މި ބައްދަލުވުމުގައި ބައިވެރިވަން ބޭނުންވާ ހިއްސާދާރުން ހުކުރު ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ.
އެސްޓީއޯގެ ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ، ނުވަތަ ނުރަސްމީ ބައްދަލުވުމެއް މިމަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމައި ހިއްސާދާރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިން ބުނީ ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ އޮންނާނީ މިމަހުގެ އަށް ވަނަ ދުވަހުގެ 11:00 ގައި އެސްޓީއޯ ޓްރޭޑް ސެންޓަރުގަ އެވެ. މި ބައްދަލުވުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން ހުކުރު ދުވަހުގެ 11:00 ގެ ކުރިން އެސްޓީއޯ ހިއްސާދާރުންގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. މިއީ ހިއްސާދާރުންނާއެކު ބާއްވާ ނުރަސްމީ ބައްދަލުވުމެއްކަމަށްވުމާއެކު މި ބައްދަލުވުމަށް ޕްރޮކްސީ ބައިވެރިއެއް ނުކުރާނެ އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން ކުންފުނީގެ 2023 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތިގައި ވަނީ 16.4 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ، މީގެ ކުރީ އަހަރާއި އަޅާބަލައި 10 ޕަސެންޓުގެ އިތުރު ވުމެކެވެ.