ސެޕްޓެންބަރު މަހުގެ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ފުރަތަމަ 28 ދުވަހު އެވެރެޖުކޮށް ރާއްޖެއަށް އައީ 4،387 ޓޫރިސްޓުންނެވެ.
ހިނގަމުންދާ ސެޕްޓެންބަރު މަަހުގައި ދުވާލެއްގެ އެވެރެޖުކޮށް ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 122،825 ޓޫރިސްޓުންނެވެ. މި އަހަރު އެންމެ މަދުން ޓޫރިސްޓުން އައި މޭ މަހުގައި 119،875 ޓޫރިސްޓު އައިސްފައިވާއިރު ދެވަނައަށް އެންމެ މަދުން ޓޫރިސްޓުން އައި ޖޫން މަހު އައީ 123،284 ފަތުރުވެރިންނެވެ.
ސެޕްޓެންބަރު މަހުގެ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ފުރަތަމަ 28 ދުވަހު އެވެރެޖުކޮށް ރާއްޖެއަށް އައީ 4،387 ޓޫރިސްޓުންނެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ޖުމްލަ 120،047 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެންބަރުގައި އައި ޓޫރިސްޓުގެ އަދަދު އިތުރުވީ 2.3 އިންސައްތައިންނެވެ.
އެވެރެޖުކޮށް ދުވާލަކު ފަތުރުވެރިން އައި ނިސްބަތް މި އަހަރު އެންމެ ދަށްވީ މޭ މަހާއި ޖޫން މަހު އެވެ. މޭ މަހުގައި އެވެރެޖުކޮށް އައި ފަތުރުވެރިންގެ އަދަދަކީ 3،867 އެވެ. އަދި ޖޫން މަހުގައި އެ ނިސްބަތް ހުރީ 4،109 ގަ އެވެ. މިހާރު ހުރި ވަރަށް އެ އަދަދު ހުރެ ސެޕްޓެންބަރު މަސް ނިމިއްޖެނަމަ މި މަސްވާނީ އެވެރެޖުކޮށް ދުވާލަކު އައި ފަތުރުވެރިންގެ އަދަދު ތިންވަނައަށް އެންމެ މަދު މަހަށެވެ.
މި އަހަރުގެ މިހާތަނަށް 1.4 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.3 މިލިއަން ޓޫރިސްޓުންނެވެ. ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު އައި ޓޫރިސްޓުންގެ އަދަދު 9.8 އިންސައްތަ އިތުރުވެފައިވެ އެވެ.
ނިމުނު އަހަރުގެ ނިޔަލަށް 1.8 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާއިރު މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އެ އަދަދަށް ފަތުރުވެރިން އަތުވެއްޖެނަމަ އެއީ ދިވެހި ފަތުރުވެރިކަމުގެ ރެކޯޑަކަށްވާނެ އެވެ.