ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މުޅި ރަށުން ފެންނަނީ ފަޅުކަމެވެ. މުޅި ރަށުގައި އެއްވެސް ދިރުމެއް ނެތް ކަހަލައެވެ. މަގުމަތިން އެއްވެސް އަޑެއް ބަޑެއް ނީއްވެއެވެ.
- އެޕިސޯޑް 1 -
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މުޅި ރަށުން ފެންނަނީ ފަޅުކަމެވެ. މުޅި ރަށުގައި އެއްވެސް ދިރުމެއް ނެތް ކަހަލައެވެ. މަގުމަތިން އެއްވެސް އަޑެއް ބަޑެއް ނީއްވެއެވެ. މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ ލައިލާ ފިޔަވައި އިތުރު އެއްވެސް މީހެއް މަގުމަތިން ފެންނާކަށް ނެތެވެ. ޚިޔާލެއް ފިކުރެއް ނެތި ލައިލާ ހިނގާފައި ދިޔައީ އޭނާގެ ގެއަށެވެ. އެއް އަތުން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ މީހަކާ ވާހަކަދައްކަމުންނެވެ.
އިސްކޮޅުން ދިގު އެ ޒުވާނާގެ ހަށިގަނޑުގެ ބައްޓަން ފުރިހަމަ ވެފައި، ފިރިހެނުންގެ ހިތްތަކާ ކުޅެލާނެ ފަދަ އަންހެންވަންތަ ކަމެއް ހަމަ އެކަނި އެ ޒުވާނާގެ ހިނގުމުން ވެސް ކަށަވަރު ކޮށްދެއެވެ. ލައިގެން ހުރީ ކަޅު ޖިންސަކާ އެކު ރީތި ހުދު ކުލައިގެ އާދައިގެ ހެދުމެކެވެ. ފައިގެ ފަލަމަސްގަނޑު އެ ހެދުމުން ނިވާ ކޮށްދެއެވެ. ބޮލުގައި ޖަހާފައިވާ ހުޅިން ދިގު އިސްތަށިގަނޑެއްގެ ވެރިއެއްކަން ޔަޤީންނެވެ. ފޯނުން ވާހަކަދައްކަމުން، ހިނގަމުން ދިޔަ އިރު ދޭތެރެ ދޭތެރެއިން އޭނާ ހިނިތުންވެލައެވެ. "ސަހަރޯ" ހީވާ ފަދަ ރީތި ހީނލުމެކެވެ. ހުދު ދަތްޕިލައިން ތަނުގެ އަނދިރިކަން އަލިކޮށްލާ ފަދައެވެ.
ކުއްލިއަކަށް ޖެހެމުން ދިޔަ މަޑު ވައިރޯޅިތަކަށް ހަލަބޮލިކަން އަންނަން ފަށައިފިއެވެ. ލަސްތަކެއް ނުވެ ލައިލާގެ ބޮލުގައި ޖަހާފައިވާ ހުޅީގެ ދަންތުރައިން އިސްތަށިގަނޑު ސަލާމަތްވެ، މިނިވަންކަމާ އެކު ވައިގެ ތެރޭގައި އިސްތަށިގަނޑު އުދުއްސައިގަތެވެ. އާނއެކެވެ. ހީވީ ހަމަ ރަނގަޅަށެވެ. ދިގު ވަރުގަދަ އިސްތަށިގަނޑެކެވެ. ލައިލާ ވަރަށް އަވަސްކޮށް މަތި ބަލާލިއެވެ. އުޑުމަތިން އެއްވެސް އަލިކަމެއް ނެތެވެ. އަންނަން އުޅޭ ތޫފާނަށް ތަރިތަކާ އެކު ހަނދުވެސް ފިލި ކަހަލައެވެ. ލައިލާގެ ހިނގުން އޭނާ އަވަސް ކޮށްލީ އަތު ކުރީގައި އޮތް ގަޑިއަށް ބަލައިލަމުންނެވެ. ދަންވަރު 2 ޖަހަނީއެވެ.
ލައިލާއަކަށް ވާރޭގެ ލަޝްކަރުގެ ކިބައަކުން ސަލާމަތެއް ނުވެވުނެވެ. ގެއާ ހަމައަށް ނުދެވި އުޅެނިކޮށް ވާރޭ އޮއްސައިގަތެވެ. ދުވެފައި ކަހަލަ ގޮތަކަށް ލައިލާ ގޮސް ނިވާވެލަން ވަނީ ގެއެއްގެ އަސްކަނި ދަށަށެވެ. ވެހެމުން ދިޔަ ބޯވާރޭގެ އަޑުން ލައިލާ އަކަށް ފޯނުން ކިޔާ އެއްޗެއް އެއްވެސް ވަރަކަށް ސާފުވާ ގޮތެއް ނުވިއެވެ. ނަމަވެސް ލައިލާ ފޯނު ބާއްވާކަން ބޭނުމެއް ނުވިއެވެ. އެކަނިވެރިކަން އޭނާ ވަށައިލާފާނެތީއެވެ.
ބައިގަޑި އިރެއްހާ އިރު ބޯކޮށް ވެހުނު ވާރޭ ތުނިކޮށްލައިފިއެވެ. ލައިލާ ވަރަށް އަވަސްކޮށް ގެއާ ދިމާލަށް ހިނގައިގަތެވެ.
"ގެއަށް މި އާދެވުނީ.. ރެޑީ ވެލައިގެން ނިދަނީ އިނގޭ ދެން.." ލައިލާ ފޯނު ބާއްވަމުން އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ހެދުން ބަދަލުކޮށްލައިގެން ލައިލާ އޮށޯވެލީ ނިދާލެވޭތޯއެވެ. ވެފައިިވާ ވަރުބަލިކަމާއި، މޫސުން އޮތް ގޮތުން ލައިލާއަށް ވަރަށް ފަސޭހަ ކަމާއި އެކުގައި ނިދާލެވިއްޖެއެވެ.
***
މުޅި ކޮޓަރި ތެރޭގައި ނިދާ ބޮކީގެ ފަނޑު އަލިކަން ނޫން އިތުރު އެއްވެސް އަލިކަމެއް ނެތެވެ. މަޑުމަޑުން ދެލޯ ހުޅުވަމުން ކާސިމް ބަލައިލީ އޭނާގެ ގާތުގައި، ގަދަ ނިދީގައި އޮތް މުނީރާއަށެވެ. ވަގުތުކޮޅަކު މުނީރާގެ މޫނަށް ބަލަން އޮވެފައި ކާސިމް އެނދުން ތެދުވިއެވެ. އެޔަށްފަހު ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލައިލިއެވެ. ގަޑިން ދަންވަރު 3ގަޑި ބައި ވަނީއެވެ. ކާސިމް އޭނާ ލައިގެން ހުރި މުންޑު ގަޔަށް ހެޔޮވަރު ކަޮށްލުމަށްފަހު ޓީޝާޓެއް ލައިގެން ކޮޓަރިން ނުކުތީ ވަރަށް ސިއްރުންނެވެ. އެނދުގައި އޮތް މޫނީރާއަށް ބަލަމުން ކާސިމް ކޮޓަރީގެ ދޮރު ވަރަށް މަޑުމަޑުން ލައްޕާލިއެވެ.
ކުރަން އުޅޭ ކަންތަކުގެ ބޮޑުކަން ކާސިމަށް އޮޅިފައެއް ނެތެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. ކަމުގެ ގޮތުން މިއީ ގެއްލުން ބޮޑު، ބިރުވެރިކަމަކަށް ވެދާނެކަން ވެސް ކާސިމަށް އެނގެއެވެ. ޔަޤީންކަމެއް ނެތަސް، މިކަމުގެ ސަބަބުން އަލިމަގެއް ލިބެއްޖެނަމަ، އެކަމުގެ އުފާ ހަމަ ގައިމު ވެސް ކާސިމް އާއި މުނީރާއަށް ލިބޭނެއެވެ. އޭރުން އެމީހުންގެ މަގުޞަދު ހާސިލް ވީއެވެ. އުއްމީދުތަކުގައި ކުލަ ޖެހުނީއެވެ. ކޮންމެ ދުވަހަކު މުނީރާ ކަރުނަ އަޅާތަން ބަލާކަށް ކާސިމަކަށް ކެތެއް ނުވެއެވެ. މި މަގު ކާސިމަށް ޚިޔާރު ކުރަން ޖެހުން މައިގަނޑު ސަބަބަކީ ވެސް އެއީއެވެ.
ގެއިން ބޭރަށް ނުކުމެ ބަލާލިއިރު ގެއާ އިންވެގެން ހުރި މަގުމަތީގައި ވަނީ ފެން ހެދިފައެވެ. މަގުގެ ދެފަރާތަށް ބަލައިލަމުން، މުންޑު އަރުވާ ޖަހައިގެން ކާސިމް ހަލުވި ހިނގުމެއްގައި ހިނގައިގަތެވެ. ބިރުވެރިކަން ކޮންމެވެސް ވަރަކަށް ހިތު ތެރޭގައި އޮތް ނަމަވެސް، ކާސިމްގެ ފަރުވާލެއް ނެތެވެ. މިކަން ކޮށްފައި ނޫނީ ދެން ދޫކުރުމުގެ ވިސްނުމެއް ކާސިމްގެ ހަމަހިލާ ނެތެވެ.
***
ބަންގީގެ އަޑަށް ނިދާފައި އޮތް ލައިލާ އެނދުން ތެދުވިއެވެ. ދެލޮލުގައި އަތް ކާއްތަމުން ލައިލާ ވަނީ ފާޚާނާއަށެވެ. ކުޑަ ވަގުތުކޮޅަކު ނިދާލެވުމުން އޭނާގެ ދެލޮލަށް ވަނީ އިންތިހާއަށް ބަރުވެފައެވެ. ނަމާދުކޮށްލައިގެން އަނެއްކާ ވެސް ނިދާނީ އޭ ހިތާ ލައިލާ ވުޟޫކޮށްލައިގެން ފާޚާނާއިން ނުކުތެވެ.
ލައިލާއަށް ކުއްލިއަކަށް ހުއްޓުން އެރުނެވެ. މުސައްލަ އޮތީ ކޮޓަރީގެ ތަށިމުށިގަނޑު މަތީގައި ރީތިކޮށް ބާއްވާލާފައެވެ. ހަމަ ގައިމުވެސް އެއީ ކަބަޑު ތެރޭގައި އޮންނަން ޖެހޭނެ މުސައްލައެކެވެ. ހިތްމަތީގައި ލައިލާ އަތް ޖައްސާލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލަމުން ކުރިއަށް ހިނގައިގަތީ ބިރުން ހުރެއެވެ. ނަމަވެސް އެކަން މާބޮޑު ކަމަކަށް ނުހަދާ ލައިލާ ނަމާދު ކުރަން ފެށިއެވެ.
ފަތިސް ނަމާދުގެ ފަހު ރަކުޢަތަށް ލައިލާ ހަށަން ބަންނަން "ﷲ އަކުބަރު" ކިޔާލިއެވެ. އެއާ އެކުގައި ލައިލާއަށް އޭނާގެ ފަހަތުގައި މީހެއް ހުރި ކަމުގެ އިޙްސާސް ކުރެވުނެވެ. ލައިލާގެ މުޅި ގައިން ހީބިިހި ނަގައިގަތެވެ. ލައިލާއާ އެކުގައި އެމީހެއް ވެސް ފަހު ރަކުޢަތް ފުރިހަމަ ކުރަމުންދާކަން ލައިލާއަށް އިޙްސާސް ވަމުން ދިޔައެވެ. ހިތް ތެޅޭ ޙާލުގައި ލައިލާ ހުރީ ގުނޑިލަން ވެސް ނުކުރެފިއެވެ. ސަލާމް ދިނުމަށްފަހު ލައިލާ ދެލޯ މަރާ ބާރުކޮށްލިއެވެ.
އެމީހާ ލައިލާގެ ފަހަތުން ލައިލާއާ ވަރަށް ގާތް ވަމުންދެއެވެ. ލައިލާއަށް އެމީހާގެ ހޫނު ނޭވާގެ އިޙްސާސް ކުރެވެއެވެ. ބިރު ކަނޑާލާފައި ކުއްލިއަކަށް ލައިލާ އޭނާގެ ދެލޯ ހުޅުވާލަމުން ފަހަތް ބަލާލިއެވެ. ލައިލާ ދިޔައީ ސިއްސައިގެންނެވެ. ފަހަތުގައި ހުރީ ކާސިމެވެ. އޭނާގެ ބައްޕައެވެ. ކަޅި ޖަހާ ނުލާ ކާސިމް ބަލަން ހުރީ ލައިލާގެ މޫނަށެވެ.
"ބައް... ބައްޕާ.." ލައިލާ ބިރުން ހުރެ އޭނާގެ ދޫ ހަރަކާތް ކޮށްލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ކާސިމް އިނީ ލައިލާއަށް ބަލާށެވެ. ކަޅި ޖަހާ ވެސް ނުލައެވެ. ލައިލާ އިތުރަށް ބިރުގަންނަ ގޮތްވިއެވެ. މަޑުމަޑުން ކާސިމް ލައިލާއާ ގާތްވެލިއެވެ. އަދި ކަންފަތް ދަށުގައި ސިއްރެއް ބުނަން އުޅޭ ގޮތަކަށް ލައިލާގެ ކަންފަތް ކައިރީގައި ކާސިމް އަނގަ ޖައްސާލިއެވެ.
"ދަރިފުޅާ! ހައިޟުވެފަ ހުއްޓާ ތި ނަމާދު ކުރަނީ.." ލައިލާގެ ކަންފަތުގެ ހިނދުރީގައި ޖެހުނީ ކާސިމްގެ އަޑެއް ނޫނެވެ.
ލައިލާއަށް ވީ ގޮތް ވެސް ނޭނގުނެވެ. އެ އަޑާ އެކުގައި އެތަނުގައި އެއްވެސް މީހެއް ނެތެވެ. ލައިލާއަށް އަޑު ނެތްކޮޅަށް ހަޅޭލަވައިގަނެވުނެވެ. (ނުނިމޭ)