ޝަމްނާޒުގެ ލޯޔަރުގެ ތުހުމަތުތައް ފުލުހުން ދޮގުކޮށްފި

ފުލުހުން ތަރުޖަމާން ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ޝިފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަމީޒާ ދެކޮޅަށް ހެކިބަސް ދިނުމަށް ޝަމްނާޒު ކިބައިން ފުލުހުން އެދިފައިނުވާނެ ކަމަށެވެ.

އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް

އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޝަމްނާޒު އަލީ ސަލީމުގެ ގާނޫނީ ވަކީލު އަލީ ޝާހު ފުލުހުންނަށް އަމާޒުކުރެއްވި ތުހުމަތުތައް ފުލުހުންގެ އިދާރާއިން ދޮގުކޮށްފި އެވެ. 

އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޝާހު ވިދާޅުވެފައިވަނީ ޝަމްނާޒު ހައްޔަަރުކޮށްފައި ހުރީ އެއްވެސް ހެއްކެއް ނެތި ކަމަށެވެ. އަދި އޭނާ ކިބައިން ފުލުހުން އެދެނީ އޭނާގެ ކުރީގެ ފިރިކަލުން ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒާ ދެކޮޅަށް ހެކިބަސް ދިނުމަށް ކަމުގައިވެސް ޝާހު ތުހުމަތު ކުރެއްވި އެވެ. 

ޝާހު ވިދާޅުވި ގޮތުގައި މި މައްސަލާގައި ހެއްކެއް ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ނެތްއިރު ޝަމްނާޒުގެ މައްޗަށް ޖިނާއީ ތުހުމަތު ކުރަނީ ގާނޫނުގެ ކޮން މާއްދާތަކެއްގެ ދަށުންކަން ފުލުހުންނަށް ބުނެދެވިފައިނުވެ އެވެ. އަދި އެ މައްސަލާގައި ޝަމްނާޒާމެދު ފުލުހަށް ޝަކުވާއެއް ހުށަހެޅީ ކާކުކަންވެސް ބުނެދެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަމްނާޒު ހައްޔަރު ކުރީ ސިހުރު ހެދުމުގެ ތުހުމަތުގަ އެވެ. އޭނާއާއެކު އޭނާގެ ކޮއްކޮއެއްވެސް ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަލާގައި  މިހާތަނަށް ތިން ފަހަރެއްގެ މަތިން އޭނާ ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ. 

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމްނާޒަށް ތުހުމަތުކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާއަށް ސިހުރު ހެދިކަމަށްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ފުލުހުންވަނީ ކުރެވޭ ތުހުމަތަކީ ރައީސަށާއި އާއިލާއަށް ސިހުރު ހެދުންކަމަށް ބުނެފަ އެވެ. 

ނަމަވެސް ފުލުހުންނާއި ސަރުކާރުންވެސް ބުނެފައިވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅުއްވާފައިވަނީ ރައީސް އަދި އެމަނިކުފާނުގެ އާއިލާއިން ނޫން ކަމަށެވެ. 

ޝާހު ދެއްކެވި ވާހަކަފުޅާ ގުޅިގެން ފުލުހުން ތަރުޖަމާން ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ޝިފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަމީޒާ ދެކޮޅަށް ހެކިބަސް ދިނުމަށް ޝަމްނާޒު ކިބައިން ފުލުހުން އެދިފައިނުވާނެ ކަމަށެވެ. 

ޝަމްނާޒު ހައްޔަރުކުރިތާ ކުޑަ ދުވަސްކޮޅެއްފަހުން އޭނާގެ ކުރީގެ ފިރިކަލުން އާދަމް ރަމީޒުވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުން ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑު ކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަނުކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.