ބޭންކު އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހަދައިގެން ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެ ބޭންކުގެ ކަސްޓަމަރުންނަށް އެކަންޏެވެ. މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު 7 ވަނަ ދުވަހާ ހަމައަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބީއެމްއެލްގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ބޭނުންކޮށްގެން 100 ޑޮލަރަށްވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާ ކުރަންޖެހޭނެ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް އިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ މެދުވެރިކޮށް ބޭންކް އެކައުންޓް، ކޭޝް އޭޖަންޓުންނާއި އަދި ޑިޖިޓަލް ވޮލެޓްތަކަށް ޔޫއެސް ޑޮލަރު އެކައުންޓާއި ޔޫއެސްޑީ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށް ބޭންކުން ބުންޏެވެ.
ނަމަވެސް އިންޓަނެޓު ބޭންކިންގެ ޒަރީއާއިން އިންޓަނޭޝަނަލް ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވާ ފަރާތްތަކަށް މި ޕްރޮމޯޝަނުގައި ބައިވެރިނުވެވޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޝަރުތު ފުރިހަމަވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ހަފުތާއަކު އެއްފަހަރު ގުރު ނަގާނެ އެވެ. ގުރުއަތުން ހޮވޭ ނަސީބުވެރިޔާގެ ނަން ކޮންމެ ހަފުތާއަކުވެސް ބީއެމްއެލްގެ ވެބްސައިޓުގައި ޝާއިއުކުރާނެ އެވެ.
ހަފުތާއަކު އެއްފަހަރު ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.