އެމްޑީޕީން އެދިގެން ދެ ކޮމިޓީއަކުން އިތުރު ޖާގަ ކޮންގުރެސްއިން ހަމަޖައްސައި ދީފި

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިދިކޮޅު އެމްޑީޕީން އެދިގެން ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ދެ ކޮމިޓީއަކުން އެ ޕާޓީގެ މެންބަރުންނަށް އިތުރު ޖާގަތަކެއް މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ކޮންގުރެސް ޕާޓީން ހަމަޖައްސައިދީފިއެވެ. 

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ނައިބުލީޑަރު ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަދަދު މަދުވުމުގެ ސަބަބުން އެ ޕާޓީއަށް ކޮމިޓީތަކުން ލިބުނީ މަދު ޖާގަތަކެއް ކަމަށެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ދުވަސްތަކުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ކުރި މައިގަނޑު މަސައްކަތަކީ މަޖިލީހުގެ ކޮމިޓީތަކުން އެ ޕާޓީއަށް ލިބޭ ޖާގަތައް އިތުރުކުރުމަށް ކުރި މަސައްކަތެވެ. 

"ޕީޖީ ގުރޫޕުގެ ފަރާތުން އަޅުގަނޑުމެންނަށް ބައެއް ކޮމިޓީތަކުން އިތުރު ސްލޮޓުތަކެއް ހޯދުމަށް ނެގޯޝިއޭޓުކުރެވިގެން ކޮންމެވެސް މިންވަރެއްގެ ބަދަލުތަކެއް އެބޭފުޅުން ފުރަތަމަ ނިންމަވާފައި އޮތް ގޮތާ ހިލާފަށް އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެ،" މައުރޫފު ވިދާޅުވިއެވެ. 

މައުރޫފު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް އިތުރު ޖާގަތަކެއް ދިނުމަށް ކޮންގުރެސް ޕާޓީން އެއްބަސްވެފައިވަނީ މަޖިލީހުގެ މުހިއްމު ދެ ކޮމިޓީއެއްކަމަށްވާ އިގުތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީންނެވެ. އެއިން ކޮންމެ ކޮމިޓީއަކުން އިތުރު އެއް ޖާގަ އެމްޑީޕީއަށް ދިނުމަށް ކޮންގުރެސް ޕާޓީން ނިންމާފައިވެއެވެ. 

"އެގޮތުން އަޅުގަނޑުމެންނަށް އިގުތިސާދީ ކޮމިޓީން އިތުރު ޖާގައަކާއި މާލިއްޔަތު ކޮމިޓީން އިތުރު ޖާގައެއްވަނީ ލިބިފައި. އެކަން އަޅުގަނޑު ފާހަގަކުރަން،" މައުރޫފު ވިދާޅުވިއެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ އިބްރާހީމް ފަލާހު ވިދާޅުވެފައިވަނީ، ވިހިވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހަކަށްވާނެކަމަށާއި، އެގޮތުން އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރުން މަދުވި ނަމަވެސް އެ ޕާޓީން އެދުނު ހުރިހާ ފުރުސަތެއް މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލި މަރުހަލާގައި އެ ޕާޓީއަށް ދީފައިވާނެ ކަމަށެވެ. 

ވިހިވަނަ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގަތީ ބާރަ މެންބަރުންނެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ކޮންގުރެސް ޕާޓީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު ސަރުކާރުގެ ތާއީދާއެކު އިންތިހާބުވެވަޑައިގެންނެވި އެހެން ޕާޓީތަކުން މެންބަރުން ހިމަނައިގެން ސަރުކާރަށް ތާއީދުކުރައްވާ 78 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.