ކުޅިވަރު ވަސީލަތް ގާއިމް ކުރަން ހަވާލުކުރީ އިންޑިއަން އެގްޒިމް ބޭންކުން ދީފައިވާ 40 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކުރީކޮޅު ހުޅުމާލޭގައި އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމެއް އަޅަން ހަވާލުކުރި އިންޑިއާގެ ކޮލެޖް ޑިޒައިން ކުންފުންޏަށް އާ މަޝްރޫއެއް ހަވާލު ކޮށްފި އެވެ.
މިފަހަރު ކޮލެޖް ޑިޒައިން ޕްރައިވެޓް ލިމިޓެޑް ކިޔާ އެ ކުންފުންޏަށް ހަވާލު ކޮށްފައި ވަނީ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމުގެ މަސައްތެވެ. މިފަހަރު މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާއިން ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރަން ދީފައިވާ 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 616 މިލިއަން ރުފިޔާ) ގެ ލޯނުގެ ދަށުންނެވެ. މި ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރަނީ މުހައްމަދު ލަތީފް ކިޔާ ބޭފުޅެކެވެ.
މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ރާފިއު އެވެ.
މި ކުންފުންޏަކީ ހުޅުމާލެ ހިޔާ އަވަށް / ދެވަނަ ފިޔަވަހީގައި ބޮޑު ރަސްމިއްޔާތެއް ބާއްވައި އިންޑިއާގެ ލޯނުގެ ދަށުން އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމް އަޅަން ހަވާލުކުރި ކުންފުންޏެކެވެ. ނަމަވެސް ފަސް އަހަރު ވެގެން ދިޔައިރު ވެސް އިންޑިއަން އެގްޒިމްގެ ލޯނުން ހަވާލުކުރި އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ. މި ކުންފުންޏަކީ އިންޑިއާގައި ބައެއް ބޮޑެތި މަސައްކަތް ކުރަމުން ގެންދާ ވެސް ކުންފުންޏެކެވެ.