ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 26

ކުއްލިއަކަށް ހުރެފައި ޝަރާއަށް ބަލާލެވުނީ ޒީމާގެ ކޮޓަރީގެ ދޮރާ ދިމާލަށެވެ. އެވަގުތު ދޮރު ކުރިމަތީގައި ހުރީ ޒީމާއެވެ. އޭނާގެ އަތު ތެރޭގައި ގޭގައި މަސްކަނޑަން ގެންގުޅޭ ވަޅި އޮތެވެ.

- އެޕިސޯޑް 26 –

ޝަރާއަށް ފުންމައިގެން ސޯފާއިން ތެދުވެވުނެވެ. އަދި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ އޭނާގެ އިޚްތިޔާރުން ބޭރުންނެވެ. ކަޅި ޖަހައި ނުލާ ޝަރާ ބަލަމުން ގެންދިޔައީ ޒީމާ އާއި ޒީމާގެ އަތުގައި އޮތް ވަޅި އަށެވެ.

"ކީއްކުރަން ތި އުޅެނީ؟" 

ޝަރާގެ އަޑު ތުރުތުރު އަޅަން ފެށިއެވެ. އޭނާ ހުރީ ވަަރަށް ބޮޑަށް މޭޖެހޭ ގޮތްވެފައެވެ.

ޒީމާ މަޑުމަޑުން ކުރިއަށް ފިޔަވަޅެއް ނެގުމާ އެކުގައި ޝަރާ އަށް ހަޅޭލަވައިގަނެވުނެވެ. އަދި ފަހަތަށް ޖެހެމުން ގޮސް ފާރަށް ތަތްވެލިއެވެ.

"ނޫން.. އަހަންނަށް ކަމެއް ނުކުރާތި!" ޝަރާއަށް އެހެން ބުނެވުނީ ވަރަށް ބާރަށެވެ. ގަތްފައިވާ ބިރެއްގެ ސަބަބުންނެވެ.

ޒީމާ އައިސް ހުއްޓުނީ ސީދާ ޝަރާގެ ކުރިމަތީގައެވެ. އެވަގުތު ވެސް ޒީމާގެ ތުންފަތުގައި ފަނޑުވުމެއް ނެތި ވިހަގަދަ ހިނިތުންވުމެއް ފެތުރިފައި ވިއެވެ. ޒީމާ އޭނާގެ އަތުގައި އޮތް ވަޅި ނަގާ ސިޓިންގރޫމަގަ ހުރި މޭޒެއްގެ މަތީގައި ބާއްވާލިއެވެ. އެޔަށްފަހު ޒީމާ ނެގީ އޭނާގެ ފޯނެވެ.

"މި ވާހަކަތައް އަޑު އަހާލާ!" 

ޒީމާ އޭނާގެ ފޯނުގެ ރެކޯރޑިން ބަޔަށް ވަދެލަމުން، ރެކޯރޑިން އެއް ޕްލޭކޮށްލިއެވެ. ގަތްފައިވާ ބިރާ އެކުގައި ވެސް ޝަރާގެ ސަމާލުކަން އެ ރެކޯޑިންއަށް ދެވުނެވެ. އަޑު އިވެމުން ދިޔައީ އަޔާޒް އާއި ޔޫސުފް، އީމާ އަދި ޒީމާގެ އަޑެވެ. އެމީހުން ދައްކަމުން ދިޔައީ ޒީމާގެ ވަރީގެ ވާހަކައެވެ. އެކަން ޝަރާއަށް ސިއްރު ކުރާ ވާހަކައެވެ.

"އަޑު އިވިއްޖެތަ؟" 

ޒީމާ ކުއްލިއަކަށް ހުރެފައި އެ ރެކޯރޑިން ނިއްވާލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ޝަރާ ބަލަައިލީ ޒީމާގެ މޫނަށެވެ.

"އަހަރެންގެ އުފާވެރި ކައިވެނި ރޫޅިގެން ދިޔައީ ކަލޭގެ ސަބަބުން.. ކަލޭއާ އަޔާޒް ދުރު ކުރަން އަހަރެން ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ އަހަރެންގެ ކައިވެނި ރޫޅިގެން ދިޔުން.." ޒީމާގެ އަޑުގައި ވަނީ އިންތިހާއަށް ރުޅިވެރިކަމެވެ.

"އަހަރެން ވަރި ކުރީމަ.. އީމާ އާއި އަޔާޒް ރުއި ވަރު އަހަރެން ހަނދާން އެބަހުރި.. މި މުޅި ޢާއިލާއަށް ލިބުނީ ބޮޑު ހިތްދަތި ކަމެއް.. އަޑު އިވުން ދޯ އަޔާޒް ބުނި ވާހަކަ؟ މަންމަ މި ގޭގަ ނެތިއްޔާ ދުވަހަކުވެސް، ދުވަހަކުވެސް އޭނައަށް ހަޤީޤީ އުފަލެއް ނުލިބޭނެ ވާހަކަ.." ޒީމާގެ ދެލޮލުން ފެންނަނީ އޭނާގެ ހަށިގަނޑަށް ސަވާރުވެފައިވާ ރުޅިގަނޑެވެ.

"އެހެންވީމަ، ކަލޭ އަހަރެންގެ ވާހަކަ ކޮޓުވައިގެން ވަކި މޮޅެއް ކަލެއަށް ވެސް ލިބޭކަށް ނެތޭ! ހެހެ! ހަމަ ހަލާކު ވާނީ އަޔާޒްގެ ދިރިއުޅުން.. އެކަމު، އަހަރެން ކިހިނެއް ކަލެއަށް ހިތް ސާފު ވާނީ؟ އަޅެ ބުނެބަލަ! ކަލޭގެ ސަބަބުން އަހަރެންގެ ކައިވެންޏަށް ވަރި އައީ.. އެކަމު މިހާރު މިހުރީ ކައިވެނީގެ ގޮތުން ގުޅިގެން.. ހެހެ!" ޒީމާ ދައްކަމުން ދިޔަ ވާހަކަތަކަށް އެއްވެސް އެއްޗެއް ނުބުނެ ޝަރާ ހުރީ އަޑު އަހާށެވެ. ޒީމާގެ ވާހަަކަތައް އިވިފައި ޝަރާއަށް ބޮޑު މާޔޫސް ކަމެއް ވެރިވިއެވެ.

"ބިރުންތަ ތިހުރީ؟ އަހަރެން މީ މީހުން މަރާ މީހެއް ނޫން.. ހައްހައްހާ! މަރު ދެކެ ވަރަށް ބިރު ގަނޭ ދޯ؟" ބޮޑުވަޅި ބަދިގޭގަ ހުރި ކަބަޑަށް ލާފައި، ހެމުން ހެމުން ޒީމާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

***

ދުވަސްތައް ފާއިތު ވަމުން ދެއެވެ. ދުވަހަކަށް ފަހު ދުވަހަކެވެ. ވޭތުވަމުންދާ ކޮންމެ ދުވަހަކީ ޝަރާއަށް އުނދަގޫ ދުވަހެކެވެ. ހިތްދަތި ދުވަހެކެވެ. މައިދައިތަގެ ފަރާތުން ލިބޭ ދުއްތުރާތައް ހައްދު ފަހަނައަޅާ ދަނީއެވެ. ނަމަވެސް އެއީ ނުވާ ކަމަށް ހަދައިގެން އެންމެންނަށް ސިއްރު ކޮށްލައިގެން ހުންނަން ޝަރާ ނިންމީއެވެ. ޢާއިލީ މަސްލަހަތަށްޓަކައެވެ. އަޔާޒް ވާނެ ދެރައަކަށް ވިސްނާފައެވެ. އަޔާޒް އޭނާގެ މަންމައާ ހެދި އުޅޭ ގޮތް އެންމެ ގާތުން ފެންނަ އެކަކީ ޝަރާއެވެ. އަޔާޒަށް ހަޤީޤަތް އެނގޭ ނަމަ، މަންމައެެއްގެ ފަރާތުން އަޔާޒަށް އެ ލިބޭ ލޯބިން އަޔާޒް ބާކީ ވާނެއެވެ. އެއީ އަޔާޒަށް ފަސޭހަ ކަމަކަށް ޔަޤީންކޮށް ވެސް ނުވާނެއެވެ. ޝަރާއަށް އޭނާގެ ހަޤީޤީ މައިވަންތަ ލޯބި ބީވެގެން ދިޔަ ކަމުގައި ވީނަމަވެސް، އެ އިޙްސާސްތައް އަޔާޒަށް ކުރެވޭކަށް ޝަރާ އެއްވެސް ގޮތަކަށް ބޭނުމެއް ނުވެއެވެ.

މަދު ސިކުންތުކޮޅަކަށް މީހުން ގެއިން ހުސްވިޔަސް، ޒީމާ ހުންނަނީ ޝަރާ ރޮއްވާލާން ބޭނުން ވެފައެވެ. ހެއްދެވި ނެހެއްދެވިއަށް ގޮވާ، ޝަރާއަށް ޒުވާބުކޮށް ހަދައެވެ. ޝަރާއަށް ނުކުރާ ބަދު ދުޢާއެއް ނެތެވެ. އެ ހުރިހާ ހިތްދަތިކަމަށް ޝަރާ ކެތްތެރި ވިއެވެ. އަޔާޒް ދޫކޮށްލާފައި ދިޔުމުގެ އެއްވެސް ޚިޔާލެއް ފިކުރެއް ޝަރާގެ ނެތެވެ. ލިބޭ އަނިޔާއާ އެކު އަޔާޒް ފެނުމުން ޝަރާއަށް އެލިބޭ އުފާވެރިކަން މާ ބޮޑުވާތިއެވެ. 

އަޔާޒްއާ ނުލައި ޝަރާއަށް އޭނާގެ ދިރިއުޅުން ސިފަކޮށްލަން ވެސް ނޭނގޭތީއެވެ. ޝަރާގެ ދުޢާ އަކީ އޭނާއަށް އެ ލިބޭ ވޭން، ކޮންމެވެސް ގޮތަކަށް އަޔާޒަށް އެނގުމެވެ. ޝަރާ ބުނެގެން އަންގަން ޝަރާ ބޭނުމެއް ނުވެއެވެ.

2 މަސް ފާއިތުވެގެން ދިޔައިރު އީމާ ތައްޔާރު ވަމުން ދިޔައީ އޭނާގެ އަލަތު ކައިވެންޏަށެވެ. އީމާގެ ކައިވެންޏަށް ވެސް ޒީމާ އެހާ ޤަބޫލެއް ނޫނެވެ. ސަބަބަކީ އީމާގެ އުމުރުން އަދި ކައިވެންޏަކަށް ދާވަރުވެއްޖެ ކަމަށް ޒީމާއަށް ޤަބޫލު ނުކުރެވޭތީއެވެ. ނަމަވެސް އީމާ ކައިވެނި ކުރަން އުޅެނީ މުއްސަނދި މީހަކާ ކަމުގައި ވާތީ އެކަމާ ކޮންމެވެސް ވަރަކަށް ޒީމާ ހިތްހަމަ ޖެހެއެވެ.

***

އެނދުމަތީގައި ދެފަރާތަށް ފުރޮޅިލަމުން ސުހާ އޮތީ އާދައިގެ މަތިން އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ. އޭނާގެ ލޯބިވެރިޔާގެ ހަނދާންތަކުގައި ސުހާއަށް ލިބެމުންދާ ވޭންތަކަށް އެއްވެސް ފަރުވާއެއް ނެތެވެ. އެއްވެސް ސަބަބެއް ބުނެ ނުދީ، ނޭނގި ކުއްލިއަކަށް އޭނާގެ ލޯބިވެރިޔާ އޭނާއާ ވަކިވެގެން ދިޔައީއެވެ. އެވާންތަކުގައި 6 މަހަށް ވުރެށް ގިނަ ދުވަސް ވެގެން ދިޔަ އިރު ވެސް ސުހާގެ ހިތަށް އެކަމުން އެއްވެސް ތަސައްލީހެއް ނުލިބުނެވެ. އެހެން އޮއްވާ ސުހާއަށް ބަލައިލެވުނީ ފޯނުގެ ވައިބާރ އަށެވެ. ލިބުން ނޮޓިފިކޭޝަން އަކުންނެވެ. ސުހާގެ ދެލޯ ވަގުތުން ބޮޑުވެގެން ދިޔައެވެ. އަތުގެ ތެރޭގައި އޮތް ފޯނު އަތަށް އެއްކޮށް ގަޑު ވެގެން ދިޔަ ކަހަލައެވެ.

"ވާރިޝް.." ސުހާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.