އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމުން ހަރުދަނާ އުސޫލުތަކެއް ފެނަކައިގެ ހިންގުމަށް ތައާރަފުކުރެވި، މާލީ އިލްތިޒާމުތައް އަދާކުރެވޭނެ އުސޫލުތަކެއް ތަރުތީބުކުރެވި، މުޅި ކުންފުންޏަށް ހެޔޮ ބަދަލުތަކެއް ގެނެވިގެންދާނެ އެވެ.
ފެނަކަ އަކީ އަތޮޅު ތެރެއަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރު ކުންފުންޏެވެ. އެ ކުންފުނީގެ މާލީ ހާލަތުގެ ވާހަކައަކީ ފަށްފަށްކޮށް ނޫސްތަކުގައި ނުލިޔުނަސް ކޮންމެވެސް މިންވަރަކަށް ގައުމުގެ ކަންކަން ހިނގާ ގޮތް ބަލައިއުޅޭ އެންމެނަށް އެނގޭ ވާހަކަައެކެވެ. ފެނަކައިގެ ދަރަނި ހަތަރު ބިލިއަން ރުފިޔާއަށް އަރަ އެވެ. ކުންފުންޏަށް ލިބޭ އާމްދަނީއާ ނޭކަށޭނެ މިންވަރަކަށް ކުންފުނީގައި މުވައްޒަފުން އެބަތިއްބެވެ. ކުރު ރާސްތާގައި ފެނަކައިން އަދާކުރަން ޖެހިފައިވާ މާލީ އިލްތިޒާމުތައް ކުންފުނީގެ އެސެޓުތައް ވިއްކައިގެން ނޫނީ އަދާކުރެވޭކަށް ނެތެވެ.
މިކަންކަން މިހެން ހުރުމާއެކު، ފެނަކައިގެ ހިންގުން ހަރުދަނާކޮށް، ކޯޕަރޭޓް ގަވަނޭންސްގެ ހަރުދަނާ އުސޫލުތައް ތަންފީޒުކޮށްގެން ނޫނީ ފެނަކައަށް ސަލާމަތުގެ އައްސޭރިއެއްގެ މަލަމަތިވެސް ފެންނަން ނެތެވެ. މިއީ ފެނަކައިގެ ހިންގުން އޮންނަ ގޮތާއި އެ ކުންފުނީގެ މާލާ ހާލަތު އެނގޭ އެއްވެސް މީހަކު ދެބަސްނުވާނެ ހަގީގަތެކެވެ. މިހާލަތުގައި ފެނަކަ އޮއްވައި އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ ފެނަކަަ އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށެވެ. އެ ނިންމެވުމާ ގުޅޭ ގޮތުން އެކި ގޮތް ގޮތަށް ވާހަކަތައް ދެކެވެ އެވެ. ސުވާލަކީ މި ނިންމުމުން ހާސިލުކުރަން ބޭނުންވާ ނަތީޖާއަކީ ކޮބައިތޯ އެވެ؟
ދިވެހި ސަރުކާރުގެ ހިއްސާ އޮތް ކުންފުނިތަކުގެ ތެރެއިން ހިންގުމުގެ ނިޒާމު އެންމެ ރަނގަޅު އެއް ކުންފުންޏަކީ އެސްޓީއޯ އެވެ. ސެންޓާ ފޯ އިންޓަނޭޝަނަލް ޕްރައިވެޓް ސެންޓާޕްރައިސް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން އެކުލަވައިލި ކޯޕަރޭޓް ގަވަނެންސް ޓްރާންސްޕޭރެންސީ އިންޑެކްސް 2023 ގައި އެންމެ މަތިން މާކުސް ލިބުނު ކުންފުންޏަކީ އެސްޓީއޯ އެވެ.
އަދި އެސްޓީއޯއަކީ ޕްރައިވެޓް ސެކްޓާއާއެކު ކަންކަން އިންތިޒާމުކޮށް ހިންގުމުގެ ދާއިރާއިންވެސް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏެވެ. އެތެރޭގެ ކޮންޓުރޯލުތައް ރަނގަޅު މިންވަރަށް ބަލާއިރު އެ ކުންފުންޏަށް 91 އިންސައްތަ އެ އިންޑެކްސްގައި ލިބިފައިވެ އެވެ.
ފެނަކައަކީ މި އިންޑެކްސްގައި އެންމެ ފުލުހުން ދިޔަ އެއް ކުންފުންޏެވެ. ހުރިހާ ކެޓަގަރީއެއްގައިހެން އެ ކުންފުނި އުޅެނީ ފުލުގަ އެވެ. ޕްރައިވެޓް ސެކްޓާއާއެކު ހަދާފައިވާ އެއްބަސްވުންތަކުން ފައިދާވާ މިންވަރު ވަޒަންކޮށް އެ އިންޑެކްސްގައި އެ ކުންފުންޏަށް ދީފައިވަނީ ސުން ޕޮއިންޓެވެ. އެތެރޭގެ ކޮންޓްރޯލުތަކުގެ ހަރުދަނާކަން މިންކުރުމުންވެސް ލިބުނީ ސުމެކެވެ.
އެހެންކަމުން ބޮއްސުންލާފައިވާ ފެނަކައަށް ބޭނުންވަނީ ހިންގުމުގެ ނިޒާމުތައް ރަނގަޅުކޮށް އަލުން ތަރުތީބުކޮށް، މިހާރަށްވުރެ ދެފުށް ފެންނަ ޖަވާބުދާރީވަނިވި ގޮތެއްގައި ހިންގޭނެ އޮނިގަނޑެކެވެ. އެ އޮނިގަނޑު އެ ކުންފުނީގެ އެތެރޭގައި ތަންފީޒުކުރުމުގެ ގާބިލުކަން އެންމެ ބޮޑު ކުންފުންޏަކީ މިވަގުތު އެސްޓީއޯ އެވެ.
އެސްޓީއޯއަކީ ކޯޕަަރޭޓް ގަވަނެންސް އެންމެ ރަނގަޅު އެއް ކުންފުނިކަމަށްވުމުގެ އިތުރަށް އެ ކުންފުންޏަކީ ހަރުދަނާ މެނޭޖުމެންޓެއްގެ ދަށުން ހިނގާ، ތަޖުރިބާކާރު ޓީމެއް އޮތް ކުންފުންޏެވެ. ރަނގަޅަށް މާލީ ކަންކަން ބައްޓަންކޮށްގެން ކުންފުންޏެއް ހިންގުމުގައި ރާއްޖޭގެ ދައުލަތުގެ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކަށް ބެލި ނަމަވެސް އެސްޓީއޯއަށްވުރެ ރަނގަޅު ކުންފުންޏެއް މަދުވާނެ އެވެ.
ފެނަކައަކީ އޭގެ އިދިކޮޅެވެ. ނެތް ފައިސާއިން މަޝްރޫއުތައް ހިންގަން ފަށާފައިވެ އެވެ. ފެށި ގިނަ މަޝްރޫއުތައް ނުނިމި މަޝްރޫއުތަކަށް ކުރަންޖެހޭ ހަރަދު ހަގީގީ ހޭދައަށްވުރެ އެތައް ގުނައެއް އިތުރުވެފައިވެ އެވެ. ކުންފުނީގެ މަސައްކަތަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އެތައްހާސް މުވައްޒަފުންނެއް އެބަ ތިއްބެވެ. މިހުރިހާ މައްސަލަތަކުން އެ ކުންފުންޏަށް އަރައިގަނެވޭނީ ކުންފުނީގެ އޮނިގަނޑަށް ހެޔޮ ބަދަލުތަކެއް ގެނެވިގެންނެވެ.
އެސްޓީއޯގެ ޓްރެކް ރެކޯޑުން މި ބަދަލު ގެނެވޭނެކަން ފެނެ އެވެ. އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބުނެވެ. އެ ކުންފުނީގެ އެސެޓުތަކުގެ އަގު 13 ބިލިއަނަށް އަރަ އެވެ. ކުންފުނީގެ އިކުއިޓީވެސް 5 ބިލިއަނަށް އަރަ އެވެ. ފެނަކައިގެ މުވައްޒަފުންނަށް އާމްދަނީގެ 11 އިންސައްތަ ހަރަދުވާއިރު އެސްޓީއޯގައި އެ ނިސްބަތް ހުރީ އެންމެ 3 އިންސައްތައިގަ އެވެ.
އެހެންކަމުން އެސްޓީއޯއިން ހިފަހައްޓަމުންދާ އުސޫލުތައް ފެނަކައިގެ ތެރޭގައި ތަންފީޒުކުރެވިއްޖެނަމަ މާލީ ގޮތުން ފެނަކަ އޮތް ހީނަރުކަމުން އެ ކުންފުންޏަށް އަރައިގަނެވޭނެ އެވެ.
އެސްޓީއޯއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުންޏެވެ. ދުވަހަކުވެސް ސަޕްލަޔަރުންނަށް އެ ކުންފުނިން ފައިސާ ނުދޭ މައްސަލަ ފެންމަތިނުވެ އެވެ. އަދި އެއްފަހަރާ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާގެ އަދަދު ބޮޑުވެ މެނޭޖުނުކުރެވިގެން އުޅެންނުޖެހެ އެވެ.
ފެނަކައަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އެ ކުންފުނިން އާންމު ވިޔަފާރިތަކަށް ދޭންޖެހިފައި ހުރި އެތައް ބިލިއަން ރުފިޔާއެކެވެ. އެ ފައިސާ ނުދެއްކި ދިގުލައިގެން ދިއުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ލޮޅުންތަކާއި އަންނަމުންދާ ހީނަރުކަމުގެ އަސަރު މުޅި އިގުތިސާދަށް ފޭދިގެން ފެތުރެމުންދެ އެވެ.
އެސްޓީއޯގެ ތަޖުރިބާއަށް ބަލައި ފެނަކައިގެ މާލީ އިލްތިޒާމުތައް އަދާކޮށް އެ ކުންފުންޏަށް ހިދުމަތާއި ތަކެތި ފޯރުކޮށްދީފައިވާ ސަޕްލަޔަރުންނަށް ފައިސާ ދެއްކޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވި ދެފުށް ފެންނަ އިތުބާރު ހިފޭ ގޮތަކަށް އެކަން ކުރެވިގެންދާނެ ކަމުގައި ބެލެވެ އެވެ.
ފެނަކައިގެ ދަރަންޏަށް ބަލާއިރު އެ ކުންފުނީގެ ޖުމްލަ ދަރަނީގެ ތެރެއިން ދެ ބިލިއަނެއްހައި ރުފިޔާއަކީ އެސްޓީއޯއިން ތެޔޮ ގަތުމަށްފަހު ދައްކަންޖެހިފައިވާ ފައިސާ އެވެ. އެސްޓީއޯ ދަށަށް ފެނަކަ ބަދަލުކުރުމުން އެ ފައިސާ ދެއްކުމުގައިވެސް މިހާރަށްވުރެ ލުއި ގޮތްތައް ހަމަޖެހިގެންދާނެ އެވެ.
މަރު މައްޗަށް ވެއްޓިފައި އޮތް ކުންފުންޏަކާ އެސްޓީއޯއިން ހަވާލުވަނީ އަލަކަށް ނޫނެވެ. ދިވެހި ދައުލަތުގެ މަސް ކުންފުނި މިފްކޯ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައި އޮއްވައި އެސްޓީއޯގެ ދަށަށް އެ ކުންފުނި ބަދަލުކުރުމުން އެސްޓީއޯއިންވަނީ ކުންފުނީގެ ހިންގުމަށް ހަރުދަނާ ރަނގަޅު ބަދަލުތަކެއް ގެނެސްފަ އެވެ.
މަހުގެ އަގު ކުރީ ސަރުކާރުން ބޮޑުކުރުމުގެ ކުރިން މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް އެސްޓީއޯގެ ބެލުމުގެ ދަށުގައި ބަދަލުވި އެވެ. ސަރުކާރުން ދޭ ސަބްސިޑީ ލައިގެން ނަމަވެސް މިފްކޯއަށް ފައިދާއެއް ލިބުނީ މިފްކޯގެ ހިންގުން ހަރުދަނާކޮށް އެ ކުންފުނީގެ ތެރެއިން ކުރިން ފައިސާ ލީކުވަމުން އެތައް ލޯވަޅެއްގައި އެސްޓީއޯއިން ޖެހި އުނގުރީގެ ސަބަބުންނެވެ.
ސިޔާަސީ ބޭނުމަށް ވަަޒީފާ ދިނުމާައި، ކުންފުނީގެ މަސައްކަތުގެ ދާއިރާގެ ބޭރުން އެތައް ކަމެކާ ހަވާލުވުމާއި، ނުހިންގޭ މިންވަރަށް މަޝްރޫއު ފަދަ މައްސަލަތައް ފެނަކައިން ފެންމަތިވި ނަމަވެސް ފާއިތުވި ދައުރުގައިވެސް އެ މައްސަލަަތަކެއް މިފްކޯއިން ފެންމަތިނުވެ އެވެ. މިފްކޯގެ ގަވަނެންސް ނުވަތަ ހިންގުމުގެ ނިޒާމު އޮތީ އެފަދަ ކަންކަމަށް ފުރުސަތާއި ޖާގަ ލިބޭ މިންވަރަށްވުރެ ހަރުދަނާކޮށެވެ. ސަބަބަކީ އެސްޓީއޯގެ ބެލުމުގެ ދަށުން ހިނގުމެވެ.
އެހެންކަމުން ފެނަކައިގެ ހަޑި ސާާފުކުރަން އެސްޓީއޯއިން ނުކުންނާނީ ކުރިން ކުރެވިފައި ހުރި ތަޖުރިބާގެ އަލީގަ އެވެ. އިތުރަށް ރަނގަޅުކުރަންޖެހޭ އެތައް ކަމެއްވެސް އެނގި ތިބެ އެވެ. އެހެންކަމުން ފެނަކައިގެ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނެވި ނިޒާމުތަކާއި އުސޫލުތައް މިހާރަށްވުރެ އާރުލާ ގޮތެއްގައި ބައްޓަންވާނެ ސަބަބެއްކަމަށް އެސްޓީއޯގެ ބަލަދުވެރިކަން ވާނެ އެވެ.
އެސްޓީއޯގެ މާލީ ގާބިލުކަމާއެކު އެ ކުންފުންޏަށް މުސްތަގުބަލުގައި ފައިދާވާނެ ގޮތެއްގެ މަތިން ފެނަކައަށް އިންވެސްޓު ކުރެވޭނެ އެވެ. އެގޮތުން ފެނަކައިގެ އިންޖީނުގެތައް އެފިޝިއެންޓުކޮށް މިހާރަށްވުރެ ހިދުމަތުގެ އަގުހެޔޮވާނެ ގޮތްތައް އިންތިޒާމުކުރުމަށް ބޭނުންވާ މާލީ ގާބިލުކަން އެސްޓީއޯގެ ހުންނާނެ އެވެ.
ފެނަކައިގެ ކެޕޭސިޓީ އިތުރުކުރުމަށް ފައިސާ ބޭނުންވާއިރު ފެނަކައަކީ އަމިއްލަ ބާރުގައި ފައިނޭންސް ހޯދުމުގެ ގާބިލުކަން އޮތް ކުންފުންޏެއް ނޫނެވެ. ނަމަވެސް އެސްޓީއޯއަކީ ކުއާޓާއެއްގެ މައްޗަށް ހަތަރު ބިލިއަން ރުފިޔާއާައި ފަސް ބިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް އަދި ސާފު ފައިދާގެ ގޮތުގައި ކުއާޓާއެއްގައި 150 ބިލިއަނަށްވުރެ ބޮޑު އާމްދަނީއެއް ހޯދާ ކުންފުންޏެކެވެ.
އެހެންކަމުން ފެނަކައިގެ ގާބިލުކަމާައި، ކުންފުނީގެ އެފިޝިއަންސީ އިތުރުކޮށް، ކަރަަންޓުގެ އަގުހެޔޮކުރުމަށް އިއާދަކުރަނަވި ހަކަތަ ފަދަ ދާއިރާތަކުން އިންވެސްޓުކުރަން ބަލާއިރު، އެސްޓީއޯއަކީ މާލީ ގޮތުން އަމިއްލައަށް އެކަމށް އިންވެސްޓުކުރެވިދާނެވަރުގެ ގާބިލު ކުންފުންޏެކެވެ. އަދި މާލީ އިދާރާތަކުން ފައިނޭންސް ހޯދޭނެ ގާބިލުކަމާއި އެ އިތުބާރުވެސް އޮތް ކުންފުންޏެކެވެ.
ކުރުކޮށް ދަންނަވަނީނަމަ، އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމުން ހަރުދަނާ އުސޫލުތަކެއް ފެނަކައިގެ ހިންގުމަށް ތައާރަފުކުރެވި، މާލީ އިލްތިޒާމުތައް އަދާކުރެވޭނެ އުސޫލުތަކެއް ތަރުތީބުކުރެވި، މުޅި ކުންފުންޏަށް ހެޔޮ ބަދަލުތަކެއް ގެނެވިގެންދާނެ އެވެ. އުންމީދަކީ އެކަމުގެ ސަބަބުން މަރުގެ ތުންފަަތްމަތީގައި އޮތް ފެނަކައަށް ދިރުން ލިބުމެވެ.