އެމްއެމްޕީއާރުސީއާއި އޭޑީކޭގެ މެދުގައި ގާއިމުކުރި އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ މަތީ ފަންތީގެ ބޭސްފަރުވާ ލިބޭ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް މަސައްކަތްކުރާނެ އެވެ.
މެޑިކަލް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓާކަމަށްވާ އޭޑީކޭގެ މެދުގައި އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
ފާއިތުވި ހަފުތާ ބުރާސްފަތި ދުވަހު މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝިއުރީ އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓާ އަހްމަދު އަފްއާލެވެ.
އެމްއެމްޕީއާރުސީން މިއަދު މި އެއްބަސްވުމާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭޑީކޭއާއެކު ހެދި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށްޓަކައި، މަތީ ފަންތީގެ ސިއްހީ ހިދުމަތް ދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭރުގައި ޕްރޮމޯޓުކުރާނެ ކަމަށެވެ.
ރާއްޖެއަކީ އަބަދުވެސް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭ ފަތުރުވެރިކަމުގެ މަންޒިލެއްކަން ފާހަގަކުރައްވަމުން އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ ވިދާޅުވެފައިވަނީ މަތީ ފަންތީގެ ސިއްހީ ފަރުވާ ދޭ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރަން ފެށުމުން ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް މިހާރަށްވުރެ ބޮޑަށް ތަރައްގީވާނެ ކަމަށެވެ.
އައްފާލް ވިދާޅުވި ގޮތުގައި ދެ ކުންފުނި ގުޅިގެން ކުރާ މަސައްކަތުގެ މައިގަނޑު އަމާޒަކަށްވާނީ ރާއްޖޭގެ ތަބީއީ ރީތިކަމާއި ރާއްޖެއިން ލިބޭ ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތް ގުޅުވާލައިގެން ފެންވަރު ރަނގަޅު ބޭސްފަރުވާ ހޯދުމަށް ދަތުރުކުރާ ފަތުރުވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް ހޯދުމެވެ.
އަދި މި މަސައްކަތުގެ ސަބަބުން ސިއްހީ ފަތުރުވެރިކަން ކުރިއެރުމުގެ އިތުރަށް ރާއްޖޭގެ މުޅި އިގުތިސާދަށްވެސް މަންފާކުރާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީން ބުނެފައިވަނީ ސިއްހީ ފަތުރުވެރިކަން ތައާރަފުކޮށް އިތުރަށް ކުރިއަރުވައި ޕްރޮމޯޓުކުރުމަކީ ރާއްޖެއިން ލިބޭ ފަތުރުވެރިކަމުގެ ތަޖުރިބާތައް ސިންދަފާތުކޮށް މިހާރަށްވުރެ ރާއްޖޭގެ ޕްރޮފައިލް ބައިނަލްއަގުވާމީ ފެންވަރުގައި އުފުލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.