ފައްޔާޒު ވިދާޅުވީ ފިޗުގެ ރޭޓިންއިން ދައްކައިދެނީ އެމްޑީޕީގެ ސަރުކާރުގައި ރަނގަޅު މިސްރާބަކަށް އަޅުވާފައި އޮތް އިގުތިސާދު ކުރިއަށްގެންދާނެ ޕްލޭނެއް މި ސަރުކާރުގައި ނެތިގެން އަނގަވަތަށް ވައްޓާލާފައިވާކަން ކަމަށެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން އެނގުނީ ފާއިތުވި ހަތް މަސްދުވަހު ސަރުކާރުގެ އިގުތިސާދީ ޕްލޭނެއް ނެތްކަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގުރާމުގައި ފިޗްގެ ރޭޓިން ދަށްކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ފިޗްއިން ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގައި އެއިރުގެ އިގުތިސާދީ ހާލަތު ބެލުމަށްފަހު ނިންމީ އެއިރު ދީފައި އޮތް ރޭޓިންކަމަށްވާ ބީ މައިނަސް ދެމެހެއްޓުމަށް ކަމަށެވެ.
ރޭޓިން އެޖެންސީތަކުން ރޭޓިން ދޭ ގޮތަކީ އެއިރެއްގެ އިގުތިސާދީ އަދި މާލީ ހާލަތަށް ރިއާޔަތްކުރުން ކަމަށާއި، އެއީ ކުރިން އޮތް ހާލަތަކަށް ބަލައިގެން ހަދާ ރޭޓިންތަކެއް ނޫންކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިޔައިރު 2023 ގެ އޮކްޓޯބަރުގައި އައިސް ފިޗުން ޓެސްޓުތައް ހެދި. ހަދާފައި ބުނީ ރަނގަޅޭ ހިފަހައްޓާށޭ. މިހާރު ތިޔަ ހުރި ޑިރެކްޝަން ރަނގަޅޭ. އެހެންވީމާ އެކިޔާ ޕްލަސްއެއްގައި [ކްރެޑިޓް ރޭޓިން] ހިފަހެއްޓީ،" ފިޗުން 2023 ގެ އޮކްޓޯބަރުގައި ރޭޓިން ދިންއިރު އިގުތިސާދީ ހާލަތު ރަނގަޅުކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވި އެވެ.
"ހަތް މަސްފަހުން އައިސް އެމީހުން ބަލައިލިއިރު ކަމުދާކަށް ނެތް. ތެޔޮ އެއްޗެހި ކަނީ، ކަރޯކޭ ހަދަނީ މިހެން ގޮސް އެއްވެސް ކޮންޓްރޯލެއް ނެތި މިހުރިހާ ސަކަރާތެއް ޖެހީމާ ފިޗުން ބުނީ ކޮލެސްޓްރޯލް ވަރަށް މައްޗޭ، ހަކުރު ހުރީ ސްޓްރޯކެއް ޖެހޭ ހިސާބުގައޭ. އެހެންވީމާ [ކަންކަން ހުރީ] ވަރަށް ނުރައްކާ ހިސާބައެއްގައޭ، މަރުވެދާނެއޭ ބަދަލުނުކޮށްފިއްޔާ،" ސިއްހީ މިސާލެއް ބޭނުންކުރައްވައިގެން ހާލަތު ބަދަލުވި ގޮތް ތަފުސީލުކޮށްދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.
ފިޗުން ރޭޓިން ދެނީ ވޭތުވެދިޔަ ތަނުގައި ކަންކަން ހުރި ހާލަތަށް ބަލައިގެން ހަދާ އެއްޗެއް ނޫންކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ފިޗުގެ ރޭޓިންއިން ދައްކައިދެނީ އެމްޑީޕީގެ ސަރުކާރުގައި ރަނގަޅު މިސްރާބަކަށް އަޅުވާފައި އޮތް އިގުތިސާދު ކުރިއަށްގެންދާނެ ޕްލޭނެއް މި ސަރުކާރުގައި ނެތިގެން އަނގަވަތަށް ވައްޓާލާފައިވާކަން ކަމަށެވެ.
ފިޗުން ރޭޓިން ދަށްކުރި ސަބަބުތަކުގެ ގޮތުގައި އެ އެޖެންސީން ފާހަގަކުރި މައިގަނޑު ސަބަބުތަކަކީ ދައުލަތުގެ ދަރަނީގެ ހާލަތު ގޯސްވުމާއި، ބޭރު ފައިސާއިން ކުރަންޖެހޭ ހަރަދުތައް ބޮޑުވަމުންދާއިރު އެކަށީގެންވާ މިންގަނޑެއްގައި ދައުލަތުގެ ރަސްމީ ރިޒާވް ނުހިފަހެއްޓުމެވެ.
އެކަމުގައި ސަރުކާރުގެ ބަހަކީ މިހާރު ތަންފީޒުކުރަން ފަށަން ތައްޔާރުވެފައިވާ މާލީ އިސްލާހީ ޕްރޮގުރާމު ތަންފީޒުކޮށް ނިމޭއިރު ހާލަތު ރަނގަޅުކުރެވި މިހާރަށްވުރެ ރަނގަޅު ރޭޓިންއެއް ލިބޭނެކަމުގެ ޔަގީންކަން އޮތް ކަމެވެ.