ބައްސާމް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަޅުއްވާ ފިޔަވަޅުތަކަށް ފުރިހަމައަށް އިހުތިރާމު ކުރެއްވުމާއެކު، މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބައްސާމް އާދަމް އެ މަގާމުން ވަކިކުރީ ނޫންކަމާއި، އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކަން ހާމަވެއްޖެ އެވެ.
ބައްސާމު މަގާމުން ވަކިކުރީ ކަމަށް ނޫސްތަކަށް ސަރުކާރުގެ ބައެއް އޮފިޝަލުން ނުރަސްމީކޮށް މައުލޫމާތު ދީފައިވަނިކޮށް މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގަައި ބައްސާމް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަޅުއްވާ ފިޔަވަޅުތަކަށް ފުރިހަމައަށް އިހުތިރާމު ކުރެއްވުމާއެކު، މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.
އަދި ޑެޕިއުޓީ އެމްޑީއެއްގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީގައި ހޭދަކުރެއްވި މުއްދަތުގައި ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަން ހަރުދަނާކުރުމަށާއި، ފަަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓުކުރުން އިތުރަށް ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ ގުޅުންތައް އިތުރުކުރަން ކުރެއްވުނު މަސައްކަތްޕުޅާމެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
އަދި އެ މުއްދަތުގައި ލިބިވަޑައިގެންނެވި ފުރުސަތުތަކަށާއި އެއްބާރުލުމަށް ޝުކުރުވެވަޑައިގަންނަވާ ކަމުގައި ބައްސާމް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީއަށް ކުރިމަތިވި އެންމެ ދަތި ވަގުތުގައި އެ ކުންފުނި ހިންގެވުން އޭނާއާ މަތިކުރައްވައި ރައީސް މުއިއްޒު ކުރެއްވި އިތުބާރަށް ބައްސާމް ޝުކުރު އަދާކުރެއްވި އެވެ. މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމުގައި ހިއްސާވެވަޑައިގަންނަވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ބައްސާމް މަގާމުން އިސްތިއުފާ ދެއްވިއިރު މި އަހަރު ބާލިންގައި ބޭއްވި އައިޓީބީ ފެއާގެ ތެރެއިން އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފަކަަށް އޭނާގެ ފަރާތްޕުޅުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތުހުމަތުވި އެވެ. އެ ތުހުމަތާ ގުޅިގެން އެ ކުންފުނިންވަަނީ މައްސަލަ ބަލާފަ އެވެ. މައްސަލަ ބެލި މުއްދަތުގައި ބައްސާމް ހުންނެވީ ސަަސްޕެންޝަނުގަަ އެވެ.
އެ މައްސަލަ ބެލި ކޮމިޓީން ނިންމާފައިވާ ނިންމުން އަންގަވައި ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝިއުރީ ބައްސާމަށް ފޮނުއްވި ސިޓީއެއް "މިރާ"އަށް ލިބިފައިވެ އެވެ. އެ ސިޓީގައި ޝިއުރީ ވިދާޅުވެފައިވަނީ އެ ތުހުމަތު ތަހުގީގުކުރުމަށްފަހު އޭޕްރީލު މަހުގެ 29 ވަނަ ދުވަހު ކޮމިޓީން ނިންމީ އައިޓީބީ ފެއާގައި ބައިވެރިވި އެއްވެސް މުވައްޒަފަކަށް ކުންފުނީގެ އެހެން މުވައްޒަފެއްގެ ފަރާތުން ޖިންސީ ފުރައްސާރައެއް ކުރިމަތިވެފައި ނެތް ކަމަށެވެ.
ބައްސާމް މަގާމުން އިސްތިއުފާ ދެއްވިއިރު އެމްއެމްޕީއާރުސީގައި އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފުވެސް ކުންފުނިން ވަކިކޮށްފައިވެ އެވެ. ނަމަވެސް އެ ބޭފުޅާ މަގާމުން ވަކިކުރި ސަބަބެއް މިހާތަނަށް ކުންފުނިން ހާމަނުކުރެ އެވެ.