އިމިގްރޭޝަނާއި ފުލުހުން އަންނަނީ ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ހިންގަމުންނެވެ.
ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޓޭކްއަވޭ ވިޔަފާރި ހިންގާ އަށް ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ ފުލުހުންނާއި އިމިގްރޭޝަނުގެ ޖޮއިންޓް ޓާސްކުފޯހަކުން އިއްޔެ ހަވީރު ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޓޭކްއަވޭ/ކޮފީ ފަދަ ތަކެތި ވިއްކާ ފިހާރަތައް ކަމަށް ބެލެވޭ ތަންތަން ބަލައި ފާސްކުރި ކަމަށެވެ. އެ އޮޕަރޭޝަނުގެ ތެރެއިން އަށް ބިދޭސީއަކު ހިފެހެއްޓި، އިތުރު ތަހުގީގަށް ހައްޔަރުކުރެވިފައިވާކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިންނަށް، ނުހިންގޭނެ ވިޔަފާރިތަކުގެ ލިސްޓު އިކޮނޮމިކް މިނިސްޓްރީން އާކުރީ ފާއިތުވި ބުރާސްފަތި ދުވަހު އެވެ.
އެ ލިސްޓުގައި ބުނާ ގޮތުން އޮންލައިން ވިޔަފާރި ހިމެނޭ ގޮތަށް ރީޓެއިލް ޓްރޭޑް އާއި، ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް (ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީ ހިންގުން)، ކޮމްޕިއުޓަރާ އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް ފަދަ އެމީހުން މިހާރު ވެސް ހަރަކާތްތެރިވާ ގިނަ ވިޔަފާރިތައް ހިންގުމަކީ މަނާކަމެކެވެ.
ބިދޭސީންގެ މައްސަލަ އަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލަ އެކެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެވެ. އެކަމުގެ ނޭދެވޭ އަސަރު އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ދަނީ ކުރަމުންނެވެ. ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ.
މި ސަރުކާރުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމަށެވެ.