ޔޫރޯއާ ދިމާކޮށް އަލީއެކްސްޕްރެސްގެ އެމްބެސެޑަރަކަށް ބެކަމް ހަމަޖައްސައިފި

ޔޫރޯގެ މެޗުތައް ކުރިއަށްދާއިރު އަލީއެކްސްޕްރެސްއިން ކުރިއަށްގެންދަން ނިންމާފައިވާ "ސްކޯ މޯރ" ޕްރޮމޯޝަންތަކުގެ މޫނަކަށްވާނީ ބެކަމެވެ.

ޗައިނާގެ އެންމެ ބޮޑު އޮންލައިން ރިޓެއިލް ޕްލެޓުފޯމުކަމަށްވާ އަލީއެކްސްޕްރެސްގެ ބައިނަލްއަގުވާމީ އެމްބެސެޑަރުކަމަށް އިނގިރޭސި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ހަމަޖައްސައިފި އެވެ. 

އަލީއެކްސްޕްރެސްގެ އެމްބެސެޑަރުކަމަށް ބެކަމް ހަމަޖައްސާފައިވަނީ ވިލާތުގެ ފުޓުބޯޅަ މުބާރާތް ޔޫރޯ ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. 

އަލީއެކްސްޕްރެސްގެ އެމްބެސެޑަރުކަމަށް ބެކަމް ހަމަޖެއްސިކަން އެ ކުންފުނިން ހާމަކުރި ނަމަވެސް އޭނާއަށް އެ ކުންފުނިން ދޭ ފައިސާގެ އަދަދު ހާމަކޮށްފައިނުވެ އެވެ. 

ޔޫރަޕުގެ ފުޓުބޯޅަ އިދާރާ ޔޫއެފާއާއެކު އަލީއެކްސްޕްރެސްއިން އެއްބަސްވުމެއް ގާއިމުކޮށް ޔޫރޯގެ ރަސްމީ ހާއްސަ އީ-ކޮމާސް ޕްލެޓުފޯމުގެ ގޮތުގައި ޕާޓްނާޝިޕެއްވަނީ ހަދާފައެވެ. ބެކަމްއާއެކު ހެދި އެއްބަސްވުމަކީ މި ޕާޓްނާޝިޕުގެ ބައެކެވެ.

އެގޮތުން ޔޫރޯގެ މެޗުތައް ކުރިއަށްދާއިރު އަލީއެކްސްޕްރެސްއިން ކުރިއަށްގެންދަން ނިންމާފައިވާ "ސްކޯ މޯރ" ޕްރޮމޯޝަންތަކުގެ މޫނަކަށްވާނީ ބެކަމެވެ. 

"ބޮޑެތި އިނާމުތަކެއް ހުށަހަޅައިގެން، މި ހޫނު މޫސުމުގައި އޮންނަ ޔޫރޯއާ ފޭނުންނަށް އިތުރަށް ގާތްވުމަށް އަލީއެކްސްޕްރެސްއިން އެހީވާނެ.،" ބެކަމް ބުންޏެވެ. 

އަލީއެކްސްޕްރެސްގެ އިތުރަށް ޗައިނާގެ ބޮޑެތި ބައެއް ކުންފުނިތަކުން އަންނަނީ ޔޫރޯ ސްޕޮންސާ ކުރަމުންނެވެ. އޭގެ ތެރޭގައި އިލެކްޓްރިކް ވެހިކަލު އުފައްދާ ކުންފުނި ބީވައިޑީ އަދި އިލެކްޓްރޯނިކްސް ކުންފުނި ވީވޯ ހިމެނެ އެވެ. 

މީގެ ދިހަ އަހަރު ކުރިން ފުޓުބޯޅަ ކުޅުން ހުއްޓައިލުމަށްފަހު ބެކަމް ބޮޑަށް ފާހަގަކުރެވުނީ ގިނަ އަދަދެއްގެ ބްރޭންޑުތަކާއެކު މަސައްކަތްކުރާ ތަރިއެއްގެ ގޮތުގަ އެވެ. 

ސަންޑޭ ޓައިމްސްގެ މުއްސަނދިންގެ ލިސްޓުގައި ބުނެފައިވަނީ ބެކަމްއާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމްގެ ތަނަވަސްކަން އެއްކޮށްލުމުން 581 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.