މީގެ ކުރިން އިންވެސްޓުމެންޓު ފޯރަމްތައް ސަރުކާރުން ބޭއްވި ނަމަވެސް ފަތުރުވެރިކަމަށް ހާއްސަކޮށްގެން އިންވެސްޓުމެންޓު ފޯރަމެއް ބާއްވާފައި ނުވެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓު ކުރަން ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު އިންވެސްޓަރުންނާ ހިއްސާކުރުމަށް ހާއްސަ ފޯރަމްތަކެއް ބާއްވަން ނިންމައިފި އެވެ.
ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލު ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ މައި ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދީ އެ ދާއިރާގައި އިންވެސްޓުކުރަން ޝައުގުވެރިވާ ފަރާތައް ހޯދުމަށް މަސައްކަތްތަަކެއް ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިންވެސް ސަރުކާރުންވަނީ ރާއްޖޭގައި ހުރި އިންވެސްޓުމެންޓު ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް އިންވެސްޓުމެންޓު ފޯރަމްތަކެއް ބާއްވާފަ އެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން އެ ސިނާއަތަށް އިންވެސްޓަރުން ހޯދުމަށް ފޯރަމްތަކެއް މިހާތަނަށް ބާއްވާފައިނުވެ އެވެ.
މި އަހަރު ރާއްޖެއިން ދެ އިންވެސްޓުމެންޓު ފޯރަމް ބާއްވާފައިވެ އެވެ. ފުރަތަމަ ފޯރަމް ބޭއްވީ ޗައިނާގަ އެވެ. ދެވަނަ ފޯރަމް ބޭއްވީ ތައިލޭންޑުގަ އެވެ.
ޓޫރިޒަމް އިންވެސްޓުމެންޓު ފޯރަމާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓަރުން ހޯދުމަށް ބާއްވާ ފުރަތަމަ ފޯރަމް ބޭއްވުމަށް މިހާރު ވިސްނަމުންދަނީ ތައިލެންޑޫގައި ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަމުންދަނީ ތައިލެންޑުގައި ފުރަތަމަ ބާއްވަން. ފައިނަލް ޑިޒިޝަނެއް ނަގާނީ ރައީސާ މަޝްވަރާކޮށްފައި،" ފައިސަލް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ތައިލެންޑުގެ އިތުރަށް ސިންގަޕޫރާއި ދުބާއީގައިވެސް ފޯރަމް ބޭއްވުމަށް އޮތީ ރާވާފަ އެވެ.
މި އަހަރުގެ މިހާތަނަަށް ސަރުކާރުންވަނީ ޓޫރިޒަމް ދާއިރާގެ ބޭނުމަށް ނުވަ ރަށެއް ކުއްޔަށް ދޫކުރަން އިއުލާނުކޮށްފަ އެވެ. "މިރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ދޫކުރަން ހުޅުވައިލި ގިނަ ރަށްތަކަށް އިންވެސްޓުކުރަން ޝައުގުވެރިވާ ފަރާތްތަކުންވަނީ ޕްރޮޕޯޒަލް ހުށަހަޅާފަ އެވެ.
ޕްރޮޕޯޒަލް ހުށަހެޅި ބައެއް ފަރާތްތަކަށް ރަށްތައް ދޫކުރަން ނިންމައި، އެވޯޑް ލެޓާތައް ދޫކުރަން ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ފާއިތުވި ފަސް އަހަރުވެސް ގިނަ އަދަދަކަށް ރަށް ދޫކުރަން ހުޅުވައިލި ނަމަވެސް ދޫކުރެވުނީ އެންމެ ދެ ރަށެވެ.