ފައިސަލް ދެއްވަނީ ނުހެދި ގާވި ރަށްތައް ހެދޭނެ ކަމުގެ އުންމީދު

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވި ގޮތުގައި އެއްގޮތަކަށް މަސައްކަތް ނުކުރާ ރަށްތަކަށް ވެސް ހައްލެއް ހޯދަމުން ގެންދާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ޔޫއެންގައި ވާހަކަ ދައްކަވަނީ -- ޓޫރިޒަމް

ރާއްޖޭގެ ޓޫރިޒަމަށް އަންނަ މިނިސްޓަރަކު އެންމެ ނުދައްކާ ވާހަކައަކީ ނުހެދި ހުރި ރަށްތަކުގެ ވާހަކައެވެ؛ ސަބަބަކީ އެކަމަށް ހުރި ހުރަސްތައް ގިނަ ވުމެވެ. ހައްލު ކުރަން ހުރި ކަންކަން ހައްލު ނުވުމެވެ. އެކަމަކު މިހާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި އެންމެ އިސްކަމެއް ދެއްވަނީ ނުހެދި "ގާވެފައި ހުރި" ރަށްތަކަކީ އިގްތިސޯދީ ގޮތުން ރަށްޔިތުންނަށް މަންފާ ލިބޭނެ މަސައްކަތަކަށް ހެއްދެވުމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ފަސް އަހަރުގައި މީގެ ކުރީން ރިސޯޓް ހަދަން ދޫކޮށް ނުހެދި ހުރި ރަށްތަކުގެ ބޮޑުބައި މާކެޓަށް ނެރެވޭނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވަ އެވެ. 

ގައުމީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޒުވާނުން މިނިސްޓަރު ފައިސަލް ރޭ ވިދާޅުވީ ނުހެދި ހުރި 63 ރަށް ހަދަން އެ ރަށްތައް ނަގައިގެން ތިބި ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

"ވަރަށް ބޮޑު ފޯކަސްއެއް އެ ބަދެން މި ރަށްތައް ހަދަން. ބައެއް ރަށްތައް އެބަހުރި 15-25 އަހަރު ކުރިން ދީފައި. މި ރަށްތަކުގެ ދަފުތަރެއް އެކުލަވާލެވި. އެ ފަރާތްތަކާއެކީގައި އެ ބޭފުޅުން ގެނެސްގެން ވަރަށް އެކުވެރި މާހައުލެއްގައި އެބޭފުޅުން ވެސް އެދޭ ގޮތަށް ދައުލަތައް ވެސް ގެއްލުން ނުވާނެ ގޮތަކަށް މިކަމުގެ ހައްލު ގެންނަން ވަނީ މަސައްކަތް ފެށިފައި،" ފައިސަލް ވިދާޅުވި އެވެ. "އުންމީދު ބޮޑު މި ފަސް އަހަރު އެދެވޭ އަދަދަކަށް ނެރެވޭނެ ކަމަށް." 

މަސައްކަތް ނުކުރާ ރަށްތަކަށް ވެސް ހައްލެއް

މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި ނުހެދި ހުރި ރަށްތައް ހެދޭނެ ދެ ގޮތެއް ބަޔާންކޮށް އިކޮނޮމިކް ކައުންސިލް (އީސީ) އަށް ޕޭޕަރެއް ހުށަހަޅާފައިވާނެ އެވެ. އެ ޕޭޕަރުގައި ދޫކޮށް އެކަމަކު އެއްގޮތަކަށް ވެސް މަސައްކަތް ނުކޮށް ހުރި ރަށްތައް ވެސް ހެދޭނެ ގޮތް ވަނީ ލިޔެފަ އެވެ. 

"އެއީ އެއްވެސް މަސައްކަތެއް ނުހިނގާ ހުރި ރަށްތައް [މިސާލަކަށް ފޮރިން އިންވެސްޓަރަކު ނޫނީ ދިވެހި ވިޔަފާރިވެރިއެއް] އެ ރަަށް ބޭނުންނަމަ ނޫނީ އެ ރަށަށް ޝައުގުވެރިކަން ފާޅުކޮށްފިނަމަ ދެ ފަރާތުން ވާހަކަ ދެކެވިގެން ފިނޭންސް މިނިސްޓްރީ އާއި މީރާ އެކު އޭގައި ހުރި ފައިން [ޖޫރިމަނާ] ނުވަތަ ދައުލަތައް ދައްކަންހުރި ފައިސާ މީރާއާއި ފިނޭންސާއެކު ވާހަކަ ދައްކައިގެން އެކަމުގެ ވެސް ހައްލެއް ހޯދައިގެން އެ ރަށްތައް މާކެޓަށް ނެރުން،" ފައިސަލް ވިދާޅުވި އެވެ. 

ޓޫރިޒަމް މިނިސްޓަރު ފައިސަލް އިންޑަސްޓްރީއާއެކު މައުލޫމާތު ދެއްވަނީ

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ އިތުރުން 20 ނޫނީ 50 ޕަަސެންޓް ހެދިފައި ހުރި ރަށްތައް މިނިވަން އިންޑިޕެންޑެންޓް އޮޑިޓް ފާމަކުން އެތަންތައް އިވެލުއޭޓް ކުރާނެ އެވެ. 

"އިވެލިއޭޓްކޮށް މި ތަންތަނުގެ އަސްލު ވެލިއު ދެނެގަނެ އިންވެސްޓް ކުރި ފަރާތަތައްވެސް އޭގެ މަންފާ ކުރަނިވި ގޮތަކަށް ރަށް ހޯދަން ބޭނުންވާ އިންވެސްޓަރަކާ އެކީގައި އެކަމަށް ވެސް ހައްލު ލިބިގެން ދިއުން،" ފައިސަލް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރަމުން ގެންދަނީ ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށާ، މިކަމުގައި ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ އިސް ފަރާތްތަކުން ފެށިގެން ހުރިހާ ފަންތިއެއްގެ ފަރާތް ތަކުން ވެސް ލަފާ ދެއްވާ ކަމަށެވެ. ސަރުކާރުން އުފައްދާ ޑިވްލޮޕްމަންޓް ބޭނުންކާއެކު ނުހެދި ހުރި ރަށްތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

"ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މި ފަސް އަހަރު މިކަމުގެ މާލީ ފަންނީ ބޭފުޅުންގެ ލަފާއާއެކު ރަށްތައް ހެދޭނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ. 

ރަށްތައް ބިލިއަން ޑޮލަރުގެ ގެއްލުން

މިހާރުގެ ނުހެދި ހުރި ރައްތަކުގެ ސަބަބުން އަހަރަކު 1.4 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 21.5 ބިލިއަން ރުފިޔާ) ނުވަތަ ފަސް އަހަރު ދުވަހަށް ބަލާނަމަ ހަތް ބިލިއަން ޑޮލަރު ނުވަތަ 107 ބިލިއަން ރުފިޔާގެ ގެއްލުމެއް ދަނީ ރާއްޖެ އަށް ވަމުންނެވެ. ސަރުކާރުން އެންމެފަހުން ނެރުނު އިގްތިސޯދީ ހާލަތުގެ ރިޕޯޓު ހާވާލުމުން އެނގޭ ގޮތުން ނުހެދި ހުރި ރަށްތަކުގެ ސަބަބުން ރާއްޖެ އަށް ކުރަން ޖެހޭ ފައިދާ ނުލިބި ބޮޑު އޮޕަރޭޝަނަލް ކޮސްޓެއް އަދާ ކުރަން ވަނީ މަޖުބޫރުވެފައި ވެއެވެ. ރަށްތައް ނުހެދޭތީ ޓޫރިޒަމުން ސަރުކާރަށް ލިބެން ޖެހޭ އާމްދަނީ ދަނީ ގެއްލެމުންނެވެ. އަދި ރިސޯޓްތަކުން އިގްތިސޯދުގެ އެހެނިހެން ދާއިރާތަކަށް ނުސީދާ ގޮތުން ލިބެން އޮތް މަންފާ ވެސް ގެއްލިފައި ވެއެވެ. އެ ރަށްތައް ހުޅުވިއްޖެނަމަ އެންމެ މަދުވެގެން 21،000 އެނދު އުފެދޭނެ އެވެ. އެ ރަށްތައް ނުހެދި ލަސްވަމުން ދިއުމާއެކު މި ފުރުސަތު ވެސް ވަނީ ގެއްލިފަ އެވެ. މީގެ އިތުރުން އެ ރިސޯޓްތަކުގެ ސަބަބުން ކައިރި ރަށްތަކުން އުފެދެން ޖެހޭ ވަޒީފާތަކެއް ނުއުފެދި ވަނީ ގެއްލިފަ އެވެ. އަންދާޒާ ކުރެވިފައިވާ ގޮތުގައި އެ ރިސޯޓުތައް ހުޅުވިއްޖެނަމަ 16،000 ވަޒީފާ އުފެދޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.