޭގައި ޞުލްޙަ މަސަލަސްކަމާއި އަމަން އަމާންކަން ފެތުރުމަކީ، އަޅުގަނޑުމެން އިންސާނުންގެ މަސްއޫލިއްޔަތެކެވެ. މި މަސްއޫލިއްޔަތު އެހެން ފަރާތަކާ ޙަވާލެއް ނުކުރެވޭނެއެވެ. އަދި އެކަމުގެ ޒިންމާ އަޅުގަނޑުމެން އިންސާނުންގެ ބޮލަކުން ނައްޓައެއްވެސް ނުލެވޭނެއެވެ. ދުނިޔޭގައި އެކިއެކި ތަޅާފޮޅުމާއި، ހަނގުރާމައާއި، ނުރައްކާތެރި ޙަމަލާތައް ހިނގާނަމަ، އެ ހުރިހާ ކަމަކީވެސް، ޙަޤީޤަތުގައި އަޅުގަނޑުމެންގެ ފަރާތުން ހިނގާ ކަންކަމެވެ. އަޅުގަނޑުމެންގެ ތެރެއިން ބާރުގަދަ ބައެއް ފަރާތްތަކުން ކަންކުރަމުންދާ ގޮތުންނާއި ޢަމަލުކުރަމުންދާ އުޞޫލުތަކުގެ ސަބަބުން ހިނގާ ކަންކަމެވެ.
އަޅުގަނޑުމެން އިންސާނުން މުޅި ދުނިޔޭގައި ހަމަޖެހުމާއި އަމަންއަމާންކަން ފެތުރުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރާނަމަ، ދުނިޔޭގައި އެކިއެކި ނަންނަމުގައި ލޭއޮހޮރުންތަކެއް ނުހިނގީހެވެ. އެބަޔަކު ކުރި ކުށެއްނެތި އެއްވެސް ބަޔަކު މަރުވެ ހަލާކުވެގެނެއް ނުދިޔައީހެވެ. އިންސާނުންގެ ފުރާނަތަކާއި، ހަށިތަކާއި، ނަސްލުތައް ފުރިހަމައަށް ރައްކާތެރި ކުރެވުނީހެވެ. އުފަލާއި، ހިތްހަމަޖެހުމާއި، ދިރިއުޅުމުގެ ފުރުޞަތު އެންމެހާ އިންސާނުންނަށް ތަނަވަސްވެގެން ދިޔައީހެވެ.
އަޅުގަނޑުމެން ދިވެހިންނަށް މިކަމުގައި މާބޮޑެތި މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތެއް ނެތްނަމަވެސް، ހެޔޮނުބައި ވަކިކުރުމުގެ ޤާބިލިއްޔަތު މާތް الله އަޅުގަނޑުމެންނަށްވެސް ދެއްވާފައިވާތީ، ހެޔޮ ނަސޭޙަތާއި ރަނގަޅު އިރްޝާދު ދިނުމުގެ ކުޅަދާނަކަން އަޅުގަނޑުމެންނަށްވެސް ލިބިގެންވާކަން ޤަބޫލުކުރަން ޖެހެއެވެ.