މި މަހުގެ ހަތްވަނަ ދުވަހުވެ ރޭ ދިވެހި ފިލްމު "ސާޔާ" އޮލިމްޕަހު ގައި ސްކްރީން ކުރާނެ އެވެ. ފިލްމުގެ ޓިކެޓް އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން މިހާރު ދަނީ ވިއްކަމުންނެވެ. ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ޕްރޮޑަކްޝަން ޓީމުން ދަނީ ކުރަމުންނެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝައި ޕްރޮޑަކްޝަންގެ އެކައުންޓްތަކުން ދަނީ ފިލްމުގެ ބައެއް މަންޒަރުތައް ހިއްސާ ކުރަމުންނެވެ. އަދި ފިލްމުގެ ބައެއް މަންޒަރުތައް ހިމަނާ އެ މަންޒަރުތަކުގެ ޑައިލޮގްތަކާ އެކު ވެސް އާންމުކޮށްފައިވެ އެވެ.
އެންމެ ފަހުން އާންމުކުރި މަންޒަރު ގައި ފެންނަނީ ފިލްމުގެ ބަތަލް، މީހަކު ވަޅުލާފައިވާ ތަނެއްގައި އިށީންދެ އިންނަ މަންޒަރެވެ. ގަބުރުގެ މައްޗަށް އަޅާފައިވާ ފަސްގަނޑުން ފަސްކޮޅެއް ނެގުމާއެކު މީހެއްގެ އިޝާރާތެއް ވެ އެވެ. އެއީ ކާކު ހެއްޔެވެ. އިންސާނެއް ހެއްޔެވެ. ނޫނީ އެހެން މަހުލޫގެއް ހެއްޔެވެ.
އެ ކުރުކުރު ވީޑިއޯކޮޅުން ވެސް ފިލްމަށް އޮތް ޝައުގުވެރިކަން އިތުރު ކުރުވަ އެވެ. ފިލްމު ފެންނާނެ ވަގުތަކަށް ކުރެވޭ އިންތިޒާރު އިތުރުކުރުވަ އެވެ.
ފިލްމުގެ ބައެއް މަންޒަރުތައް ހިމަނާ އެ މަންޒަރުތަކުގެ ޑައިލޮގްތަކާ މިހާތަނަށް ދެ ޕޯސްޓެއް އާންމުކޮށްފައިވެ އެވެ. އެއް މަންޒަރުގައި ފެންނަނީ ފިލްމުގެ ބަތަލާ ބަނދެ ރަހީނުކޮށްގެން ބަޔަކު ގެންގުޅެނިކޮށެވެ. އަދި އެެތަނަށް އެހެން ބަޔަކު އަންނަ ކަމުގެ އިޝާރާތެއް ލިބި ދެން ކަން ކުރާނެ ގޮތެއް ނޭންގިފައި ތިބޭ ތަނެވެ. އެކަކުގެ ހިޔާލަކީ ބަތަލާ އަވަހަށް ދޫކޮށްލުމެވެ. އެކަމަކު އަނެކަކު އެކަމާ ދެކޮޅު ހަދަ އެވެ.
"އޭރުންނޯ؟ މޮހެލާއިރަށް ދުވެ ފިލާނައެއް ނު! އަނެއްކާ ގޮސް އަހަރެމެންގެ ވާހަކަ ބުނާނެ... ހިނގާ މަރާލަން.. " އޭނަގެ ހިޔާލަކީ މިއީ އެވެ.
މި މަންޒަރުން ވެސް ފިލްމަށް ކުރުވާ އިންތިޒާރާ ޝައުގު ބޮޑުވެ އެވެ. ސާޔާއަށް އެފަދަ އަނިޔާއެއްދީ ބަނދެ ރަހީނުކޮށްގެން ގެންގުޅެނީ ކޮން ބައެއް ހެއްޔެވެ. އެހެން އެ ހެދީ ކީއްވެ ހެއްޔެވެ. އޭނާ ދޫކޮށްލައިފިނަމަ ގޮސް ބުނާނީ ކޮން ވާހަކައެއް ހެއްޔެވެ. އެ ދެ މީހުން އޭނާއަށް ކުރީ ކޮން ކަމެއް ހެއްޔެވެ. ފަޅާ އަރާފާނެތީ ބިރު ގަންނަނީ ކޮން ކަމެއް ކުރެވިގެން ހެއްޔެވެ. ސާޔާ މޮހެލާ ދޫކޮށްލާނީ ހެއްޔެވެ. ނޫނީ މަރާލާނީ ހެއްޔެވެ. އެހެން ނޫނީ އެ ބަހުސްގައި ތިއްބާ އެތަނަށް އެހެން ބަޔަކު އަންނާނީ ހެއްޔެވެ. މި ހުރިހާ ހައްތަހާވެސް ސުވާލެވެ. އޮތީ ފިލްމަށް އިންތިޒާރު ކުރުމެވެ.
އަވަށް ޓިކެޓް ނަގާށެވެ. މިހާރު ވެސް އޮލިމްޕަހުން ޓިކެޓް ވިއްކާނެ އެވެ. މިއީ ކޮންމެހެން ބަލާލަން ޖެހޭ ފިލްމެކެވެ.