ރައީސްގެ ސިޓީއާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ހުޅުވާލާފަ އެވެ. ކޮންގްރެސް ޕާޓީގެ މެންބަރުން ވިދާޅުވެފައި ވަނީ އެ ބިލު ފާސްކުރުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމެއް ކަމަށެވެ.
މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކުރީ ސަރުކާރުން "ބިންވެރިޔާ ސްކީމް" ގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ދިނުން އަވަސް ކުރުމުގެ ބޭނުމުގައި ބިމާބެހޭ ގާނޫނަށް އިސްލާހު ގެންނަން އެމްޑީޕީން ހުށަހެޅި ބިލު ބޭރުކޮށްލައިފި އެވެ.
އެމްޑީޕީން ހުށަހެޅި ބިލު ފާސް ކޮށްފައި ވަނީ 19 ވަނަ މަޖިލީހުގައި، މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އަދި މޭ މަހުގެ ދެ ވަނަ ދުވަހު އެ ބިލު ތަސްދީގުކޮށް ދިނުމަށް އެދި ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަލުން އެ ބިލު މުރާޖައާކޮށް ގޮތެއް ނިންމުމަށް އަނބުރާ މަޖިލީހަށް ފޮނުއްވާފަ އެވެ. ރައީސް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން ހުށަހަޅާން "ބިމުގެ ބިލު" ވުޖޫދުވެގެން އައުމާއެކު ބިމާ ބެހޭ ގާނޫނު އުވިގެން ދާނެ ކަމަށާއި އެހެންކަމުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ނުނެރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ބިލުގައި ބިމާ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް ފުށުއަރާ ކަންތައްތަކެއް ހުރިކަން ވެސް ރައީސްގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
ރައީސްގެ ސިޓީއާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ހުޅުވާލާފަ އެވެ. އެފުރުސަތުގައި ބަހުސްކުރެއްވި ކޮންގްރެސް ޕާޓީގެ މެންބަރު ވިދާޅުވެފައި ވަނީ އެ ބިލު ފާސްކުރުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
"އެކަން ކުރުމަށްޓަކާ އެމްޑީޕީން ކުއްލި ގޮތަކަށް ތެޅިފޮޅިގަނެފަ ހާވާ ހަޑި ސާފުކުރުމުގެ ޒިންމާ މިއަދު ރައީސުލްޖުމްހޫރިއްޔާ ބޮލުގަ އެޅިވަޑައިގެން އެ ހުންނެވީ. އެތައް ބޭކާރު ހަރަދުތަކެއް އެޗްޑީސީން މިއަދު ކުރަމުން އެދަނީ ރައްޔިތުންނަށް މި ހައްގު ހޯދައިދިނުމަށްޓަކާ،" މި މައްސަލައިގައި ވާހަކަ ދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވި އެވެ.
އޭނާ ވަނީ ބިލު ބޭރުކޮށްލަން ހުށަހަޅާފަ އެވެ. އޭނާގެ ހުށަހެޅުމަށް އެހެން މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ.
މި މައްސަލައިގައި ބަހުސްކުރެއްވި އެމްޑީޕީ މެންބަރުން ހުށަހެޅުއްވީ އަލުން ބިލު ދިރާސާ ކުރުމަށްފަހު ސަރުކާރަށް ފެންނަ މުއްދަތެއް ކަނޑައަޅާ ބިލު އިސްލާހު ކުރުމަށެވެ. އެގޮތުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ބިލު ފޮނުވާ، އިސްލާހު ކުރުމަށެވެ.
"އަޅުގަނޑުމެން މި ބިލު ހުށަހެޅުމުގެ މަގުސަދަކީ ޕީއެންސީގެ މި ސަރުކާރަށް ފުރުސަތެއް ދިނުން. ވަކި މުއްދަތެއް ކަނޑައަޅާ ރައްޔިތުންނަށް އެކަން ސާފުކޮށްދޭން. ތިން މަސް ދުވަހުގެ ތެރޭގައި އެކަން ނުވާނެ ކަމަށް އެބޭފުޅުންނަށް ފެނިވަޑައިނުގަންނަވާނަމަ އެކަން ވާނެ މުއްދަތެއް މި ބިލުގައި ޖަހާ ފާސްކުރައްވަންވީނުތޯ،" މީކާއިލް ވިދާޅުވި އެވެ.
މީކާއިލްގެ ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ހުށަހެޅުމާ ދެކޮޅަށް 75 މެންބަރުން ވަނީ ވޯޓް ދެއްވާފަ އެވެ. އެއްކޮޅަށް ވޯޓް ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ. ދެން ވޯޓް ނެގީ ބިލު މިހާރު އޮތް ގޮތަށް ފާސް ކުރުމަށެވެ. ނަމަވެސް 76 މެންބަރުންގެ ވޯޓުން ނިންމާފައި ވަނީ ބިލު ބޭރުކޮށްލުމަށެވެ.
އެމްޑީޕީން ފާސްކުރި ބިލުގައި ވަނީ، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ދުވަހުން ފެށިގެން ތިން މަސް ތެރޭގައި ގޯތި ދޫކުރަން ވާނެ ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވެފައި ވަނީ ނުހިއްކާ އޮތް ތަނަކުން އެ މުއްދަތުގައި ބިން ދޫނުކުރެވޭނެ ކަމަށެވެ.