ދަނޑުވެރި ތަކެތި އުފައްދަން ހިލޭ އެހީދޭ ސްކީމެއް

"މި މިނިސްޓްރީގެ އަމާޒަކީ ނުވަތަ އުންމީދަކީ މިފަދަ ޕްރޮޖެކްޓްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ، ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ދަނޑުވެރިންތަކެއް އުފެއްދުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެގްރި މިނިސްޓަރު ޑރ. ފާތިމަތު ރަމީލާ --

ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ ޕްރޮޖެކްޓް، މޯލްޑިވްސް އެގްރި ބިޒްނަސް ގެ ދަށުން 26 ރަށެއްގައި ދަނޑުވެރި ތަކެތި އުފެއްދުމަށް "ދަނޑުވެރި މަންފާ" ގެ ނަމުގައި ހިލޭ އެހީ ދޭ ސްކީމެއް ތައާރަފް ކޮށްފި އެވެ.

"ދަނޑުވެރި މަންފާ" ސްކީމަކީ ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކާ އެގްރިކަލްޗާ މިނިސްޓްރީން، އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާ ގުޅިގެން ކުރިއަށްގެންދާ މެޕް ޕްރޮޖެކްޓްގެ ދަށުން އެސްޑީއެފްސީ އާއެކު ސޮއި ކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ތައާރަފް ކޮށްފައިވާ މެޗިން ގްރާންޓް ސްކީމެކެވެ. އެގޮތުން 15 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މި ސްކީމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެގްރި މިނިސްޓަރު ޑރ. ފާތިމަތު ރަމީލާ ވިދާޅުވީ މި ސްކީމް ހުޅުވާލާނީ މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ. ހދ. އަދި ށ. އަތޮޅުން ހޮވާލާފައިވާ 26 ރަށުގެ ދަށުވެރިންނަށާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ ހުޅުވާލާނީ ހަމައެކަނި ދަނޑުވެރި ޕްރޮޑަކްޝަނަށް ނުވަތަ ދަނޑުވެރިތަކެތި އުފެއްދުމަށް ކަމަށެވެ. އެގޮތުން ގްރީން ހައުސް އިންސްޓޯލް ކުރުމާއި ހައިޑްރޮފޯނިކް ސިސްޓަމްތައް ނުވަތަ އެފަދަ އެހެނިހެން ޒަމާނީ ދަނޑުވެރިކަމުގެ ވަސީލްތަތް ގާއިމްކޮށްގެން ދަނޑުވެރިކަން ކުރުމަށް ހުޅުވާލާނެ ކަމަށެވެ.

މި ސްކީމުގެ ކުރިއަށް ހުރި ބައިތަކުގައި ދަނޑުވެރިކަމުގެ ޕެކޭޖިން، ލޮޖިސްޓިކްސް، އިންޕުޓް ސަޕްލައިސް ފަދަ ކަންކަމަށް ހުޅުވާލާނެ ކަމަށެވެ.

"މެޕް އަކީ އަންހެނުންނާ ޒުވާނުން ބާރުވެރި ކުރުވައި އަންހެނުންނާ ޒުވާނުން ދަނޑުވެރިކަމުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުވާ ޕްރޮގްރާމަކަށްވުމުން، މި ސްކީމަށް ހުށަހެޅޭ އެޕްލިކޭޝަންތައް ވަޒަން ކުރުމުގައި އަޅުގަނޑުމެން އަންހެނުންނާ ޒުވާނުންނަށް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފަ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސްކީމް އެދި އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލާނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ. މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔެކިޔުން ހަމަކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީ ޕޯޓަލް އިންނެވެ.

"މި މިނިސްޓްރީގެ އަމާޒަކީ ނުވަތަ އުންމީދަކީ މިފަދަ ޕްރޮޖެކްޓްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ، ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ދަނޑުވެރިންތަކެއް އުފެއްދުން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.