ރިޔާސީ ވައުދުފުޅާ ހިލާފަށް ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި، ސަރުކާރަށް ތާއީދުނުކުރ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.
ސަރުކާރަށް ތާއީދު ނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
މިއަދު އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ހަފުތާގެ ބުރާސްފަތި ދުވަހު އެމްޑީޕީގެ ދަނޑިކޮށި ހަރުގޭގައި ބޭއްވި ޖަލްސާގައި ގުރުއާން ކިޔެވި ޒުވާނަކު އެޗްޑީސީގައި އޭނާ އަދާކުރަމުން އައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
އެ ޕާޓީން ބުނި ގޮތުގައި ސިޔާސީ ޕާޓީތަކުގައި ޝާމިލުވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. އަދި އެ އަސާސީ ހައްގުގެ ބޭނުން ހިފުމުގައި އެއްވެސް ބިރުވެރިކަމެއް ނުވަތަ ބިރުދެއްކުމެއް އޮވެގެން ނުވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އަަދި ސިޔާސީ ޕާޓީތަކުގައި ޝާމިލުވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އަސާސީ ހައްގަކަށްވާއިރު އެ ހައްގުގެ ބޭނުން ހިފައިގެން އެއްވެސް މީހަކާމެދު ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމުގައި އެ ޕާޓީން ފާހަގަކުރި އެވެ.
އިތުރަށް އެ ޕާޓީން ފާހަގަކުރީ ސަރުކާރުގެ ވަޒީފާއެއް އަދާކުރާ މީހަކު ވަކި ސިޔާސީ ޕާޓިތަކަށް ނިސްބަތްވާތީ ނުވަތަ ތާއީދުކުރާތީ ނުވަތަ ޕާޓީއެއްގެ ހަރަކާތެއްގައި ބައިވެރިވަތީ ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާ ހިލާފަށް ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި، ސަރުކާރަށް ތާއީދުނުކުރ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.
އަދި ރައީސް ޑރ.މުއިއްޒު ގެންގުޅުއްވަނީ ވަޒީފާގެ ބިރުދެއްކުމުގެ ސިޔާސަތެއްކަމުގައި ބުނެ އެ ސިޔާސަތު ކުށްވެރިކުރާކަމަށް އެމްޑީޕީން ބުންޏެވެ.