ފާއިތުވި އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް މުޅި ޖުމްލަ 80 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބުނީ 78.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
ފާއިތުވި އަހަރު ޓީޖީއެސްޓީ ހިސާބުތަކަށް ބަލާއިރު ރިސޯޓުތަކަށް 64.6 ބިލިއަން ރުފިޔާ އަދި ގެސްޓުހައުސްތަކަށް 1.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް މީރާއިން ބުނެފި އެވެ.
ދައުލަތަށް ދައްކާ ޓެކުސް ފައިސާއާ ހަވާލުވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ފާއިތުވި އަހަރު ދައުލަތަށް ޓެކުްސް އާމްދަނީގެ ގޮތުގައި ޖުމްލަ 20.62 ބިލިއަން ރުފިޔާ ލިބުނެވެ.
ޓެކުސް އާމްދަނީގެ ތެރެއިން ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 8.7 ބިލިއަން ރުފިޔާ އެވެ. އަދި ޖީއެސްޓިގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓީޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު 33.0 އިންސައްތަ އިތުރުވެފަ އެވެ.
ޓީޖީއެސްޓީ ދެއްކި ވިޔަފާރިތަކަށް ބަލާއިރު އެންމެ ބޮޑު އަދަދެއް ދެއްކީ ރިސޯޓުތަކުންނެވެ. ރިސޯޓުތަކުން ޓީޖީއެސްޓީގެ ގޮތުގައި ދެއްކި ފައިސާއަށް ބަލާއިރު ރިސޯޓުތަކުގެ ސޭލްސްގެ ގޮތުގައި 64.6 ބިލިއަން ރުފިޔާ ލިބުނުކަމަށް މީރާއިން ލަފާކުރެ އެވެ. އެއީ 2022 ވަނަ އަހަރު ރިސޯޓުތަކަށް ލިބުނުކަމަށް މީރާގެ ހިސާބުތަކުން ފެންނަ އާމްދަނީއަށްވުރެ 1.2 އިންސައްތަަ އިތުރު އަދަދެކެވެ.
ފާއިތުވި އަހަރު 2022 ވަނަ އަހަރާ އަޅާބަލާއިރު އާމްދަނީގެ އެންމެ ބޮޑު ކުރިއެރުމެއް އައީ ގެސްޓުހައުސްތަކަށެވެ. އެގޮތުން މީރާއިން ބުނި ގޮތުގައި ގެސްޓުހައުސްތަކަށް ފާއިތުވި އަހަރު 1.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނެވެ. 2022 ވަނަ އަހަރު ގެސްޓުހައުސްތަކަށް ލިބުނުކަމަށް މީރާއިން ހިސާބުތަކުން ދައްކަނީ 905 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެހެންކަަމުން ފާއިތުވި އަހަރު ގެސްޓު ހައުސްތަކުގެ އާމްދަނީ 24.3 އިންސައްތައިން އިތުރުވެފައިވެ އެވެ.
އެތެރޭގެ އުދުހުންތަކަށް ފަތުރުވެރިންގެ އަތުން 4.6 ބިލިއަން ރުފިޔާ ލިބުނުކަމަށް މީރާގެ ހިސާބުތަކުން ދައްކަ އެވެ. އެއީ 2022 ވަނަ އަހަރަށްވުރެ 10.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި ޓުއާ އޮޕަރޭޓަރުންނަށް 6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ފާއިތުވި އަހަރު ލިބުނުކަމަށް މީރާއިން ބުނެ އެވެ. އަދި ޑައިވިން ސުކޫލުތަކަށްވެސް ބިލިއަނެއްހައި ރުފިޔާގެ އާމްދަނީ ލިބުނުކަމަށް މީރާަގެ ހިސާބުތަކުން ދައްކަ އެވެ.
މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް މުޅި ޖުމްލަ 80 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބުނީ 78.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެހެންކަމުން ނިމުނު އަހަރު ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބުނު އާމްދަނީވަނީ 2.3 އިންސައްތަ އިތުރުވެފަ އެވެ.