ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކަކީ ދުނިޔޭގެ މާލީ އިދާރާތަކުން އަޅަން އެނގި ފިޔަވަޅު ތަކެކެވެ. ނަމަވެސް މިދިޔަ ފަސް އަހަރު މީގެ އެއްވެސް ފިޔަވަޅެއް ތަންފީޒެއް ނުކުރެވުނެވެ.
ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އެޅުމުގައި މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ފެއިލްވެފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވެވި ބަޖެޓް ރިވިއުގައި ބުނެފި އެވެ.
މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުން ހަރަދު ކުރި ގޮތާއި ބަޖެޓްގެ ކަންކަން ގެންދިޔަ ގޮތުގެ މައްޗަށް ބައްލަވައި ނެރުއްވި ބަޖެޓް ރިވިއުގައި ވާގޮތުން ސަރުކާރުން ނެރެފައިވާ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން އާސަންދަ ރިފޯމް ކުރުމާއި ސަބްސިޑީގެ ނިޒާމު ހަރުދަނާ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައެއް ނެތެވެ.
އެގޮތުން އާސަންދައިގެ ހަރަދުތައް ވަނީ މައިތިރި ނުކުރެވޭ ވަރަށް އުފުލިފަ އެވެ. އެގޮތުން ފުރަތަމަ ނުވަ މަހު އާސަންދައިގެ ބަޖެޓަށް ކަނޑައެޅި 1.5 ބިލިއަން ރުފިޔާގެ 50 ޕަސެންޓް ހަރަދު ކޮށްފައި ވެއެވެ. އަދި އަހަރު ނިމޭއިރު ހަރަދުތައް ވަނީ 2.3 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. އަދި މި ސްކީމްގެ އިތުރުން ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ފަރުވާ ކުރަން މިދިޔަ އަހަރު 180 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް ފުރަތަމަ ނުވަ މަހު އެ އަދަދު ވަނީ 240 މިލިއަން ރުފިޔާއަށް އިތުރު ވެގެން ގޮސްފަ އެވެ.
ބަޖެޓް ރިވިއުގައި އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި ހަރަދުތައް މަތިވެގެންދާ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ނުވުމާއި އިޝްރާފު ބޮޑުވުމުގެ މައްސަލައަށް ހައްލެއް އައިސްފައެއް ނެތެވެ. އެގޮތުން ބަޖެޓުން އެސްއޯއީތަކަށް ފައިސާ އޮއްސުމާއި ސަބްސިޑީ ދިނުމާއި ލޯނު ދިނުމުގެ ސަބަބުން ދައުލަތަށް ވަނީ ބުރަ ބޮޑުވެފަ އެވެ.
މިގޮތުން 2022 ވަނަ އަހަރު ސަރުކާރުން ކުންފުނިތަކަށް ލޯނު ދިން ނިސްބަތް 2.4 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް އޮގަސްޓް މަހުގެ ނިޔަލަށް ދޫކުރި އަދަދު ހުރީ 994 މިލިއަން ރުފިޔާގަ އެވެ.
ބަޖެޓުން ބޮޑު އަދަދަކުން ކުންފުނިތަކަށް ފައިސާ ޕަންޕު ކުރި ނަމަވެސް ސަރުކާރަށް ކުންފުނިތަކުން ދައްކަން ޖެހޭ ޑިވިޑެންޓް ދައްކާފައެއް ނުވެ އެވެ. ސަރުކާރުގެ ކުންފުނި ތަކުން ދައުލަތަށް ދައްކަން ޖެހޭ ކުންފުނި ޑިވިޑެންޓް ދައްކާފައި ވަނީ މަދު ކުންފުންޏެއްކަން އޮޑިޓަ ޖެނެރަލް ވެސް ފާހަގަ ކުރައްވާފައިވެ އެވެ. މިދިއަ އަހަރުގެ ފުރަތަމަ ނުވަ މަސްތެރޭ ކުންފުނީގެ ޑިވިޑެންޓްގެ އާމްދަނީ އުޅެނީ 53 ޕަސެންޓުގަ އެވެ.
އެ މުއްދަތުގައި ބަޖެޓުން އެސްއޯއީތަކަށް ދިން ކެޕިޓަލް ކޮންޓްރިބިއުޝަން ނުވަތަ ކުންފުނި ހިންގަން ޕަންޕު ކުރި ފައިސާގެ ނިސްބަތް ވަނީ އެއް ބިލިއަން ރުފިޔާ ފަހަނައަޅާ ގޮސްފަ އެވެ. މިއީ 40 ޕަސެންޓް އިތުރުވުމެއް ކަމަށް އޮޑިޓާޖެނެރަލް ފާހަގަ ކޮށްފައިވެ އެވެ. އަހަރު ނިމުނުއިރު ކުންފުނިތަކަށް ޕަންޕުކުރި ފައިސާގެ ނިސްބަތް ހުރީ 1.3 ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ.
އޮޑިޓަ ޖެނެރަލް ވަނީ ހަރަދުތައް މަތިވެގެން ދިޔަ ގިނަ ކަންތައްތަކަށް ވެސް އަލި އަޅުއްވާލައްވަފާފަ އެވެ. އެގޮތުން ޑަބަލް ޕެންޝަންގެ ސަބަބުން ޕެންޝަން ނިޒާމަށް ބާރު ބޮޑު ވެގެން ގޮސްފައިވާކަން ފާހަގަ ކުރައްވާފައިވެ އެވެ.
ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކަކީ ދުނިޔޭގެ މާލީ އިދާރާތަކުން އަޅަން އެނގި ފިޔަވަޅު ތަކެކެވެ. ނަމަވެސް މިދިޔަ ފަސް އަހަރު މީގެ އެއްވެސް ފިޔަވަޅެއް ތަންފީޒެއް ނުކުރެވުނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފަ އެވެ. އެ ފިޔަވަޅުތައް އެޅުމަކީ މިހާރު މަޖުބޫރު ކަމެއް ކަމަށް ވެސް ބުނަމުން ދެއެވެ.