އިމާދު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ރާއްޖޭގެ ބޭންކުތަކުން އެ ސިނާއަތަށް ބޭރު ފައިސާގެ ހިދުމަތްތަައް ދޭ މިންވަރު އިތުރުވާނީ ބޭންކިން ނިޒާމަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވުމުންނެވެ.
ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ދައުރުކުރާ ބޭރު ފައިސާގެ އަދަދު އިތުރުވުމުން ބޭންކުތަކުން ޓޫރިޒަމް ދާއިރާއަށް ބޭރު ފައިސާއިން ދޭ ހިދުމަތްތައް އިތުރުކުރެވޭނެ ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު ވިދާޅުވެއްޖެ އެވެ.
އެސްއެސްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އިމާދު ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކަށް އެ އިންވެސްޓުމެންޓުން ލިބޭ ނަފާ ރާއްޖެއިން ބޭރަށް ނުގެންދެވި ރާއްޖޭގައި ބަހައްޓަން ލާޒިމުކުރުމަކީ އެއްވެސް ގޮތަކަށް މަރުކަޒީ ބޭންކުންވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
އަދި މިހާރު އެމްއެމްއޭއިން މަނިޓަރީ ރެގިއުލޭޝަނަށް ގެނެސްފައިވާ ބަދަލަކީ ވިޔަފާރީގެ މަންފާ ރާއްޖެއިން ބޭރަށް ނުގެންދެވޭ ގޮތް ހެދުމަށް ގެނައި ބަދަލެއް ނޫންކަމަށާއި، އެ ބަދަލުގެ ހަމައެކަނި މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާއިން އުފައްދާ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށްފަހު ނޫނީ ބޭރުނުކުރެވޭ ގޮތް ހެދުން ކަމަށްވެސް އިމާދު ވިދާޅުވި އެވެ.
"އިންވެސްޓަރުންވެސް އެހެން ބޭފުޅުންގެ ކަންބޮޑުވުމަކަށްވާނީ އެބޭފުޅުން އިންވެސްޓުކުރައްވައިގެން އުފައްދަވާ ނަފާ އެބޭފުޅުން ބޭނުންފުޅުވެއްޖެ ހިނދެއްގައި ބޭރަށް ނުގެންދެވޭ ފަދަ މާހައުލެއް އަޅުގަނޑުމެން ކްރިއޭޓްކޮށްފިތޯ. އަޅުގަނޑުމެން ބުނާ ވާހައަކީ ރާއްޖެއަކީ ވަރަށް ބޮޑަށް ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓު ބޭނުންވާ ގައުމެއް. އެއަށް ކޮންޑިއުސިވް މާހައުލެކޭ އޮންނަންޖެހޭނީ. އެހެންވީމާ އަޅުގަނޑުމެން އެއްގޮތަކަށްވެސް ގަބޫލުކުރާ ހަމައެއް ނޫން ކެޕިޓަލް ކޮންޓްރޯލް ގެނައުމަކީ،" އިމާދު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން މިހާރުވެސް މިބުނަނީ އެ ބޭފުޅުންނަށް ރިއަލައިޒްވާ އާމްދަނީއެއް، ހަތަރު މަސް ފަހުން އަޅުގަނޑުމެންގެ ބޭންކިން ނިޒާމަށް ވައްދާފައި އަނެއް ދުވަހުވެސް ގެންދަންވީއޭ،"
މިފަދައިން ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ މިންވަރު އިތުރުވާނަމަ، އެކަމުން ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ފައިދާވާނެކަން ފާހަގަކުރައްވަމުން ޑެޕިއުޓީ ގަވަނަރު ވިދާޅުވީ ބޭންކިން ނިޒާމެއްގައި އަބަދު ދައުރުކުރާ ފައިސާ އިތުރުވެ، ބޮޑު އަދަދެއްގެ ފައިސާ މާލީ ނިޒާމުގައި ދައުރުވާނަމަ، ބޭންކުތަކުން ފަތުރުވެރިކަމުގެ ސެކްޓާއަށް ބޭރު ފައިސާއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރުވާނެ ކަމަށެވެ.
އިތުރަށް އިމާދު ވިދާޅުވީ މި ގަވާއިދާއެކު ބޭންކުތަކަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވުމުން ބޭންކުތަކުން ދޭ ހިދުމަތްތައް ފުޅާކޮށް ރާއްޖޭގައި ބޭރު ފައިސާ ހިފަހެއްޓުމަށް ހިތްވަރުދޭ ފަދަ ބަދަލުތަކެއް ގެނައުމާ ގުޅޭ ގޮތުން އެމްއެމްއޭއިން މިހާރުވެސް ބޭންކުތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އަދި ބޭންކިން ނިޒާމުގައި ދައުރުކުރާ ބޭރު ފައިސާ އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ފުޅާކުރުމަށް ތަނަވަސްވާ ޖާގައެއް ކަމުގައިވެސް އިމާދު ވިދާޅުވި އެވެ.