ފަތުރުވެރިކަމުގެ ހިސާބުތައް | ޔޫރަޕު ފަތުރުވެރިން 13 އިންސައްތަ އިތުރުވެއްޖެ

ހަރު ނިމުމުގެ ކުރިން ޗައިނާ ފިޔަވައި އިތުރު ބައެއް ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މަތިވާނެ ކަމަށް ތަފާސްހިސާބުތަކަށް ބަލާއިރު ލަފާކުރެވެ އެވެ.

މި އަހަރުގެ މޭ މަހުގެ ނިޔަލަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޔޫރަޕުން، ފޮޓޯ: މިރާ

މި އަހަރުގެ މޭ މަހުގެ ނިޔަލަށް ޔޫރަޕުން ދިވެހިރާއްޖެއަށް ބައި މިލިއަނަށްވުރެ ގިނ ފަތުރުވެރިން އައިސްފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

މަހަކު އެއްފަހަރު އެމްއެމްއޭއިން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މޭ މަހުގެ ނިޔަލަށް ރާއްޖެއަށް އައީ ޖުމްލަ 892،245 ފަތުރުވެރިންނެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންނަށްވުރެ 83،001 ފަތުރުވެރިން އިތުރު އަދަދެކެވެ. 

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޔޫރަޕާއި އޭޝިޔާއިންނެވެ. އެންމެ ބޮޑަށް އިތުރުވީ ޔޫރަޕުން އައި ފަތުރުވެރިންގެ އަދަދެވެ. އެގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރީ 494،478 ފަތުރުވެރިން ކަމަށްވާއިރު މި އަހަރު 559،777 ފަތުރުވެރިން ޔޫރަޕުން އައެވެ. 

އެހެންކަމުން ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ 13.20 އިންސައްތައިން އިތުރުވެފަ އެވެ.  

ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ސަރަހައްދަކީ އޭޝިޔާ އެވެ. އޭޝިޔާއިން މި އަހަރު 231،438 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ނިމުނު އަހަރު އޭޝިޔާ ބައްރުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 208،578 ފަތުރުވެރިންނެވެ. 

ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ދަށްވީ އެފުރިކާއާއި އެމެރިކާއާއި މެދުއިރުމަތިންނެވެ. މެދުއިރުމަތިން ނިމުނު އަހަރު 30،285 މީހުން ޒިޔާރަތްކުރިއިރު މި އަހަރުގެ އެ މުއްދަތުގައި އެ ސަރަހައްދުން އައިސްފައިވަނީ 27،746 ފަތުރުވެރިންނެވެ. އެމެރިކާއިން 51،267 ފަތުރުވެރިން ނިމުނު އަހަރު ޒިޔާރަތްކުރިއިރު މި އަހަރު އައީ 49،387 ފަތުރުވެރިންނެވެ. 

ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ޖަރުމަންވިލާތާއި އިޓަލީއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ޖަރުމަނުން މިދިޔަ އަހަރު އައީ 60،172 ފަތުރުވެރިންނެވެ. މި އަހަރު 72،321 ފަތުރުވެރިން އެ ގައުމުން އައެވެ. އަދި އިޓަލީން ނިމުނު އަހަރު އައީ 60،396 ފަތުރުވެރިންނެވެ. މި އަހަރު އެ ގައުމުން 75،145 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. 

ނަމަވެސް ނިމުނު އަހަރާ އަޅާބަލާއިރު އެންމެ ބޮޑަށް އިތުރުވީ ޗައިނާއިން އައި ފަތުރުވެރިންގެ އަދަދެވެ. ފާއިތުވި އަހަރުގެ މޭ މަހުގެ ނިޔަލަށް އެ ގައުމުން 46،399 ފަތުރުވެރިން އައިއިރު މި އަހަރު އެ އަދަދުވަނީ ލައްކައެއް ފަހަނަައަޅައި ގޮސްފަ އެވެ. 

ސަރުކާރުގެ އަމާޒު 2 މިލިއަނަށް މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އަހަރު ދެބައި ނުވަނީސް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފަައިވާތީ، އަހަރު ނިމުމުގެ ކުރިން 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމުގައި ބެލެވެ އެވެ. އަދި އަހަރު ނިމުމުގެ ކުރިން ޗައިނާ ފިޔަވައި އިތުރު ބައެއް ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މަތިވާނެ ކަމަށް ތަފާސްހިސާބުތަކަށް ބަލާއިރު ލަފާކުރެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.