ލިސްޓު ކުރީ 200 މިލިއަންގެ ބޮންޑެކެވެ. ނަމަވެސް ފުރަތަމަ ހޯދަން ހުޅުވާލީ 50 މިލިއަން ރުފިޔާ އެވެ. މިއީ ޕްރައިވެޓް ލިސްޓިންގެ ގޮތުގައި މި ކުންފުނިން ހުޅުވާލި ފުރަތަމަ ބޮންޑެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިއްކި ފުރަތަމަ ބޮންޑުގެ ފައިދާ އިންވެސްޓަރުންނަށް ޖަމާކޮށްފި އެވެ.
އެމްޕީއެލް އިން ބުނީ ފުރަތަމަ ބޮންޑުގެ ކޫޕަންގެ ގޮތުގައި 3.5 މިލިއަން ރުފިޔާގެ ފައިދާ އިންވެސްޓަރުންނަށް ޖަމާކޮށްފައިވާ ކަމަށެވެ. މިއީ މި ކުންފުނިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑެވެ.
މި ބޮންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު 11، އޭޕްރިލް 2023 ގައި ހުޅުވާލިއިރު މި ބޮންޑަށް ގިނަ ފަރާރްތަކުން އިންވެސްޓުކޮށްފައި ވެއެވެ. މި ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓްކުރި ފަރާތްކަށް 4 ޖުލައި 2024 ގައި ވަނީ ޖަމާކޮށްދީފަ އެވެ.
އެމްޕީއެލް ބޮންޑް - ރާއްޖޭގެ ހިއްސާގެ ބާޒާރު ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީސް ސެގްމެންޓު "ވިޔަނަ" ޕްލެޓްފޯމުގައި އެމްޕީއެލް އެފަހަރު އިންވެސްޓްކުރީ 200 މިލިއަން ރުފިޔާ އެއް އަހަރުގެ ތެރޭގައި ހޯދަން ކަނޑައަޅާފައިވާ ބޮންޑެކެވެ. ނަމަވެސް ފުރަަތަމަ ހޯދަން ހުޅުވާލީ 50 މިލިއަން ރުފިޔާ ހޯދުމުގެ ޓާގެޓެކެވެ. މި ބޮންޑު ގަންނަ ފަރާތްތަކަށް އަހަރަކު ފައިދާގެ ގޮތުގައި ހަތް ޕަސެންޓު ލިބެ އެވެ.
މި ކުންފުނީގެ ބޮންޑު ކާމިޔާބުކަމާއެކީ ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި ލީޑް އެރޭންޖަރގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވަނީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އެވެ. ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އަކީ ފައިނޭންސްގެ ދާއިރާގައި އަދި ހާއްސަކޮށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ގިނަ ކުންފުނިތަކެއްގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެކެވެ.
އެމްޕީއެލް އިން ބުނީ މިފަދަ ބޮންޑުތަކުގައި އިންވެސްޓުކުރުމަށް ލިބޭ ފުރުސަތުތަކަކީ ފައިސާ ފަހަށް ރައްކާކުރަން ބޭނުންފުޅުވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތުތައް ކަމަށެވެ. ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބޮންޑު ލިސްޓުކުރެވެނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.