ތަޖިކިސްތާނުން ބުރުގާ މަނާކޮށް އީދު ފާހަގަކުރުމަށް ހުރަސް އަޅައިފި

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާއިން ނިންމުމާ ގުޅިގެން އެ ގައުމުގެ އެތެރޭގައި ބޮޑު ބަހުސެއްވަނީ ފެށިފަ އެވެ.

ފޮޓޯ: އޭޕީ

އަފްޣާނިސްތާނާ އިންވެގެން އޮންނަ ސެންޓްރަލް އޭޝިޔާގެ ގައުމެއް ކަމަށްވާ ތަޖިކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގައި ހިޖާބު އެޅުމާއި އީދު ދުވަސް ފާހަގަކުރުން މަނާކުރަން ގާނޫނެއް ފާސްކޮށްފި އެވެ. 

މޭ މަހުގެ އަށްވަނަ ދުވަހު ތަޖިކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެއިން ފާސްކޮށް، ޖޫން 19 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން ފާސްކުރި ބިލުގައި އެ ގައުމުން ބޭރުގެ އަންނައުނު އެޅުން މަނާކުރުމާއެކު، ދެ އީދުގައި ކުޑަކުދިން ބައިވެރިވާ އިހުތިފާލުތައް ބޭއްވުންވަނީ މަނާކޮށްފަ އެވެ. 

އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދީނީ ކަންކަމާ ބެހޭ ކޮމިޓީގެ މުގައްރިރު ސުލައިމާން ޑްވަލްޓްޒޯޑާ ރޭޑިއޯ ލިބާޓީގެ ތަޖިކް ސާވިސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އީދުގައި ކުޑަކުދިން ބައިވެރިކުރުން މަނާކުރީ ކުދިންނަށް ރަނގަޅު ތައުލީމެއް ލިބޭކަން ކަށަވަރުކޮށް އީދުގައި އެ ކުދިން ހިމާޔަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ. 

ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ޕްރެސް ސެންޓަރުން ބުނެފައިވަނީ ޖޫން 18 އަދި 19 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ މަތިގެއިން ފާސްކުރީ ބަންދު ދުވަސްތަކާ ގުޅޭ ގާނޫނުތަކަށާއި ސަގާފީ ހަރަކާތްތަކައި، ޓީޗަރުންގެ ދައުރާއި މައިންބަފައިންގެ ޒިންމާއާ ގުޅޭ ގާނޫނުތަކަށް ބަދަލުގެނައުމަށެވެ. 

ބުރުގާއަކީ މެދުއިރުމަތިން ތަޖިކިސްތާނަށް އެތެރެވާ ސަގާފަަތެއްކަމަށާއި، އެ ސަގާފަތާ ހަރުކަށި ހައްދުފަހަނައެޅި ވިސްނުންތަކާ ލާމެހިފައިވާކަމަށް ތަޖިކިސްތާނުގެ ބައެއް މަސްއޫލުވެރިން ގަބޫލުކުރައްވަ އެވެ. އެ ސަބަބުތައް ބަޔާންކޮށް ބުރުގާ މަނާކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމީ އެވެ. 

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާއިން ނިންމުމާ ގުޅިގެން އެ ގައުމުގެ އެތެރޭގައި ބޮޑު ބަހުސެއްވަނީ ފެށިފަ އެވެ. 

ކުރިން ބުރުގާ އެޅުމާއި ދީން ރަމްޒުވާ އަންނައުނު ލުން މަނާކޮށްފައިނުވާ ތަޖިކިސްތާނުން ބުރުގާއާއި ދީން ރަމްޒުކުރާ ހެނދުންތައް މަނާކުރުމާއެކު، އެފަދަ އަންނައުނު އަޅާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ވަނީ ނިންމާފަ އެވެ. 

ތަޖިކިސްތާނުން ރަސްމީކޮށް ބުރުގާ މަނާކޮށްފައި ނެތް ނަމަވެސް 2007 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ތައުލީމާ ބެހޭ ވުޒާރާއިން ވަނީ ސުކޫލުތަކުގައި އަންހެން ކުދިން ބުރުގާ އެޅުމާއި ޔޫރަޕު ސްޓައިލުގެ މިނީ ސްކާޓްލުން މަނާކޮށްފަ އެވެ. 

އޭގެ ފަހުން ބައެއް އާންމު އިދާރާތަކުގައި ބުރުގާ އެޅުން މަނާކުރި އެވެ. އަދި ބައެއް އިދާރާތަކަށް ވަނުމުގެ ކުރިން ބުރުގާ ބާލަން މަޖުބޫރުކުރަން ފެށި އެވެ. އަދި ސަރަހައްދީ ފެންވަރުގައި މި އުސޫލުތައް ތަންފީޒުކުރަން ހާއްސަ ޓީމުތައް އެކުލަވައިލާ، ބާޒާރު މަތީގައި އެ އުސޫލަށް ތަބާނުވާ މީހުންނާމެދު ފިޔަަވަޅު އެޅުމަށް ފުލުހުންވެސް ހަރަކާތްތެރިވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.