މި ހަމަ ސުވާލެއް ؛ ބޭދީނީ ފިކުރު ނޯމަލައިޒް ނުކުރޭތަ؟

ގަބޫލު ކުރަން ބޭނުން ނޫން ނަމަވެސް ލާދީނީ، ބޭދީނީ އަދި ފާހިޝް މުޑުދާރު ކަންކަން އާންމުކޮށް އެއީ އާދައިގެ ކަންކަމަށް ހަދަން ބޭނުންވާ ބަޔަކަށް މިއަދު ބާރުތަކެއް ލިބިއްޖެ އެވެ. ރޭވިގެން، އިންތިޒާމު ވެގެން އެކަންކަން އެބަ ހިނގައެވެ. ބޭދީނީ ފިކުރު ނޯމަލައިޒް ކޮށްފި އެވެ.

ރާއްޖޭގައި ބަޔަކު މީހުން މިންގަނޑާ ހިލާފަށް ހެދުން އަޅައިގެން ގޮސް އާންމު ޕާކެއްގެ ތެރޭގައި އުޅެނިކޮށް ފުލުހުން ގޮސް ވާހަކަ ދައްކަނީ

ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއް ނަަމަވެސް އިސްލާމްދީނާއި ހިލާފު / ބޭދީނީ ކަންކަން މި ރާއްޖޭގައި އާންމު ކޮށްފައި ވެފައި ވަނީ ކަންބޮޑުވެ ބިރުގަންނަން ޖެހޭ ދަރަޖައަށެވެ. އެއްޖިންްސުން ގުޅުން ހިންގުމާއި ޒިނޭ ކުރުމާއި ދީނަށް ފުރައްސާރަ ކުރުމާއި މާތްﷲ އާއި އެކަލާންގެ ރަސޫލާއަށް ބަދުބަސް ރައްދު ކުުރުމާއި މިހެން ގޮސް މިފަދަ އެތައް އެތައް ކަމެއް ބޮޑުވެ ފުޅާވެފައި ވަނީ ގާނޫނެއް ނުހިނގާ ތަނެއްގައި ވެސް އެފަދަ ކަންކަން އޮންނާނެ މިންވަރާއި ދާދި އެއް ހަމައެއްގަ އެވެ.

މި ރާއްޖޭގައި އެފަދަ ބޭދީނީ ކަންކަމަށް ފުރުސަތު ހޯދަން ދިވެހީންގެ މަދު ބަޔަކު މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކި ސަބަބުތައް މެދުވެރިވެ އެކަންކަމަށް ފުރުސަތު ތަނަވަސް ނުވެ އެ މީހުންގެ މަސައްކަތް ނާކާމިޔާބު ވަނީ އެވެ. ނަމަވެސް ހިނގަމުން މިދާ ދުވަސްތަކަކީ އެފަދަ ބޭދީނީ ކަންކަން ފަތުރާ / މުޖްތަމައުގައި އާންމު ކުރަން ބޭނުންވާ މީހުންނަށް ފަހި ދުވަސްތަކެކެވެ. އެފަދަ ކަންކަމަކީ އިންސާނީ ހައްގެއް ކަމަށް ވަކާލާތުކޮށް އެގޮތަށް އުޅެން ބޭނުންވާ މީހުން ވެސް ތޮށިގަނޑު ފަޅާލައި ބޭރަށް ނުކުމެެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އެކަންކަމަށް ހިތްވަރު ދީ ލިޔެ ހަދައެވެ. އެގޮތަށް އުޅޭ މަންޒަރާއި ފޮޓޯ އާންމުކޮށް އިޝްތިހާރު ކުރެެއެވެ. އެކަން ކުރަން ބޭނުންވާ މީހުންނަށް ހިތްވަރު ދެއެވެ. ބިރެއް ވެސް ލަދެއް، ޖެހިލުމެއް ނެތި އެ މީހުންގެ ފާސިދު، ބާތިލް ވާހަކަތައް ކުރިއަށް ނެރެ އެކަންކަން ކުރުމާއި އިޝްތިހާރު ކުރުމުގައި އެބަ އުޅެއެވެ.

ދީނާއި ހިލާފު ކަންކަން އާންމުވެ މިހާ ބޮޑަށް ހައްދުން ނައްޓައިގެން ދިއުމުގައި ދައުލަތުގެ އިހުމާލު ބޮޑުކަން އެންމެހެން ގަބޫލު ކުރެއެވެ. ބޭދީނީ ކަންކަން ފަތުރާން މަސައްކަތް ކުރާ މީހުންގެ ފުރަތަމަ މަގުސަދަކީ ދިވެހި މުޖްތަމައުއަށް އާ އަދި އެކަންކަން ބަލައިގަންނަން ދެކޮޅު ހަދާފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އެހެން ގޮތަކުން ބުނާނަަމަ އެކަންކަން އާންމު ކުުރުމެވެ. ނޯމަލައިޒް ކުރުމެވެ. އޭގެ ފަހުން ދެން އެގޮތް ކުރިއަށް ނެރެ އިތުރަށް ކުރިއަރުވާން މަސައްކަތް ކުރާނީ އެވެ.

އެބައިމީހުންގެ އެ މަގުސަދު ކިތަންމެ ރަނގަޅަކަށް ވެސް މިހާރު އެ ދަނީ ހާސިލު ކުރަމުންނެވެ. އިސްލާމްދީނުގައި ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނިފައިވާ ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކަށް ދޭނެ ހަރުކަށި އަދަބެއް ގާނޫނުގައި ކަނޑައަޅަން އެކަމުގެ ޒިންމާ އޮތް ދައުލަތުގެ އިދާރާއަކުން ބޭނުމެއް ނުވެއެވެ. ދީނަށް ފުރައްސާރަ ކުރުމާއި ފާހިޝް އަމަލުތަކަށް ފިޔަވަޅު އަޅާ އެކަންކަން ހުއްޓުވަން އޮތް އިދާރާތަކުން ފިޔަވަޅު އެޅުމުގައި ފަސްޖެހެއެވެ. އެފަދަ މައްސަލައެއް ފެންމަތިވެއްޖެނަމަ ސާފު މައުލޫމާތު ދޭން ވެސް އެފަދަ މުއައްސަސާތަކަށް ނުކުރެ އެވެ. ގާނޫނުން ކޯޓްތަކުގެ ފަނޑިޔާރުންނަށް ކިތަންމެ ބޮޑު ބާރަކާއި އިހްތިޔާރެއް ދީފައި އޮތް ނަމަވެސް ދީނާ ހިލާފު ކަންކަން ކޮށްގެން އުފުލޭ ދައުވާތަކާއި ގުޅިގެން ފަނޑިޔާރަށް ލިބިވަޑަައިގަންނަވާ އިހުތިޔާރުގެ ދަށުން ބޮޑު ހުކުމެއް އިއްވާ މަންޒަރެއް ނުފެނެ އެވެ. އެފަދަ ނިންމުމަކަށް ދައުލަތުން ކަންބޮ ޑުވެގެން އުޅޭ ތަނެއް ނުފެނެ އެވެ. ކުޑަމިނުން ދައުލަތުންވެސް އެފަދަ މައްސަލަތަކުގައި ދައުވާ އުފުލާއިރު ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބު ކަނޑައެޅޭނެ ފަދަ ދައުވާއެއް ކުރަން ވެސް ބޭނުމެއް ނުވެއެވެ.

ބަންގާޅުގެ އެމްޑީ އަލަމްގިރް: އެއްޖިންސުން ގުޅުން ހިންގައި ވިޑިއޯކޮށް އޮރިޔާން ކާޑު އުފެއްދި

އިއްޔެއަކީ ވެސް އެފަދަ ދުވަހެކެވެ. ލިވާތު -- ފިރިހެނުން ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގުން -- އޭގެ ކުށާއި، ސިހާގު -- އަންހެނުން އަންހެނުންނާއެކު ޖިންސީ ގުޅުން ހިންގުން -- އޭގެ ކުށް ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމަނަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށައެޅުއްވި ބިލް، 22 މެންބަރުންގެ ވޯޓުން މަޖިލީހުން ބޭރު ކޮށްލީ އެވެ. ލިވާތާއި ސިހާގު ކުރުމަކީ ޖިނާއީ ބޮޑެތި ކުށްތަކަށް ހަދަން މަޖިލީހަކުން ބޭނުމެއް ނުވި އެވެ.

ލާދީނީ / ބޭދީނީ އަދި ދީނާ ހިލާފު ފާހިސް ކަންކަން ހައްދުން ނައްޓާފައި އޮއްވާ ގާނޫނު ހަދާ މަޖިލީހުން އާންމު ރައްޔިތުންނަށް މި ދިނީ ކޮން މެސެޖެއް ހެއްޔެވެ؟ ބަންގާޅުގެ ފިރިހެނަކާއެކު އެކި ދުވަސްމަތީން އެއް އެނދެއްގައި ދިވެހީންގެ އެތައް ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެ އެ މައްސަލަ ފުލުހުން އެ ދަނީ އަދިވެސް ބަލަމުންނެވެ. އެ ނޫންވެސް އެއްޖިންސުން ގުޅުން ހިންގި އެތައް މައްސަލައެއްގެ ތަހުގީގު ފުލުސް އޮފީހުގައި އެ ހުރީ ފުނި ޖެހިފައެވެ. ދައުވާ ކުރުމާއިމެދު ގޮތް ނުނިމި ޕީޖީ އޮފީހުގައި މައްސަލަތައް އެބަ ހުއްޓެވެ. ހުކުމެއް އިއްވާނެ ދުވަހެއް ނޭންގި ކޯޓްތަކުގައި ފައިލް ކުރެވިފައިވާ މައްސަލަތައް ވެސް މަދެއް ނޫނެވެ.

އަނެއްކޮޅުން މިދިއަ ހޯމަ ދުވަހު ދިވެހި ފިރިހެނުންގެ ބަޔަކު އަންހެން ހެދުން ތަކެއް އަޅައިގެން އެ ނުކުތީ ރަސްފަންނަށެވެ. އެތަނުގައި މޮޑެލްކޮށް އެކި ހަރަކާތްތައް ކުރިއަށް ގެންދަނިކޮށް އާންމުންގެ ބަޔަކު ރުޅިގަދަވެ ފުލުހަށް އެކަން ރިޕޯޓް ކުރުމުން އެ ސަރަހައްދަށް ފޮނުވީ ދެ ފުލުހެކެވެ. އެ ދެ މީހުން ގޮސް އެ މީހުންނަށް ނަސޭހަތް ދިނެވެ. އަދި އެ ސަރަހައްދުން އެ މީހުން ފޮނުވާލި އެވެ. މި މައްސަލާގައި ފުލުހުން ވެސް މައުލޫތު ދިނީ މިގޮތަށެވެ.

ސުވާލަކީ އެފަދަ މައްސަލަތަކުގައި ފުލުުހުން އަމަލު މި ކުރަނީ އެންމެ ރަނގަޅަށް ހެއްޔެވެ؟ ފުލުހުންގެ މިފަދަ އަމަލުތަކުން މުޖްތަމައަށް އެ ދެވެނީ ކޮން މެސެޖެއް ހެއްޔެވެ.

ބަންގާޅުގެ އެމްޑީ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ ކުރަން ވަނީ ފޮނުވާފަ އެވެ. އެފަދަ މައްސަލަތަކުގައި މަދު ވެގެން ފަސް އަަހަރުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ދައުވާތައް ކުރެވެން ދައުލަތަށް އިހުތިޔާރު ދީފައި އެބައޮތެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ހަތަރު މަހުގެ ޖަލު ހުކުމެއް ވެސް ނާންނާނެ ފަދަ ދައުވާތަކެކެވެ.

އެފަދަ ދައުވާއެއް ދައުލަތުން އުފުލި ނަމަވެސް މައްސަލައިގެ ބާވަތަށް ބެލުމަށް ފަހު ބޮޑު ހުކުމެއް އިއްވުމުގެ ފުރުސަތު މައްސަލަ ބައްލަވާ ފަނޑިޔާރަށް ވެސް ގާނޫނުން ދީފައި އޮވެ އެވެ. ނަމަވެސް އެ އިހްތިޔާރުގެ ބޭނުމެއް ނުކުރެ އެވެ. ހުކުމް އިއްވަނީ އެންމެ ކުޑަ އަދަބު ކަނޑައެޅުމަށް ފަހު އެވެ. ދައުލަތާއެކު ހަދާ އިއުތިރާފުގެ އެއްބަސްވުންތަކާއި ކޯޓްގައިވާ އިއުތިރާފާއެކު އެއްޖިންސުން ގުޅުން ހިންގި މީހެއްގެ އަދަބަކީ މިހާރު ދެތިން މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ބައެއް މައްސަލަތަކުގައި ތިން މަހުގެ ގޭގެ ބަންދެކެވެ.

މިއިން ކޮންމެ ކަމަކުންވެސް މުޖްތަމައަށް އެ ދެވެނީ ވަރަށް ނުރަނގަޅު މެސެޖެކެވެ. ލާދީީނީ / ބޭދީނީ ކަންކަން އާންމު ކުރަން ގަދަ ފައިވިއްދާފައި ތިބި އަދި އެފަދަ ކަންކަމަކީ ހައްގެއް ކަމަށް ވަކާލާތު ކުރާ މީހުންނަށް އެ ދެވެނީ ވަރަށް ބޮޑު ހިތްވަރެކެވެ. އެކަން ރާއްޖެއިން ބަލާލި ކޮންމެ ދިމާއަކުން އެ ދަނީ ފެންނަމުންނެވެ. ދީނަށް ފުރައްސާރަ ކުރާ މީހުން ބިރެއް ނެތި އެކަން ރާއްޖޭގައި އެބަ ކުރެ އެވެ. ސޯޝަލް މީޑިއާގައި އެމީހުން އެތިބީ އެއްވެސް ފޮރުވުމެއް ނެތި އެވެ.

ފާހިސް އަމަލުތައް ކޮށް އެ މަންޒަރު ވީޑިއޯކޮށް އާންމު ކުރުމަކީ މާބޮޑު ކަމަކަށް މިހާރު ނުވެއެވެ. އެއީ އެންމެ އާދަައިގެ ކަންކަމަށް ހަދައިފި އެވެ. އެފަދަ މައްސަލަތަކުގައި ދައުވާކޮށް އެކަންކަން ހުއްޓުވުމުގެ ޝައުގުވެރި ކަމެއް ދައުލަތުން ނުފެނެ އެވެ. އެ މައްސަލަތައް ނަގަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ކޯޓާއި ހަަމައަށް ދައުވާ ދިއުމުން ދެންވެސް ފެންނަނީ އެ މަންޒަރު ތަކުރާރުވާ ތަނެވެ. މިކަންކަން ހުއްޓުވަން އޮތް ދައުލަތުގެ އިދާރާތަކުން ފިޔަވަޅު އެޅުމުގެ ބަދަލުގައި ފެންނަނީ ފަހަތު ފަހަތަށް ބުރަވާ މަންޒަަރެވެ. އަމުދުން އެކަންކަން ހުއްޓުވަން ގާނޫނުތައް ހަދަން އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެންނަނީ މާ ހިތްދަތި މަންޒަރެކެވެ. ގާނޫނުތަކަށް ބަދަލުގެނެސް އެކަން ހުއްޓުވޭނެ މަގެއް ހޯދަން އެ މަޖިލީހުން ބޭނުމެއް ނުވެ އެވެ.

އެހެން ނޫންނަމަ އިއްޔެ ފެނުނު މަންޒަރު އެ މަޖިލީހުން ނުފެނުނީހެވެ. ގަބޫލު ކުރަން ބޭނުން ނޫން ނަމަވެސް ލާދީނީ / ބޭދީނީ އަދި ފާހިޝް މުޑުދާރު ކަންކަން އާންމުކޮށް އެއީ އާދައިގެ ކަންކަމަށް ހަދަން ބޭނުންވާ ބަޔަކަށް މިއަދު ބާރުތަކެއް ލިބިއްޖެ އެވެ. ރޭވިގެން / އިންތިޒާމު ވެގެން އެކަންކަން އެބަ ހިނގައެވެ. ބޭދީނީ ފިކުރު ނޯމަލައިޒް ކޮށްފި އެވެ.

ކޮމެންޓް

1
450
ހަބީބައްތަ
1 year ago

ހަބީބާ މިބުނަނީ ކުރެއޭ، ކޮށްފިއޭ އެނގިގޭ، ހަބީބީ ދައްކާނީ ސީދާސީދާ ވާހަކަ، މިރާއްޖޭގެ މި ހަބީބާމެން މިހެން އުޅެ ނިކޮށް ބަޔަކު ބޭނުން ވަނީ މިހާރު އެހެން ދީންތަކުގެ މީހުން މިތާނަގައި އާލާ ކުރަން އެނގިގެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.